Support Us

ދައުލަތަށް ފައިސާ ހޯދަން 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކުރަނީ

ދައުލަތަށް ބޭނުންވާ ފައިސާ ހޯދަން 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކުރަން ސަރުކާރުން ނިންމައިފިއެވެ.

މިނިސްޓަރ އޮފް ފިނޭންސް، އިބްރާހީމް އަމީރު ސޮއިކުރައްވައި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމަށް އިއްޔެ ފޮނުއްވާފައިވާ ސިޓީއެއްގައި، ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލް އަޤުވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމުގެ މަސައްކަތް އިސްލާމިކް ކޯޕަރޭޝަން ފޮރ ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ (އައިސީޑީ) އާއި އެކު ކުރަމުންދާކަން ވަނީ އަންގަވައިފައެވެ. އިސްލާމީ ޝަރީއާގެ ހަމަތަކުގެ މަތިން މި ސުކޫކު ވިއްކުމަށް 100 އިންސައްތަ ސަރުކާރު ހިއްސާވާ ސްޕެޝަލް ޕަރޕަސް ވެސަލް (އެސް.ޕީ.ވީ) އެއް ހެދުމަށްފަހު ސުކޫކުގެ 51 އިންސައްތަ އަށްވުރެ މަތިން އަގު ކުރެވޭ އެސެޓެއްގެ ބެނެފިޝަލް އޯނަރޝިޕް މި އެސް.ޕީ.ވީ އަށް ޓްރާސްފަރ ކުރަން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

"މި ވަގުތު ސަރުކާރުގެ ހުރި އެސެޓްތައް ބެލުމަށްފަހު މިކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމުން، ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރުމަށް ވަނީ ނިންމާފައެވެ." އެ ސިޓީގައި ވެއެވެ. "ދަރުމަވަންތަ ހޮސްޕިޓަލް މިކަމަށް ބޭނުން ކުރުމަށް އިމާރާތާއި، ތަނުގެ އިކުއިޕްމެންޓާއި، އިމާރާތް ހުރި ބިން އަގު ކުރަންޖެހެއެވެ. އިމާރާތުގެ އަގާއި ތަނުގެ އިކުއިޕްމަންޓްތައް މި މިނިސްޓްރީ އިން މިހާރު ވަނީ އަގު ކޮށްފައެވެ. ނަމަވެސް އިމާރާތުގެ ބިން އަގު ކުރެވެން އަންނަނީ ލޭންޑް ސަރވޭޔަރެއް ލައްވާކަމުން ބިން ވަނީ އަދި އަގުނުކުރެވިއެވެ. ވީމާ، ދަރުމަވަންތަ ހޮސްޕިޓަލުގެ ބިން ތިޔަ މިނިސްޓްރީގެ ލޭންޑް ސާވޭޔަރުން ލަފާގެ މަތިން އަގުކޮށް ދިނުމަށް އެދި ދެންނެވީމެވެ."

މީގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން ބިނާކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ރަޖިސްޓްރީ ފިނޭންސް މިނިސްޓްރީގެ ނަންމައްޗަށް ބަދަލުކޮށްދެއްވުމަށް މާލޭ ސިޓީ ކައުންސިލަށް އަންގަވައިދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ދަންނަވައިފައެވެ.

"ޝަރީއާ އޮނިގަނޑުގެ ތެރެއިން މި ސުކޫކު، އިޝޫ ކުރުމަށް ބޭނުންކުރަން ޖެހޭ އެސެޓަކީ މިނިސްޓްރީ އޮފް ފިނޭންސްގެ ނަމުގައި ރަޖިސްޓަރ ކުރެވިފައިވާ އެސެޓަކަށް ވާންޖެހެއެވެ. ނަމަވެސް މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލް ރެޖިސްޓްރީ ކުރެވިފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ ނަންމައްޗަށެވެ. ސުކޫކު އިޝޫކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލް މި މިނިސްޓްރީގެ ނަންމައްޗަށް ރަޖިސްޓްރީ ބަދަލުކޮށްދެއްވުމަށް މާލޭ ސިޓީ ކައުންސިލަށް ދަންނަވައިދެއްވުމަށް އެދި ދެންނެވީމެވެ."

ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން، އެންމެ ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ އަގަކީ 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އެވެ. މި އަގަކީ އެ ފަދަ އިމާރާތެއް ކުރަން ތިން ގުނަ ބޮޑު އަދަދެއް ކަމަށް ކަމުގެ ތަޖުރިބާކާރުން ބުނެ، ކޮރަޕްޝަންގެ ތުހުމަތުގެ އިނގިލި ވަނީ ރައީސް ޔާމީންގެ ސަރުކާރަށް ދިއްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ތިތަން ވިއްކާލިއަސް އަދި ހުރިގޮަތަށް ހިލޭ ދިނަސް ނެތް މައްސަލައެއް … ޒަރޫރީ ބޭނުމަށް މާލެ ދާން ބޭނުން ނުވޭ .. ވީހާލެއްގައި ރަށުގައި މިތިބީ …

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *