ޢިޝްޤަކީ ޖަޒްބާތެކޭ ރިހުމާއި މީރުން އުފެދިދާ
ޖިސްމަށާ ރޫޙަށް ދިރުންދޭ މަސްރަހެއްގައި ވެރިވެދާ
އިޝްޤަކީ އަލިނޫރެކޭ ދިއްލޭ ހިތުގެ ފުން ޢުމްޤުގައި
ވިއްސުނަސް ގަދަ ވައިތެރޭގައި އޭގެހުޅުކޮޅު ނިވިނުދާ
ޢިޝްޤަކީ ރުޅި މޫނުދައްކާ ޣަފްލަތަށް ނުރުހުންވެފާ
ފިސްނުވާ ބާރެއް ވުޖޫދަށް މުޅިޙަޔާތުގެ އެކުވެދާ
ޢިޝްޤަކީ ބޭހެއް ހިތުގެ ބައްޔަށްޖެހޭ ފަރުވާ ލިބޭ
ޙިއްސުތައް ހޭލައްވަމުން މީހާގެ ވިސްނުން ހުޅުވިދާ
ޢިޝްޤަކީ ގަދަބާރެކޭ އެދިމާއަކަށް ހިތްލަންބުވާ
ވިސްނުމާފިކުރާ ޚިޔާލާ އެއްގަހާ އަށް ފަހިވެދާ
ޢިޝްޤަކީ ނިދުމާ އަރާމާ ލޯތްބަކަށް މުޅި ވަޤުފުވާ
ވިސްނުމެއް މުޅިނަފުސުވެސް އެފަރާތަކަށް ޤުރުބާންވެދާ
ޢިޝްޤަކީ އެއުފަންވެދާ ބިމުގައި އެއިން ގަސްތައްފަޅައި
އިސްކޮޅަށްވުރެ މާމަތީގައި ޒާރެކޭ މާފަރިވެދާ
ޢިޝްޤަކީ އެދުމެއް އެއާ ގުޅިފައި ނުވާނެ ފިދާއެކޭ
ޢިޝްޤުގައި ނޯންނާނެ ލޭންދޭނެއް ހިތުން ބާކީވެދާ
އިޝްޤަކީ އެ އުފަންވުމުން ރޫޙާފުރާނަ އެއާގުޅޭ
ވިސްނިއަސް ނޫނަސް ނުދާ ވަގުތެއް ހަނދާނުން ވަކިވެދާ
