Support Us

ޑަބްލިއު.އެޗް.އޯގެ މަންދޫބު ވަދާޢީ ޒިޔާރަތް ކުރައްވައިފި

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތުރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19ގެ ހާލަތުގައި ކުރިމަތިވި ގޮންޖެހުންތަކަކީ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ އެކި ނުރައްކާތަކާއި، އެ ޤައުމުތަކުގެ ނާޒުކުކަން ހަނދުމަކޮށްދޭ މިސާލެއްގެ ގޮތުގައި ސިފަކުރައްވާ، މި ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި އެ ޖަމުޢިއްޔާއިން ދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާފައެވެ. އަދި، ވަކީން ޚާއްޞަކޮށް، ޑޮކްޓަރ އަރްވިންދް މާތުރުގެ މަންދޫބުކަމުގެ ދައުރުގައި އެ ޖަމުޢިއްޔާއިން ރާއްޖެއާމެދު ބަހައްޓަމުންދާ ގާތްކަމާއި، ބަދަހިވަމުންދިޔަ ގުޅުމަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރ އަރްވިންދް މާތުރު ދެއްކެވި ވާހަކަފުޅުގައި ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ، އަދި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި، ހޯދާފައިވާ ތަރައްޤީއާއި ކާމިޔާބީއަށް ތަޢުރީފު ކުރެއްވިއެވެ. އެ ގޮތުން، ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ސަރވިކަލް ކެންސަރުން ރައްކާތެރިވުމަށް އެޗް.ވީ.ޕީ. ވެކްސިން ފޯރުކޮށްދިނުމާއެކު ރާއްޖޭގެ ޞިއްޙީ ޤާބިލުކަން އިތުރުވެފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް އެ ބަލީގެ ވެކްސިން ހޯދުމުގައި ރާއްޖެއަށް އެ ޖަމުޢިއްޔާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މިކަމާއިމެދު ވާހަކަފުޅު ދައްކަވަމުން ޑޮކްޓަރ އަރްވިންދް މާތުރު ވަނީ، ރާއްޖެއިން ކޯވެކްސް ފެސިލިޓީގައި ބައިވެރިވުމަށް ނިންމި ނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ކޯވިޑް-19ގެ ވެކްސިން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އެ ޖަމުޢިއްޔާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޑޮކްޓަރ އަރްވިންދް މާތުރުއަށް ކުރިއަށް އޮތް ދުވަސްތަކުގައި ފާގަތިކަމާއި ކަމިޔާބީއަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *