Support Us

އާދަމުގެ ދަރިޔާ

އިބްނު އާދަމް ދުވުނު، ފަރުބަދައެއްގެ އެންމެ ކޮޅަށް އަރަން
ލިބުނު ހުރިހައި ހަކަތަ ބޭނުންކޮށް ދިމާ ކުންނަށް އަރަން

ބޭނުމީ އުޑުގައި ވިދާ އަލި ތަރިހަނދާ އުދަރެސްތަކަށް
ނޭނގިވެސް ވާހަކަ ގޮވައި ބަސްބުނެ ސަމާސާތައް ކުރަން

ވަށަވަށައިގެން ފެންނަ ފެހި މަޚުމަލުގެ ވެށްޓާ ކޯރުތައް
ފަށަފަށައިގެން ބަލަބަލައި ޖާދޫގެ މަސްތުން ހިތްފުރަށް

ކޮންމެ ދުލަކުން ކޮންމެ ހިތަކުން ހައިބަތާ ޖާހަށްޓަކައި
ކޮންމެހެން ޖެހިލުން ވެ ދާ ފަދަ އުސް މަކާނެއް ފަހިކުރަން

ކެކި އަރާ އުންމީދުގައި މެކިގެން އެ އޫ ހިލަތަކުމަތީ
އެކި ޒަޚަމް ހާނީއްކަޔާ ދެކި ރަކި ނުވެވި އެ އުފާކުރަން

ލޭކޮށިއްޖޭ މުޅިގައިން ޙާޞލުވި އިރު ނަފުސުގެ އެދުން
މޭ ކެރުން ކެނޑުމުން ފެށީ ދެން ޙަމްދު ޝުކުރު އަދާކުރަން

ކަނޑުފަޅާ ޖައްވާ ފަޒާ ކައުނާއި ބިމުގެ ފެނާރުތައް
ދަނޑުފަނގާ ތަރިހަނދު ފަށައިގަތެ، މަރުޙަބާގެ ސަލާންކުރަން

ހުއްޓުނޭ މާ ކުއްލި ގޮތަކަށް ހިއްސުތައް އެ ވަގުތު މޮޅިން،
ފުށްޓަކިން މޭގައި ޖަހައިލިއެ ފެށްޓި އާ ފިކުރެއް ކުރަން

ފަރުބަދައިގެ އަޑީގައޭ ރިހި ރަން ޖަވާހިރު ހުންނަނީ،
ކަރުދަމައިގެން މަ މި ހުރީ ކޮންތާކުހޭ ހުސްތަން ފުރަން

ކުރިކަމެއް ކުރެވުނުކަމެއް ހެއްޔޭ މިއީ ބުނެ އެ ހިނދުގައި
ހުރިގޮތަށް ތިރިވާށެ ބޭނުންވީ ފިސާރި އަވަސްކުރަން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *