ރާއްޖޭގައި ކުރާ ޒަމާނީ މަސްވެރިކަން ދަސްކޮށް، ތަޖުރިބާ ހޯދުމަށް ހަ ދޯންޏެއްގައި އިއްޔެ މަހަށްދިޔަ ޅ. ނައިފަރުގެ 80 އަންހެނުން 15 ޓަނުގެ މަސް ބާނައިގެން މިއަދު ހަވީރު ރަށަށް ލަފައިފިއެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަހާ ދިމާކޮށް، "ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރު"ގެ ފަރާތުން އިންތިޒާމްކުރި މި ދަތުރުގައި މި ހަ ދޯނި މަހަށް ފުރީ އިއްޔެ ހަވީރު އެވެ. ރޭގައި އެން ހިފުމަށްފަހު، ކަނޑަށް ނުކުމެ މަސް ބޭނީ ރޭ ފަތިހުން ފެށިގެންނެވެ.

ކަނޑުމަތީގައި 24 ގަޑިއިރު ހޭދަކުރި މި މަސް ދަތުރުގައި އުމުރުން 18 އަހަރުން ފެށިގެން 60 އަހަރާ ދެމެދުގެ އަންހެނުން ހިމެނެއެވެ.
ރާއްޖޭގެ އުތުރުގައި މަސްވެރިކަމަށް އެންމެ މަޝްހޫރު ރަށް ކަމުގައިވާ ނައިފަރުގައި އާންމުކޮށް ހުޅުވާލައިގެން މީހުން ބައިވެރިކުރި މި މަސްދަތުރުގައި އެންމެ ބޮޑު މަސް ބޭނި ދޯންޏެއް ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

"ހުރިހާ ދޯންޏަކުން ބޭނީ ގާތްގަނޑަކަށް ފަނަރަ ވަރަކަށް ޓަނު،" ނައިފަރު ފިޝަމަންސް އެސޯސިއޭޝަންގެ ރައީސް ފަރުހާދު މުހައްމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެންމެ ބޮޑު ކަނޑުމަސް ބޭނި އެއްވަނަ، ދެވަނަ އަދި ތިން ވަނަ ދޯނި ހޮވައި، އިނާމާއި ހަނދާނީ ލިއުން ދޭނީ އެ ކަމަށްޓަކައި މިރޭ ބާއްވާ ހާއްސަ ހަފުލާގައި ކަމަށެވެ.

މި މަސްދަތުރަށް ނައިފަރު ކައުންސިލާއި މިފްކޯ އާއި އެމް.އެން.ޑީ.އެފާއި ނައިފަރުގެ ބައެއް ވިޔަފާރިވެރިންގެ އެހީތެރިކަން ލިބޭ ކަމުގައި ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރުން ބުނެއެވެ.



advertisment
One Response
ما شاء الله تبارك الله رب العالمين