Support Us

އޮޅު

ފަރުފަރުން އެކި އުޅަނދުތައް ވަދެނުކުމެވާ ތަނަކީ އޮޅޭ
ވަރުވަރުގެ ފުން މަގުތަކުން އޮޑި ވެއްދުމަށް އެކަމަކު އޮޅޭ

މިފަދަ އޮޅުތައް ހުންނަނީ ފަރު ބޭރު ރަށް ރަށުގައި ކަމުން
މިފަދަ ރަށްރަށުގައި ބަނދަރު ހެދުމުން މިނަންތައް ވެސް އޮޅޭ

އުނިޔަ ވައްދަން ރަށު ފަޅުން ފުންކޮށް ބަހައްޓާ ތަންތަނަށް
ބުނި ބަހަކު އޮވެޔޭ، އެއީ ވެސް ދެ ވަނަ މާނައިގައި އޮޅޭ

ބޮނބި އަޅައިގެން ފައުކުރާން އެކި ކުޅިކުޅީގެ ހިސާބުގައި
ގެނބި ކިސަޑު ދާހެން ހަދައިފައި ހުންނަ ތަންތަނަކީ އޮޅޭ

އިންދުމަށް އަލަޔާއި ފަނިއަލަ ހަމަ ބިމުން އަޑި ވާ ގޮތަށް
ބިންމަތީގައި ހުންނަ ތަންތަނަކީ އެއީ ވެސް ހަމަ އޮޅޭ

ދަތި ނުހުންނަ ޒަމާނުގައި އެއްޗެއް ދަމައިގެން ކައިރިކޮށް
އިތި ނުވާހެން ބާރުކޮށް އަނބުރައި ވަލުން އަޅަނީ އޮޅޭ

އަގު އަދާކޮށްފައި ގެޔަށް ވައްދާ ފިނދަނަ ފަދަ ދޫނިތައް
ވަގުކަމާ ސިހުމާ ކެނޑޭހެން ގާތްވުމަށް ކިޔަނީ އޮޅޭ

ކުޑަކުދީންނާ ދޯޅުވުން ވެސް އަދި ރަދީފުން މާނަކޮށް
ކުޑަކުދީންނާ މާ ބޮޑަށް ގާތްކަން އުފެއްދުމަކީ އޮޅޭ

ކުއްޅަވައް ފަލުގައި އުޅުނު 'ކުއްޖާ' ނަޔާ ވީމާ، ފަހުން
ހުންނަވަން ރަސްކޮއިލުގައި ޖެހުމުން ގޮތެކެ ވީ ނަން އޮޅޭ

ލިބުނު މަތިވެރި ނިޢުމަތަށް ވެރިވުން ޝުކުރު ނެތް ޙާލުގައި
މި ބުނިހެން ވާނަމަ އެއީ ގޮތެކޭ ތިމާ ނަފުސަށް އޮޅޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *