Support Us

 ދެގަޑިއިރާއި ތިރީސް މިނިޓް ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށްފަހު އަބްދުއްރަހީމް:

"މަނިކުފާނުގެ ހިތްވަރުގަދަކަމާއި ކެތްތެރިކަމާއި ސާބިތުކަން އެނގިއްޖެ" 

ވާހަކަ ދައްކަވަމުން ފެއްޓެވުމުގެ ކުރިން އަބްދުއްރަހީމް އަބްދުﷲ ފުރަތަމައިނުން ވެސް ވިދާޅުވިއެވެ.

"މިއަދު ކަންދިމާވި ގޮތުން އަޅުގަނޑަކަށް ވާހަކަ ދައްކާކަށް އެހާ ފަސޭހައެއް ނޫން. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލާނީ މިއަދަކީ ހަމަ ނަސީބުވެސް ހަމަ ވަރަށް ރަނގަޅު ދުވަހެކޭ. އެހެން ދަންނަވާލަން މިޖެހުނީ ރައީސް ޔާމީން ޖަލުގައި އޮންނަވާތާ އެއް އަހަރު ފުރުނު ދުވަހު އަޅުގަނޑަށް އެ މަނިކުފާނުގެ ފައިންޕުޅު ފެނުމުގެ އުފާވެރިކަން ދާދި ދެންމެއަކު ލިބުނު. މިއަދު 2 ޖެހިއިރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އަޅުގަނޑާ ބައްދަލުވި."

އިދިކޮޅު ކޯލީޝަންގެ ވަގުތީ ލީޑަރު ވާހަކަ ދައްކަވަމުން ގެންދެވީ، މަނީ ލޯންޑަރިންގެ މައްސަލައިގައި މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ތަންފީޒު ކުރައްވަމުން ގެންދަވާތާ މިއަދަށް އެއް އަހަރުވުމާ ދިމާކޮށް، ޕީ.ޕީ.އެމް/ ޕީ.އެން.ސީ ކޯލީޝަންގެ ލީޑަޝިޕާއި ސަޕޯޓަރުން އޮޑިދޯނިފަހަރުގައި މާފުށި ޖަލު ކައިރިއަށް ގޮސް، "ރައީސް ޔާމީނަށް ކުރާ އަނިޔާއާ ދެކޮޅަށް ރާއްޖެ" މި ނަމުގައި ކުރަމުންދިޔަ އިހުތިޖާޖުގައެވެ.

އަޑުގަދަކުރާ މެދުވެރިކޮށް ހަރުއަޑުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމު އެންމެ ފުރަތަމަ ދެއްކެވީ ރައީސް ޔާމީނާއެކު މާފުށީ ޖަލުގައި ބޭއްވި ގާތްގަނޑަކަށް ދެގަޑިއިރާއި ތިރީސް މިނިޓުގެ ބައްދަލު ކުރެއްވުމުގައި ފާހަގަކުރެއްވުނު ބައެއް ކަންކަމުގެ ވާހަކައެވެ.


"އެ މަނިކުފާނުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދިވެހި ރައްޔިތުން ނިކަމެތިވެ، ބިކަވަމުންދާތީ އޮތް ކޮންބޮޑުވުން. އެ މަނިކުފާނު އެންމެ ހިތްދަތިވަނީ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލި އަޅުވެތިވަމުންދާތީ. އެ މަނިކުފާނުގެ އެންމެ ބޮޑު ހިތާމައަކީ ދިވެހިރާއްޖޭގެ މިނިވަންކަން އަޅުގަނޑުމެން އަތުން ގެއްލިގެން ދާތީ. އެ މަނިކުފާނުގެ އެންމެ ބޮޑަށް ދެރަވަނީ ދިވެހިރާއްޖޭގައި ލާދީނީ ފިކުރު ފެތުރުމަށް ޖާގަ ލިބެމުންދާތީ. މި ކަންކަމުގެ ހިތްދަތިކަމާއި ހިތާމަ ޖަލުގައި އޮންނަވާއިރު ވެސް އެމަނިކުފާނުގެ އަމިއްލަ ހާލުކޮޅަށްވުރެ އެ މަނިކުފާނަށް މާބޮޑަށް އެބަ އުނދަގޫކުރޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ. "އެމަނިކުފާނު އަޅުގަނޑު ގާތުގައި ވިދާޅުވި، އެމަނިކުފާނުގެ ސަޕޯޓަރުންނަށް ދަންނަވާދެއްވާށޭ ތިޔަ ގޮތުގައި ސާބިތުވެ ތިއްބަވައިދެއްވާށޭ. އެމަނިކުފާނު ޖަލުގައި ހޭދަކުރައްވަމުން މި ގެންދަވާ ދުވަސްވަރަކީ އެމަނިކުފާނަށް ކިތަންމެ އުނދަގޫ ދުވަސްތަކެއް ކަމަށް ވިޔަސް، ދިވެހި ގައުމުގެ ހައްގުގައި، ފަސް އަހަރު ޖަލުގައި އޮންނަން ޖެހުނަސް ޖަލުގައި އޮންނަވާނީ އެއްވެސް ކަހަލަ ވަރުބަލިވުމެއް، އެއްވެސް ކަހަލަ ހިތްދަތިކަމެއް ނެތި، ގައުމުގެ ހައްގުގައޭ، ރައްޔިތުންގެ ހައްގުގައޭ."

އަބްދުއްރަހީމް އަދިވެސް ވިދާޅުވިއެވެ.

"އެމަނިކުފާނު ހުންނެވީ ވަރަށް ސާބިތުކަމާ އެކީގައި. އެމަނިކުފާނު ހުންނެވީ މި އަނިޔާވެރި ސަރުކާރަށް ބޯލަނބާ ގޮތަކަށް ނޫން. އެމަނިކުފާނު ހުންނެވީކީ އެ މަނިކުފާނު ޖަލުގައި އޮންނަންޖެހޭތީ ސަރުކާރުން ބުނާހާ ގޮތަކަށް އެއްބަސްވާ ގޮތަކަށެއް ނޫން. އެމަނިކުފާނު ހުންނެވީކީއެއް އެމަނިކުފާނު ނުކުރާ ކުށަކަށް އިއުތިރާފުވާ ގޮތަކަށް ނޫން. އެމަނިކުފާނު ގަބޫލްފުޅު ކުރައްވަނީ އެމަނިކުފާނަކީ މައުސޫމު ބޭފުޅެއް ކަމަށް. އެއީ ދިވެހި ރައްޔިތުން ވެސް ގަބޫލްކުރާ ގޮތަށް. އެއީ އަޅުގަނޑުމެން ވެސް ގަބޫލްކުރާ ގޮތް."

އަބްދުއްރަހީމްގެ ވާހަކައިގެ ފަހުބައި އަމާޒު ކުރެއްވީ ސީދާ ރައީސް ޔާމީނަށެވެ. މުދާއުފުލާ ބޮޑު ދޯންޏެއްގައި ހުންނަވައި، އަޑުގަދަކުރާ ބޭނުންކުރައްވައިގެން ދައްކަވާ ވާހަކަތައް މާފުށީ ޖަލުގެ ވީ.އައި.ޕީ ބްލޮކުގައި އޮންނެވި ރައީސް ޔާމީނަށް އިވިވައިގަންނަވާނެ ކަމަށް ޔަގީންކުރައްވާ ކަމުގައި ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އިއްޒަތްތެރި ރައީސް. ރައްޔިތުންގެ ސަޕޯޓް މަނިކުފާނަށް މި ގައުމުގައި މިއަދު އިންތިހާއަށް އެބަ އޮތް. މަނިކުފާނުު ވެރިކަމުގައި ހުންނެވި އިރަށްވުރެ މަނިކުފާނުގެ ސަޕޯޓް ދުވަހެއް ދުވަހަކަށް ދަނީ މި ގައުމުގައި އިތުރުވަމުން. މި ނާގާބިލް ސަރުކާރުން ގައުމު ހަލާކުރަމުންދާ ކޮންމެ ދުވަހަކީ މަނިކުފާނުގެ ސަޕޯޓު މި ގައުމުގައި އިންތިހާއަށް އިތުރުވެގެންދާ ދުވަހެއް" އަބްދުއްރަހީމް ވިދާޅުވިއެވެ. "މިއަދު ގާތްގަނޑަކަށް ދެގަޑިއިރާއި ތިރީސް މިނިޓް މަނިކުފާނާ އެކު ހޭދަކޮށްލީމާ އަޅުގަނޑަށް އެނގުނު މަނިކުފާނުގެ ހިތްވަރުގަދަކަމާއި މަނިކުފާނުގެ ކެތްތެރިކަމާއި މަނިކުފާނުގެ ސާބިތުކަން. މަނިކުފާނަށް އަޅުގަނޑުމެންގެ ޓީމުގެ ނަމުގައި ހަމަ އައްސަރިބަހާއި ސާބަސް ދަންނަވަން."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *