މަސްތުވާތަކެއްޗާ ދެކޮޅަށް ފަސް ރަށެއްގައި ހިންގި އޮޕަރޭޝަންތަކެއްގައި ނުވަ މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން ބުނީ މި ފަހަރުގެ އޮޕަރޭޝަންތައް ހިންގީ ށ. މާއުނގޫދޫ، ށ. ފުނަދޫ، ތ. ގުރައިދޫ، އދ. މާމިގިލި އަދި ށ. ފޭދޫގައި ކަމަށެވެ.
އެގޮތުން ށ. މާއުނގޫދޫގައި ހިންގި އޮޕަރޭޝަނުގައި 22 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހެއްގެ އިތުރުން 24 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ. އެ އޮޕަރޭޝަނުގައި، އެ ތިން މީހުން ދިރިއުޅޭ ގެ ވަކިވަކިން ބަލައި ފާސްކުރިއިރު، 22 އަހަރުގެ މީހާ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 88 ރަބަރު ޕެކެޓު ފެނިފައިވެއެވެ. އަދި 23 އަހަރުގެ މީހާ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ކަރުދާސްކޮޅު ފެނިފައިވާއިރު 24 އަހަރުގެ މީހާ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 22 އަހަރުގެ މީހާއާއި 23 އަހަރުގެ މީހާއަށް 15 ދުވަސް ދީފައިވާއިރު 24 އަހަރުގެ މީހާއަށް 10 ދުވަސް ދީފައިވާ ކަމަށް ވެސް ކަމަށް ފުލުހުން ބުނެއެވެ.
މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ށ. ފުނަދޫގައި ހިންގި އޮޕަރޭޝަނުގައި 23 އަހަރުގެ ދެ މީހުންނާއި 34 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ރޭ ދަންވަރު ހިންގި އެ އޮޕަރޭޝަނުގައި އެ ތިން މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ވަނީ ފެނިފައެވެ.
ތ. ގުރައިދޫގައި މި ނޮވެމްބަރ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، އެ ރަށު ބަނދަރުމަތިން 52 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ކަރުދާސްކޮޅު ވަނީ ފެނިފައެވެ.
އދ. މާމިގިލީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށު ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު 26 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. މި ނޮވެމްބަރ 25 ވަނަ ދުވަހު، އޭނާ ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހޮޅިކޮޅަކާއި ކަރުދާސްކޮޅެއް ވަނީ ފެނިފައެވެ.
ށ. ފޭދޫގައި ހިންގި އޮޕަރޭޝަނުގައި 49 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. މި ހިނގާ ނޮވެމްބަރ 25 ވަނަ ދުވަހު އެރަށު ބަނދަރުމަތިން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.



advertisment