ރިހޭ މޭގެ ރިހުމާ އަޅާ ވޭން އެނގޭހޭ
ލިބޭ ގޮތްގޮތުން އެކި ލަދާ ތަދު އެނގޭހޭ
ކުރާ އަސަރު ގައި ހުރި ތުރާތައް އެނގޭހޭ
މި ހިތްދަތި ހަޔާތުގެ ހަގީގަތް އެނގޭހޭ
ކުރާ އެކި ފުރައްސާރަތައް ހާދަ ހިއްޗޭ
ކުރާއިރު އަހަން އަޑު ހިތަށް ހާދަ ދައްޗޭ
ކުރާ މީހުނަށް ނޭނގެނީބާ މިހާލާ
ފުރާނައިގެ ހައްގާ މި އުފުލާ ތުރާލާ
ފުރާލާ ލޮލުން ކަރުނަ އޮހޮރޭ އެނގޭހޭ
މި ހިތްދަތި ހަޔާތުގެ ހަގީގަތް އެނގޭހޭ
މިއީ ހިތުގެ ރުއިމާ ކުރާ އިލްތިޖާ އޭ
މިއީ އުފުލުމަށް އަޑު މިއަދު އޮތް ނިދާއޭ
ކުރާށޭ މިހާލަށް ރަހުމު ރައްޔިތުންނޭ
ގުޅާލާ އަތާއަތް މި ތިބިހާ ކަތުންނޭ
މިތާ އިމްތިހާނެއް މި ކުރެވޭ އެނގޭހޭ
މި ހިތްދަތި ހަޔާތުގެ ހަގީގަތް އެނގޭހޭ
ޝުކުރުވެރިވަމޭ ޚާއްޞަ ލިބިދޭ އެހީ އަށް
ފިކުރު ކުރެވެއޭ ސިކުނޑި އަށް ވަންނަ ހީ އަށް
އިތުރު ނެތް މިތުރުނޭ އެހީ އެއް ލިބޭކަށް
ސިތުރަ ފުރަ ނިޔާނޫން ކިޔާކަށް ދެކޭކަށް
ނުކުޅެދުންތެރީންނޭ މިއީ އެބަ އެނގޭހޭ
މި ހިތްދަތި ހަޔާތުގެ ހަގީގަތް އެނގޭހޭ
ނޯޓު: ޅެންވެރިކަމުގެ ހަމަތަކަށް ވުރެ ރާގުގެ ބަނޑިތަކަށް ބަލައިގެން ހަދާފައިވާ ލަވައެއް.
