ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ނުފެނި ގިނަ ދުވަސްތަކެއް ވުމަށްފަހު މީދޫ ދާއިރާގެ މެމްބަރު ސަން އަހުމަދު ސިޔާމު މިއަދު މަޖުލީހަށް ވަޑައިގެން، އަންނަ އަހަރުގެ ބަޖެޓް ބަހުސްގައި، ރައްޔިތުންގެ މަޖިލީސްގެ ރައީސް މުހައްމަދު ނަޝީދަށް ހޫނު ހަމަލާތަކެއް މިއަދު ވަނީ ދެއްވައިފައެވެ.
މަޝްހޫރު ޓޫރިޒަމް ވިޔަފާރިވެރިޔާ އަދި އެމް.ޑީ.އޭގެ ލީޑަރު ސިޔާމްގެ ހަމަލާތައް ރައީސް ނަޝީދަށް އަމާޒުކުރެއްވީ، ހިލްޓަން ކުންފުނިން، ސިޔާމުގެ ސަން ޓްރެވަލްސްއާ ދެކޮޅަށް ކުރިއަށްގެންދާ ނ. އިރުފުށި ރިސޯޓުގެ މައްސަލައިގައި ސިޔާމްގެ ވިޔަފާރި އެކައުންޓްތަކެއް ފްރީޒުކުރި މައްސަލައިގައެވެ. ސިޔާމް ތުހުމަތު ކުރައްވަނީ އެ މައްސަލައިގެ ތެރެއަށް ރައީސް ނަޝީދު ވަންނަވައި ހިލްޓަން ކުންފުންޏާ އެއްކޮޅަށް މަސައްކަތް ކުރައްވާ ކަމަށެވެ.
ސިޔާމް ވިދާޅުވީ ރައީސް ނަޝީދު ހުރިހާ ކަމެއް ކުރައްވަނީ ގަވައިދާ ހިލާފަށް ކަމަށެވެ.
"އަޅުގަނޑު މި ދައްކަނީ ތިބޭފުޅުން އެކަމުގެ ތެރެއަށް ވަން ވާހަކަ، އަޅުގަނޑު މިދައްކަނީ ތިބޭފުޅާ، ހިލްޓަން ކުންފުނީގެ ތެރެއަށް ވަދެގެން އެތަނަށް އިންފްލުއެންސްކޮށްގެން އަޅުގަނޑަށް އަނިޔާ ކުރަމުންދާ ވާހަކަ،" ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި ސިޔާމް ވިދާޅުވިއެވެ.
ސިޔާމުގެ ވާހަކަ ހުއްޓުވަން އެމް.ޑީ.ޕީގެ ބައެއް މެމްބަރުން ނިޒާމީ ނުކުތާ ނަންގަވައިގެން ވެސް ވާހަކަ ދެއްކެވިއެވެ. ނަމަވެސް ސިޔާމު ވަނީ އޭނާގެ ހުރިހައި އުދާހެއް ބޭރުކޮށްލައްވައިފައެވެ.
MP Sun Siyam attacks Speaker Mohamed Nasheed in Majlis today. https://t.co/56VPC2rKYP pic.twitter.com/Ec4MdmALlW
— fisaarithedhu (@fisaarithedhu) November 18, 2020
"އަޅުގަނޑު މި ދައްކަނީ ދިވެހިިރާއްޖޭގައި އަދުލުއިންސާފު މިއަދު ގާއިމުވެފައި ނެތް ވާހަކަ. އަޅުގަނޑު މި ދައްކަނީ ދިވެހިރާއްޖޭގެ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބޭނުންވާ ގޮތަކަށް މަނިކުފާނު ތިތާ އިނދެގެން ބޭނުންވާހާ ގޮތަކަށް ކަންތައްކުރާ ވާހަކަ،" ސިޔާމް ވިދާޅުވިއެވެ.
އެޖެންޑާކޮށްފައިވާ މައްސަލައިގެ ބޭރުން ސިޔާމް ވާހަކަ ދައްކަވަމުން ގެންދެވުމުން ރައީސް ނަޝީދު ވަނީ، އަމިއްލަ ވިޔަފާރީގެ ވާހަކަތައް މަޖުލީހުގައި ނުދެއްކެވުމަށް ތަކުރާރުކޮށް ނަސޭހަތް ވެސް ދެއްވައިފައެވެ. ނަމަވެސް ސިޔާމް ވިދާޅުވަމުން ގެންދެވީ އޭނާ ވާހަކަ ދައްކަވަމުން ގެންދަވަނީ ބަޖެޓާ ބެހޭ ގޮތުން ކަމަށެވެ.
"އަޅުގަނޑުމެން މި މަޖުލީހަށް އައީ ރަނގަޅު އަދުލްއިންސާފު ގާއިމުކޮށްދޭނަމޭ ކިޔާފަ. އެހެން ނަމަވެސް މިއަދު މި މަޖުލީހުން ޖުޑީޝަލް ސަރވިސް ކޮމިޝަނެއް ހަދައިން މި މަޖުލީހަކީ ކޯޓަކަށް ތިޔަ ބޭފުޅާ ހައްދަވައިފި. މުޅި މި މަޖުލީސް ހަރާބުުކޮށްލައިފި. މުޅި މި ގައުމު ހަރާބުކޮށްލައިފި،" ސިޔާމް ވިދާޅުވިއެވެ.



advertisment