Support Us

މިގައުމުގައި ދިރިއުޅެވޭކަށް ނެތް

މިގައުމުގެ ރައްޔިތެއްގެ ގޮތުން މިތާ އުޅެވޭކަށެއް ދެން ނެތް
މިގައުމުން ބޭރުގައި، އެހެނަސް އުޅެން ކެރި ފޯރުމެއްވެސް ނެތް

ތަޅާ ފޮޅުމާ ކަޓަރު އެޅުމާ ޑްރަގު ބުއިމާއި، ރާ ބުއިމާ،
ހަދާ މަކަރާއި ދޮގު ނޫން ދެން އަޑެއް ގައުމުން އަހާކަށް ނެތް

އިރާކޮޅުގައި އޮތީ ފޭރުން، ފަތިސްކޮޅުގައިމެ ރޭޕް ކުރުން،
ނިދާލީމާ ފިހާރަ ފެޅުން މިނޫން ޙާލެއް މިގައުމަކު ނެތް

ދަތުރުވެރިޔެއް ފަތުރުވެރިޔެއް، އަތުގަ ރަނގަޅަށް ޖެހިއްޖެއްޔާ
ކަޓަރު އަޅަމުން ވޮލެޓު އަތުލައި ގަތުލު ނުކުރާނެ މީހެއް ނެތް

ގުޅާލާ ފޯނު ކޯލުންވެސް ދޮގާ މަކަރާއި އޮޅުވާ ލުން
ބުނާ ގޮތަކަށް ހަދައިގެންނެއް ނުބައި ކެއްސެއް ނުދީ އަދި ނެތް

ނަމާދަށް މިސްކިތަށް އެރިޔަސް ނަމާދުން ނިމި ބަލައިލާ އިރު،
އަރާ ފައިވާންގަނޑާ، ބޫޓާ، ނަގައިގެން އަދި ނުގެންގޮސް ނެތް

ބައެއް މައިންނާ ބަފައިން ލަދުނެތި ދަރީންނާމެދު "ހަނގާ ކޮށްފާ"
ބައެއް ވަޙްޝީ ޢަމަލު ހިންގުން، ޙަލާލު ޙަރާމު ބެލުމެއް ނެތް

ދުވާލެއް ރޭގަނޑެއްވެސް ނެތް، އިރާކޮޅު މެންދަމެއްވެސް ނެތް،
ކުރާ ބިރުވެރި ޢަމަލުތައް ހުއްޓުވޭނެ މުއައްސަސާއެއް ނެތް

ސަލާމަތް ވާނެގޮތް ނެތުމާ ތަޅާ ފޮޅުމާ ކަޓަރު އެޅުމާ
އަމާން ކަން ހޯދަ ދޭމީހަކު މަރާލުން ނޫން ގޮތެއް އަދު ނެތް

ލޮލަށް ފެނުނަސް ޝަރީޢަތުގައި ތެދަށް ހެކިބަސް ދެވޭކަށް ނެތް
ބޮލާ ކަނދުރާ ކަނޑާލުން ނޫން ގޮތެއް ހެކި ދީފިނަމައީ ނެތް

"ކަމެއްގައި ގެންދެވޭ މީހާ ތަނެއްގެ ދޮރުން އެތެރެ ވީމާ،
އަނެއް ދޮރު ތަންޑު ނައްޓައިގެން ނުގޮސް ކުށްވެރިވި މީހެއް ނެތް"

"ނަމުން މުސްލިމް" ޝަރަފު އޮވެފާ ކަމުން މުޝްރިކު ޢަމަލު ކޮށްފާ
އަލުން ޑުރަގާއި، ރާބޮއެފާ، މަގުން ފޭރުންމެ ނޫނީ ނެތް

މިގައުމުގެ ޙާލުހުރިގޮތް އަދު، ކިޔައި ކޮޅަކުން ލުމެއްވެސް ނެތް
މިގައުމަށް ނަޞްރު އެދި އަޅަމެން، ދުޢާ ނޫނީ ކުރާކަށް ނެތް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *