ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިމާވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބެލުމުގައި އަމަލުކުރާ އުޞޫލުތައް ހަރުދަނާކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުންނާއެކު މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ، ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާއި އިތުރު ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވިލަރެސްކުރާ ކޮމިޓީގެ މި އަހަރުގެ ތިންވަނަ ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި އެންމެ އިސްކަމެއްގެ ގޮތުން މަޝްވަރާކުރައްވާފައި ވަނީ، ސަރުކާރުން ހުށަހަޅުއްވާފައިވާ ގޮތަށް، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން ޞިއްޙީ ގޮތުން ޛަރޫރީ ހާލަތެއް މެދުވެރިވުމާއި، ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ ހާލަތްތަކާއި، މުވައްޒަފެއްގެ ޢާއިލާގެ މެންބަރަކަށް ކުރިމަތިވާ ޞިއްޙީ ހާލަތެއްގައި އެ މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތުތަކާ އެއްކިބާވާންޖެހޭ ހާލަތްތަކުގައި، އެ ފަދަ މުވައްޒަފުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން މުސާރައާއި އިނާޔަތްތައް ލިބޭނެ ގޮތަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި ލިބޭ ދުވަހުގެ އަދަދު އިތުރުކޮށްދިނުމަށް ސިވިލް ސަރވިސްގެ ޤަވާޢިދަށް ގެންނަންޖެހޭ އިޞްލާޙުތަކާ ގުޅޭގޮތުންނެވެ.
މީގެ އިތުރުން، ސިވިލް ސަރވިސް މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރާ ތެލެސީމިއާ ފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމާއި، މުޖުތަމަޢުގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބާކީވިޔަ ނުދީ، އެ ފަރާތްތަކަށް ވެސް ވަޒީފާގެ އިތުރު ފުރުޞަތުތައް ތަނަވަސްކޮށްދިނުމާ ގުޅޭ ގޮތުން މި ބައްދަލުކުރެއްވުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. އަދި، މި ބަދަލުތައް ގެނައުމުގައި ކުރިމަތިވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ވެސް ބައްދަލުކުރެއްވުމުގެ ބައިވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއެކު މަޝްވަރާ ކުރައްވާފައެވެ. ދިވެހި ސިވިލް ސަރވިސްއަށް މިފަދަ ހެޔޮ ބަދަލުތަކެއް ގެނައުމާއި، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކުރިމަތިވާ އެކިއެކި ދަތިތައް ހައްލުކޮށްދިނުމާއި، އެ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް އިންތިޒާމުކޮށްދިނުމަކީ ސަރުކާރުގެ އިސް އަމާޒެކެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސިވިލް ސަރވިސް ކޮމިޝަނާއި، ސިވިލް ސަރވިސްގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ސިވިލް ސަރވިސްގެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމުގައި ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާ، އެ މަނިކުފާނު ވަނީ، ސިވިލް ސަރވިސްއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރިއަށް އޮތް ތަނުގައި ވެސް ދެމި ތިބުމަށް އެ ކޮމިޝަނުގެ މެންބަރުންނާއި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއެކު ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމުގައި ސިވިލް ސަރވިސް ކޮމިޝަނާއި ސިވިލް ސަރވިސްގެ މުވައްޒަފުން އަދާކުރާ ދައުރު އިތުރަށް ފުޅާކުރުމާއި، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މެދުކެނޑުމެއް ނެތި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދީ، ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، އެ ގޮތުން ހިންގާ ތަމްރީނުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމުންދާކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ވަނީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް މިހާރު ވެސް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރައްވާފައެވެ. މީގެ އިތުރުން، ސިވިލް ސަރވިސްއަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދޭ ތަނަށް ހެދުމާއި، ޚިދުމަތުގެ ފެންވަރު މަތިކޮށް، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް އެ ބޭފުޅުން ރައީސުލްޖުމްހުރިއްޔާގެ ނައިބާ ޙިއްޞާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީއާއި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަޙްމަދު ސަމީރާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުޞްޠަފާ ލުޠުފީ ބައިވެރިވެ ވަޑައިގެންނެވިއެވެ.



advertisment