މިއީ އުފެދޭ ޚިޔާލެއް ގައި ކިޔާ އަހަރެން ޅެމެއް ނޫނޭ
މިއީ ލޯތްބެއްގެ ޖައުހަރު ވިރިކެކޭ އާވިން އަރާ ހޫނޭ
އަވައްޓެރިޔާ ގެ ވަޙުޝީ ކޮނޑުމަތީން ފަރުދާގެ ނިވަލުން އައިސް
މިވެށްޓަށް ދަރު އަޅާލީމާ އަނދާ އަލިފާން ގެނައި ހޫނޭ
ނަސީބާ އިއްޒަތުގެ ތޮރުފަން މަގޭމޭ ތިޔަ އަދާވަތުގައި
މުސީބާތުގެ އުކާ ދުނިތައް މި ހާލަތުގައި ވަރަށް ތޫނޭ
އެދުންވެރިކަމުގެ ކަސްތޮޅު ގައި ހަފުސްކޮށް ސިކުނޑި އާއި ހިތާ
ތެދުން އައި ބަބުޅަމުން ތިޔަ ހުތުރު ކުރަނީ ރީތި އަލި މޫނޭ
މަލަށް ތާރީފުކޮށް ފޮނިބޯން ވުމުން ގާތަށް އައިސް އުދުހޭ
މަލަށް ރޭކާ ނުލާކަން ކަށަވަރީ މާބުރުގެ ގާނޫނޭ
ތެތަށް ނެތް ތަންފުކެއް ކެނޑުމެއް ހަގީގަތް ކަޝްފުވާ މިލެކުން
އެތައްފަހަރަކު ހިތުން ދަސްކުރި މިއީ ދެލި ހުތުރު މަޒުމޫނޭ
ހިޔާވަހި އެންމެ ލޮބުވެތި އަދި އަމާން އޮތް މިލްކުގާ އަމަށުން
ނިޔާމައިގާ އަލުން އޮތުމީ މަށަށް ކަށަވަރު ކަމެއް ނޫނޭ
މިހެން ބުންޏަސް މިހެން ލިޔުނަސް މިވާހަކަތައް ކިޔައިދެވުނަސް
ރިހުން މި ރިހޭ އުފުއްލަން ލަގޮނޑި އަށް ކުޅަދާނައެއް ނޫނޭ
