ލޯތްބަކީ ކަނު އެއްޗެކޭ ބުންޏަސް ބުނާނީ ނޫނެކޭ
ލޯތްބަކީ ކަނު އެއްޗަކަށް ނުވެޔޭ އެއީ އަލި ނޫރެކޭ
ކަނުކަމާ މަންމަންކަމެއް ލޯބީގައެއް ނުވެޔޭ ސަފުން
ކަނު ކަމެއް ދައްކައިދެނީ ސިކުނޑިން އަރާ ވިހަ ހޫނެކޭ
ޝަހުވަތެއް ވަޙުޝިއްޔަތެއް ނުވެޔޭ ސަފުން ލޯބީގައެއް
އަހުރެނަށް ދައްކައިދެނީ ލޯބިން ވަރަށް މާތް ބާރެކޭ
ހޭހަމެއް ނޫންހޭ އެއިން ޙިއްސާކުރުން ފެންނާން އޮތީ
ދޭހަވާން ޖެހެޔޭ އެއީ ލޭފައިގެ މަތިވެރި ރަމްޒެކޭ
ނުފެނެޔޭ އެއްވެސް ޚަރީފެއް ބަސްފޮތުން ލޯބީގެ މާތް
އުފެދިފައިވާ އިރު އެއީ ރަޙުމާ މަވައްދަތު ގުޅުމެކޭ
ބުރައަކާ އުނދަގޫ ތަކެއް ނޯންނާނެޔޭ ލޯބީގައެއް
ހުރަހަށާއި ދިގަށް އެއިން ފެންނާނެނީ ހޭހަންތަކޭ
ޝަހުވަތާ ވަޙުޝިއްޔަތާ ލޯތްބާ އެއީ ތިން ގިންތިއެއް
ފަޚުރުވެރި އިންސާނުނަށް ލޯބިން ލިބޭނީ ދިރުމެކޭ
އިޞްޠިލާޙީ މާނައެއް "މާޒީ"ގެ ނަޒަރުން ލިޔެދެނީ
އިސްކުރާންވީ ވިސްނުމޭ ލޯބީގެ މީ މޮޅު ދަރުސެކޭ