އަނގަޔަކުން ތެދުވެރިކަމުގެ އެއްވެސް އަޑެއް ނީވޭ ހިނދުން
ރަނގަ ބަދަލުވާ ހިނދު އެއީ ހުސް ގުސްތަރޭ ގޮވެނީ ދުލުން
ދަގަނޑުހެން ދޫ ހަރުވެޔޭ ކައްޛާބަކަށް ވީމާ ފަހުން
ގަސްތުގައި ދޮގުތައް ހަދާ ނަމަ، އޮޅުވުމަށް ނިޔަތާއެކީ
ފަސްލަކުން ފަށަމުން އެ ގޮތުގައި ދާއިމަށް ހުރުމާއެކީ
ފަސްއަޅައި ފޮރުވަން ހަދާ ދޮގު ގުނަވެގެން ދާނޭ ފަހުން
ދޫ، ކުރާ ޙަރަކާތްތަކުން ތެދުވެރިކަމަށް މަގު ފަހިނުކޮށް
ދޫކުރާނަމަ، ބަސްމަގެއް ހަމަ ގަސްތުގައި ތަކުރާރުކޮށް
ދޫކުރާނޭ ދުނިޔެ ވެސް ކައްޛާބަކަށް ލިޔެވޭ ހިނދުން
ލަދުގަތުން ޢަމުދުން ނުވާ ނަމަ، ކޮން ކަމެއް ނުކުރާނެނީ؟
ލަދު ހަޔާތުގެ ކަންފުޅެއް ނެތް ނަމަ، ހަދާ ދޮގު ފެންނަނީ
އަދު މިހެން… އެކަމަކު އެއީ ކައްޛާބެކޭ އަޖަލުގެ ފަތުން
އެންމެ މާތް އިންސާނަށޭ "ޞާދިޤު"ގެ ނަން ލިބިފައިވަނީ
ދެން މުސައިލަމަތޭ އެއީ ކައްޛާބަކަށް ނަން ލިޔެވެނީ
އެންމެނަށް ތަޠުބީޤުވާނެ އުޞޫލެކޭ، ޢަމަލާ ބަހުން
އެންމެނަށް އެނގި ފާޅުވާހެން ގަސްތުގައި ދޮގުތައް ހަދައި
އެންމެހައި ފުރުޞަތުތަކެއްގައި ވެސް ސިޔާސަތަކަށް ހަދައި
ދަންމަމުން މި އުޞޫލު ގެންދާނަމަ ވަރަށް ހިއްޗޭ ނިމުން
ތިޔަ ހަދާހާ ދޮގުތަކެއް އެނގެޔޭ އަހަން ތިބި އެންމެނަށް
ވިޔަކުރާން ތިއްބެވި މަލާއިކަތުންގެ ފަހި ފަތްފުށްތަކަށް
ބިޔަކުރާން އުޅުނަސް ބިނާއެއް ތިޔަ ދޮގުން، ދާނީ ފުލުން
އޭ ކުދީންނޭ ގަސްތުގައި ނަހަދާށެ ދޮގުތައް ތިޔަ ގޮތަށް
ގޭ ކުދީންނަށް ފާޅުގައި ފެންނާން އެހެރަ ގިނަކަންކަމަށް
އޭކު ވާނީ އެކަކަށޭ ހުރިހާ ކުދީން ދަނެޔޭ ހިތުން
