ހީވަނީ އަހަރެންގެ އުމުރު ވަރަށްބޮޑަށް ކުރު ވެއްޖެހެން
ހީވަނީ ނޭވާ ލުމަށްވެސް މާބޮޑަށް ދަތިވެއްޖެހެން
ހީވަނީ މެޔަށާ ހިތައް އެއްޗެއް ހަރާފައި ހުންނަހެން
ހީވަނީ ބޯފެން ފޮދެއްވެސް އަރު ތެރޭގައި ތާށިވާހެން
ހީވަނީ ދެލޮލުން އެކީ އަލިކަން ފިލައި ކަނު ވެއްޖެހެން
ހީވަނީ ކަންފަތުގެ އިވުމަށްވެސް ތަފާތެއް އަންނަހެން
ހީވަނީ މިދުލުން ބަހެއް ދެން ނުބުނެވޭވަރު ވެއްޖެހެން
ހީވަނީ އަނގަޔާ ދުލާ އެއްކޮށް އެކީގައި ބަންދު ވާހެން
ހީވަނީ ބޭހާއި ފަރުވާއިން، އަޅާ ވޭން އިތުރުވާ ހެން
ހީވަނީ "މަރު ބައްޔަޔަކަށް ބޭހެއް އަލުން ނޯންނާނެހެން"
ހީވަނީ ޢުމްރާއި ބަލި ޙާލާއި މިއަޅާ ވޭން ތަކުން،
ހީވަނީ ވަގުތާއި ސާޢަތް މިދުނިޔޭން ހަމަ ވެއްޖެ ހެން
ހީވަނީ ދެން ރަނގަޅުވާނީވެސް ޝަހާދެއް ލައިދިނުން،
ހީވަނީ ކަފުނާއި ސަންދޯކާ ގެނެސް ކައިރީ ތިބެން
ހީވަނީ ފައިކޮޅު އެކީގަ ފުރާނަގޮސް ފިނި ވެއްޖެހެން
"ހީވަނީ މަލަކުލް މައުތުވެސް" ދާދި ކައިރިން ފެންނަހެން
