Support Us

ސޫދާން– އިސްރާއީލު ގުޅުންތައް ޠަބީޢީ ކުރުމާ ދިމާއަށް

އިސްރާއީލުން ސޫދާނަށް ފުރަތަމަ ފަހަރަށް ވަފްދެއް ފޮނުވަން ނިންމައިފި ކަމަށް ރޮއިޓަރސް އިން އިހަށް ދުވަހު ހާމަކުރިއެވެ. މިއީ އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް ޠަބީޢީ ޢާއްމު ޙާލަތަށް ގެނައުމަށް މި ދިޔަ އޮކްޓޫބަރު މަހު އެއްބަސްވުމާ ވިދިގެން މި މަސްއަލައާމެދު ބަހުސްކުރުމަށް ޓަކައި ބޭއްވޭ ބައްދަލުވުމެއް ކަމަށް މި ނޫސްއޭޖެންސީ ބުންޏެވެ.

ޢިބްރީ އަދި ސޫދާނީ މަޞްދަރުތައް ބުނާގޮތުގައި އިސްރާއީލުގެ ވަފްދެއް ޚުރްޠޫމަށް މި ދަނީ ގުޅުންތައް ޠަބީޢީ ކުރުމާ ބެހޭގޮތުން މަޝްވަރާތައް ފެށުމަށެވެ. މި ޚަބަރާ ބެހޭގޮތުން ތައްލު އަބީބުން ވެސް އަދި ޚުރްޠޫމުން ވެސް އެއްޗެއް ނުބުނެއެވެ. މިއީ އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމަށް ސޫދާން އެއްބަސްވެއްޖެކަން މި ހުސްވި މަހު ރައީސް ޓްރަމްޕް އިޢުލާނު ކުރެއްވިފަހުން ސޫދާނަށް ޒިޔާރަތްކުރާ އިސްރާއީލުގެ ފުރަތަމަ ވަފްދެވެ. ނަން ހާމަ ނުކުރުމަށް ޝަރްޠު ކުރައްވާ  ޚަބަރުދެއްވި އިސްރާއީލުގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި ސޫދާނަށް ދާ އިސްރާއިލުގެ މި ވަފްދުގައި ސިޔާސީ އެއްވެސް ބޭފުޅަކު ހިމެނިވަޑައެއް ނުގަންނަވާނެއެވެ. މި ވަފްދުގައި ތިއްބަވާނީ ތަފާތު މަސައްކަތްތަކާއި ޞިނާޢަތްތައް ތަމްސީލު ކުރާ ފަރާތްތަކުގެ މަންދޫބުންނެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ސެޕްޓެންބަރު މަހު އެކުވެރި އަރަބި އިމާރާތަށް ދިޔަ އިސްރާއީލުގެ ވަފްދަށްވުރެ މި ވަފްދު ކުޑަ ވެސް ވާނެއެވެ. ސޫދާނުން މި ޚަބަރާބެހޭގޮތުން ރަސްމީކޮށް އެއްޗެއް ބުނެފައި ނުވިޔަސް ސޫދާނުގައި ވެރިކަން ކުރާ ސިޔާދަތީ މަޖިލީހުން ވަނީ މި ޚަބަރު ކަށަވަރުކޮށް ދެއްވައިފައެވެ. މި ޒިޔާރަތުގެ ކަންތައްތައް ދައުލަތުގެ ރަސްމީ ހުރިހާ ފަރާތްތަކަކަށް މިހާރު އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލާއި ސޫދަނާ ދެމެދުގައި ގުޅުންތައް ޠަބީޢީކުރުމަށް އެއްބަސްވެވުނީ 23 އޮކްޓޫބަރުގައެވެ. އަދި 26 އޮކްޓޫބަރުގައި ސޫދާނުގެ ސިޔާދަތީ ވަގުތީ މަޖިލީހުގެ ރައީސް ޢަބްދުލް ފައްތާޙުލް ބުރްހާން ސޫދާނުން އެކަމަށް އެއްބަސްވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ސޫދާނުގެ ނަން "ނިރުބަވެރިކަމަށް ވާގިވެރިވާ" ޤައުމުތަކުގެ ލިސްޓުން ފޮހެލެވޭނެ ކަމަށް ވިދާޅުވިއެވެ. އޭގެފަހުން 29 އޮކްޓޫބަރުގައި ސޫދާނުގެ ޚާރިޖީ ވަޒީރު ޢުމަރު ޤަމަރުއްދީން ހާމަކުރެއްވި ގޮތުގައި އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމަށް އެއްބަސްވިއެއްބަސްވުމަކީ "ޝަފަވީ" ކަމެކެވެ. އެކަމަށް ރަސްމީ ސިފައެއްގައި އެއްބަސްވެވޭނީ ސޫދާނުގެ ބަރްލަމާނުން އެކަމަށް އެއްބަސްވުމުންނެވެ. ނިރުބަވެރިކަމަށް ވާގިވެރިވާ ޤައުމުތަކުގެ ލިސްޓަށް ސޫދާނު އިތުރު ކުރީ 1993 ގައި އަލްޤާޢިދާގެ ޒަޢީމު ބިން ލާދިނަށްއެ ރަށުން މެހެމާންދާރީ އަދާ ކުރުމުންނެވެ. އަލްޤާޢިދާ ޖަމާޢާތަކީ ހުޅަނގުގެ ސަރުކާރުތަކުން ނިރުބަވެރި ޖަމާޢާތަކަށް ހަދާފައިވާ ޖަމާޢަތެކެވެ.

ސޫދާނަކީ އިސްރާއީލާއެކު ގުޅުންތައް ޠަބީޢީކޮށް ޢާއްމު ޙާލަތަށް ގެނައުމަށް އެއްބަސްވި ފަސްވަނަ ޢަރަބި ޤައުމެވެ. އެއީ (1979 ގައި) މިޞްރު (1994ގައި) އުރްދުން، (2020 ގައި) އިމާރާތާއި ބަޙްރައިނެވެ.

މި ކަމާ ވިދިގެން ސޫދާނުގެ ސިޔާސީ ވަރަށް ގިނަ ޕާޓީތަކާއި ޖަމާޢަތްތައް ވަނީ މި ކަމާ ދެކޮޅު ހަދައިފައެވެ. އޭގެތެރޭގައި ސޫދާނުގެ މިހާރުގެ ސަރުކާރާ ގުޅުފައިވާ ސިޔާސި އެތައް ބާރުތަކެއް ވެސް ހިމެނެއެވެ.

އިސްރާއީލުގައި ތިބި ސޫދާނީން ޤައުމަށް ގެންދާނެ

އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރާ ޤައުމުތަކުގެ ޤާފިލާގައި ސޫދާނު ބައިވެރިވުމާ ވިދިގެން މި ގުޅުމުގެ މަލަތައް ދަނީ މަޑުމަޑުން ފާޅުވަމުންނެވެ.އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވާ ގޮތުގައި އިސްރާއީލުގައި ޤަވާޢިދާ ޚިލާފަށް އުޅޭ ސޫދާނީން ޤައުމަށް އަނބުރާ ގެންދިޔުމަށް ޚުރްޠޫމު ވަނީ ޤަބޫލުވެފައެވެ. މިއީ ވަރަށް އޮޅުންބޮޑުން ބޮޑު މަސްއަލައެކެވެ. ތައްލު އަބީބުން މި ފައިލް ލައްޕައިލެވޭތޯ މަސައްކަތް ކުރާތާ އެތައް އަހަރެއް ވަނީ ވެފައެވެ. ސޫދާނުގެ ކުރީގެ ރައީސް ޢުމަރުލް ބަޝީރު ވަނީ މި ކަމާ ދެކޮޅު ހައްދަވައިފައެވެ. އެޕްރީލު 2019ގައި ބަޝީރުގެ ވެރިކަން ފުރޮޅައިލުމާ ވިދިގެން ސޫދާނުގެ އައު ސަރުކާރާއެކު މި މަސްއަލަ ޙައްލު ކުރެވޭތޯ އިސްރާއީލުން މަސައްކަތް ފެށިއެވެ. ގުޅިފައިވާ "އެއްބާރުލުމުގެ" ދަށުގައި މި މަސްއަލައާމެދު ވާހަކަދައްކަން އެދޭކަމަށް ތައްލު އަބީބުން ވަނީ ބުނެފައެވެ.  އިސްރާއީލުގައި ސޫދާނުގެ ހަތް ހާހެއްހާ ރެފިޔުޖީން އުޅޭކަމަށް ބުނެއެވެ. ފެބްރުވަރީ 2020ގައި ޔޫގެންޑާގައި ބޭއްވުނު ސިއްރު ބައްދަލުވުމެއްގައި ނަތަންޔާހޫއާ ޢަބްދުލް ފައްތާޙު ލް ބުރްހާނު މި މަސްއަލައާމެދު ބަޙުސްކުރައްވާފައި ވެއެވެ. އިސްރާއީލުގައި އުޅޭ ސޫދާނު މީހުންގެ މަސްއަލައަކީ ވަރަށް އޮޅުންބޮޅުންކަން ބޮޑު މަސްއަލައެކެވެ. އޭގެތެރެއިން ގިނަބަޔަކު އިސްރާއީލު މީހުންނާ ކާވެނިކޮށްގެން ދަރިންވެސް ހޯދާފައިވެއެވެ. އެމީހުންގެ ޢަދަދު ރަސްމީ ޢަދަދަށްވުރެ މާ ގިނަކަމަށް އެނގިފައިވެއެވެ.މީގެތެރެއިން ބައެއް މީހުން އިސްރާއީލުގައި އުޅޭތާ ވިއްސަކަށް އަހަރު ވެދާނެއެވެ.

މި މަސްއަލައިގެ އިތުރަށް އެފްރިކާގެ ބައްރުގެ ޤައުމުތަކަށް ދަތުރު ކުރުމުގައި ސޫދާނުގެ ވައިގެ ސަރަޙައްދު އިސްރާއީލުގެ ބޯޓުތަކަށް ހުޅުވައިލުމާ ބެހޭގޮތުން ވެސް އެ ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ދައުލަތުގެ ޔަހޫދިއްޔަތަށް އޮތް ހިރާސެއް

އިސްރާއީލުގެ މަސްއަލަތަކާ ބެހޭގޮތުން ދިރާސާކުރާ ޤުދްސް މަރްކަޒުގެ ޑިރެކްޓަރު ޢިމާދު އަބޫ ޢައްވާދު ވިދާޅުވާ ގޮތުގައި އިސްރާއީލުގެ ކަނާތު ފިޔައިގެ މީހުން ސޫދާނީންގެ ޢަދަދު ގިނަވަމުންދާތީ ވަރަށް ބިރުގަނެއެވެ. މި މީހުން ގިނައިން އުޅޭނީ އިސްރާއީލުގެ މަތީ ފެންވަރުގެ މީހުންނާއެކުގައެވެ. އެމީހުން ގުނެނީ ކަނާތު ފިޔައިގެ މެދުމިންވަރުގެ ބިސީގެ ތެރޭގައެވެ. ބާރުގެ ބޭނުންކޮށްގެން އެމީހުން ފުރުވާލުމަކީ ނުވަތަ އިސްރާއީލުން ބޭރުކޮށްލުމަކީ ބައިނަލްއަޤްވާމީ ދުނިޔޭގައި އިސްރާއީލާ ދެކޮޅަށް ފާޑު ކިޔުން ގިނަވެގެން ހިނގައިދާނެ ކަމަކަށް ވާތީ ނަތަންޔާހޫ އެކަމާ ދެކޮޅު ހައްދަވައެވެ.

އިސްރާއީލު މީހުން މި މީހުންނާމެދު ބަލަނީ ދީނީ ނަޒަރަކުންނެވެ. އެމީހުން ދިރިއުޅެނީ ޙަރީދީ  އޮއިވަރުގެތެރޭގައި ކަމަށް ވާތީއެވެ.އެމީހުން ދީނީ އެއްވެސް ކަމެއްގައި ބައިވެރި ނުވިޔަސް އިސްރާއީލުން ދެކެނީ އެއީ އާދަމުދަރީންގެ ނަސްލުގެ ބައެއް ނޫންކަމަށެވެ. މި މީހުންގެ ސަބަބުން އިސްރާއީލުގެ ރަށްވެހީންގެ ޢަދަދަށް ބަދަލުތަކެއް އައިސް އިސްރާއީލުގައި އުޅޭ އަރަބީންގެ ޢަދަދު ނިސްބަތުން އިތުރުވެގެން ހިގައިދާނެތީ އިސްރާއީލު ވަރަށް ކަންބޮޑުވެއެވެ. އިސްރާއީލު ބުނާގޮތުގައި އިސްރާއީލުގައި ސޫދާނީންނާއި ޞޫމާލީންގެ ވަރަށް ގިނަ ބަޔަކު އެބަ އުޅެއެވެ.

މަސްއަލައިގެ ފެށުން

މި މަސްއަލައިގެ މޫ ނުކުމެފައި ވަނީ 2003ވަނަ އަހަރު ހުޅަނގު ސޫދާނުގައި ހިނގި އަހްލީ ހަނގުރާމައިންނެވެ. ކަނޑައަޅައި ދަންނަވާނަމަ ދާރުފޫރު ސަރަޙައްދުގައި ސަރުކާރު ސިފައިންނާ ސަރުކާރާ ދެކޮޅަށް ނުކުތް މީހުންނާ ދެމެދުގައި ހިނގި ކުރިމަތިލުންތަކުގެ ސަބަބުންނެވެ. މި  އަހްލީ ހަނގުރާމައިގެ ސަބަބުން އެ ހިސާބުން ޖަމާޢަތްޖަމާޢަތަށް ތަން ދޫކޮށް ދިޔައެވެ. އަމާން ވެށްޓެއް ހޯދުމަށް ޓަކައި އެމީހުން ސީނާ މަގުން ލައިފާގޮސް އިސްރާއީލަށް އެރީއެވެ. ސޫދާނުގެ ގިނަ މީހުން ދިރިއުޅެނީ ދެކުނު އިސްރާއީލުގެ ރަށްތަކުގައެވެ. ޚާއްޞަކޮށް ބިއުރުއް ސަބްޢާއި ނަޤަބުގައެވެ. ބައެއް މީހުން ތައްލު އަބީބުގެ ދެކުނަށް އަރައި އެ ތާނގައި ވަޒަންވެރިވިއެވެ. އަނެއްބަޔަކު ތިބީ އިސްރާއީލުގެ ޖަލުތަކުގައްޔާއި ފުލުހުންނަށް ފިލައިގެން މަގުމަތީގައެވެ. އެމީހުންގެ އަތުގައި ޕާސްޕޯޓެއް އަދި ކާކުކަން އަންގާދޭ އެއްވެސް ލިޔުމެއް ނެތެވެ.

އެފްރިކާގެ ރެފިޔުޖީން (ޚާއްޞަކޮށް ސޫދާނީންނާއި ، ސޫމާލީންނާއި، އެރީތުރިއާ މީހުން) އިސްރާއީލަށް ވަނުން މަނާކުރުމަށް ޓަކައި އިސްރާއީލުން ވަނީ މިޞްރު – އިސްރާއީލު ގުޅިފައިވާ ސަރަޙާއްދީ ރޮގުގައި 270 ކިލޯމީޓަރު ދިގު  ފާރެއް  ބިނާކޮށްފައެވެ. މި ފާރު ބިނާކޮށް ނިމުނީ 2012 ވަނަ އަހަރުގައެވެ. މި ކަމަށް 400 މިލިއަން ޑޮލަރު ހޭދަކުރިއެވެ. މި ކަމާ ވިދިގެން އިސްރާއީލުން އެ ޤައުމަށް ވަގަށް އަރާ މީހުންނާ ބެހޭގޮތުން ޚާއްޞަ ޤާނޫނެއް ފާސްކުރިއެވެ. މި ޤާނޫނުގެ ދަށުން ކޯޓު އަމުރަކާ ނުލައި އަދި ޝަރީޢަތަށް ހުށަނާޅައި އެފަދަ މީހުން 3 އަހަރު ދުވަހަށް ޖަލަށް ލެވޭނެއެވެ.

މި މަސްއަލަ ޙައްލު ކުރެވޭތޯ ނަތަންޔާހޫ 2013 ގައި މަސައްކަތް ކުރެއްވިއެވެ. ޔޫގެންޑާގެ އޭރުގެ ރައީސް ޔޫރީ މޮސަވީނީއާ އެކު ޚާއްޞަ އެއްބަސްވުމެއް ހައްދަވައިގެން ސޫދާނުގެ ރެފިޔުޖީންތައް ޔޫގެންޑާއަށް ފޮނުވާލުމަށް ނަތަންޔާހޫ މަސައްކަތް ކުރެއްވިއެވެ. ނަތަންޔާހޫ ސިފަކުރެއްވިގޮތުގައި މި މަސްއަލައަކީ ދައުލަތަށް އުފުއްލަން ނުޖެހޭ ބުރަތަކަކާއި ޚަރަދުތަކެއް އުފުއްލަން ޖެހޭ ކަމެކެވެ. މީގެއިތުރަށް އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ދައުލަތުގެ "ޔަހޫދީ ވަންތަކަން" ނަގާލައިފާނެ ކަމެކެވެ.

ހިފާފައިވާ އުތުރު ފަލަސްޠީނު ސަރަޙައްދުގެ ތިނެސްކަން ސަރަޙައްދުގައި މަސައްކަތް ކުރައްވާ ނޫސްވެރިއެއް ކަމުގައިވާ މުޙައްމަދު މުޙްސިން ވަތަދު ވިދާޅުވާގޮތުގައި ސޫދާނާއެކު ޤާއިމު ކުރެވޭ ޞުލްޙައިގެ މުޢާހަދާގެ ދަށުން  އިސްރާއީލު މަސައްކަތް ކުރާނީ އެ ތާނގައި ތިބި އެފްރިކާ ބައްރުގެ މީހުންގެ މަސްއަލަ ޙައްލު ކުރެވޭތޯއެވެ. އިސްރާއީލު ބުނަގޮތުގައި ސޫދާނަށް ގެންދާ އެފްރިކާގެ ކޮންމެ މީހަކަށް ޓަކައި، ސޫދާނަށް 3ހާހާ 5ހާހާ ދެމެދުގައި މިންވަރަކަށް ޑޮލަރު ދޭނެއެވެ.  އިސްރާއީލު ބުނާގޮތުގައި 150 ހާސް ރެފިއުޖީން އެބަ ތިއްބެވެ. މި މީހުންތައް އިސްރާއީލުން ބޭރުކޮށްލުމަށް ޓަކައި ސޫދާނު ވާނީ އެންމެ ބޮޑު ސްޓޭޝަނަށެވެ.

އިސްރާއީލުގައި އުޅޭ އެފްރިކާ މީހުންނާނެދު ތައްލު އަބީބުން ބަލަނީ އެއީ ވަގަށް އެތެރެވެގެން އުޅޭ ބައެއް ކަމަށެވެ. އެމީހުންގެ އަތުގައި ވީޒާއެއް ނެތެވެ. އަދި ޤާނޫނީ އެއްވެސް ލިޔުމެއް ވެސް ނެތެވެ. އެމީހުން އިސްރާއީލު ސަރުކާރާ ދެކޮޅަށް މުޒާހަރާތައް  ކުރާތީއާއި އެމީހުންގެ މަސްއަލަ ކޯޓުތަކަށް ހުށައަޅަމުން ގެންދާތީ އިސްރާއީލު ވަރަށް ހާސްވެއެވެ.އިސްރާއީލުގެ ކޯޓުތަކުގައި އެމީހުންނަށް ވަނީ ނާކާމިޔާބު ލިބިފައެވެ. އެމީހުންނަށް މަސައްކަތް ކުރުމުގެ ޙައްޤު ލިބިގެން ނުވާކަމަށާއި އެމީހުންނަށް ރެފިޔުޖީންގެ ހައިސިއްޔަތު ޙައްޤުވެގެން ނުވާކަމަށާއި އޭގެތެރެއިން އެއްވެސް މީހަކަށް ސިޔާސީ ޙިމާޔަތް ވެސް ޙައްޤުވެގެން ނުވާ ކަމަށް ކޯޓުން ވަނީ ނިންމައިފައެވެ. މިހެންވެ އެމީހުން ވަނީ އިސްރާއީލުގެ ހަރުކަށި ކަނާތު ފިޔައިގެ ޙަމަލާތަކަށް ހާސާވެފައެވެ.

ރެފިއުޖީންނާ ބެހޭ އދގެ އޭޖެންސީ ބުނާގޮތުގައި 2017ވަނަ އަހަރާ ހަމައަށް ދިޔައިރު  ޣައިރު ޤާނޫނީކޮށް އިސްރާއީލަށް ވަދެފައިވާ މީހުންގެ ތެރޭގައި ސޫދާނުގެ 7600 މީހުންނާއި އެރީތުރިއާގެ 26 ހާސް މީހުން އެބަ ތިއްބެވެ. އިސްރާއީލު ބުނާގޮތުގައި އެރީތުރިއާގެ 10 މީހަކާއި ސޫދާނުގެ އެންމެ މީހަކަށް މެނުވީ ރެފިއުޖީން ކަމަށް ބެލެވޭކަށް ނެތެވެ.

ގުޅުންތައް ޠަބީޢީ ކުރުމާ ސޫދާނުގެ ރައްޔިތުން ދެކޮޅު

އިސްރާއީލާއެކު ގުޅުން ޤާއިމުކުރުމަކީ ސޫދާނުގެ ރައްޔިތުން އެދޭ ކަމެއްނޫނެވެ. ސިޔާސީ އެތައް ޕާޓީތަކަކުން މި ކަން ކުށްވެރިކޮށް މި އެއްބަސްވުން ވައްޓައިލުމަށް ޓަކައި މަގުމައްޗަށް ނުކުތުމަށް ދަނީ ގޮވައިލަމުންނެވެ. އިސްރާއީލާއެކު ގުޅުން ޤާއިމުކުރުމާ ދެކޮޅު ހަދާ ޕާޓީތަކުގެ ތެރޭގައި "ޤުވަލް އިޖްމާޢިލް ވަޠަނީ" ހިމެނެއެވެ. މިއީ ވާތުފިޔައިގެ ޖަމާޢަތެކެވެ. ރައީސް ބަޝީރު ވައްޓައިލުމުގެ ޙަރަކާތުގައި މި ޖަމާޢަތް ވަރަށް މުހިއްމު ދައުރެއް ކުޅެފައި ވެއެވެ.

ސޫދާނުގެ ކޮމްޔުނިސްޓު ޕާޓީން ވެސް އިސްރާއީލާއެކު ގުޅުން ޠަބީޢީ ކުރުމާ ދެކޮޅު ހަދާކަމަށް ދަނީ ބުނަމުންނެވެ. އެމީހުން ސިފަކުރާގޮތުގައި އިސްރާއީލުން މި ކަން ކުރަމުންދަނީ އިބްތިޒާޒުގެ ތެރެއިން "ކޮށްޓަމުންކޮށްޓަމުން" އޮޅުވައިލައިގެންނެވެ.

ސޫދާނުގެ ވެރީންގެ މި ޢަމަލު ކުށްވެރިކުރާ ޕާޓީތަކުގެތެރޭގައި ސޫދާނުގެ ކޮންގްރެސް ޕާޓީ ހިމެނެއެވެ. މިއީ އިސްލާމީ ޕާޓީއެކެވެ. މި ޕާޓީގެ ޒަޢީމަކީ ޙަސަނުއް ތުރާބީއެވެ. މި ޕާޓީން ސޫދާނުގެ ރައްޔިތުންނަށާއި ސިޔާސީ ޕާޓީތަކަށް މި ކަމާ ދެކޮޅު ހެދުމަށް ޓަކައި މަގުމައްޗަށް ނުކުތުމަށް ދަނީ ގޮވައިލަމުންނެވެ.

މި ޕާޓީގެ އިތުރަށް ސޫދާނުގެ ވަރަށް ތަޖްރިބާކާރު ސިޔާސީ އިސްވާރެއް ކަމުގައިވާ ޞާދިޤުލްމަހްދީވެސް ވަނީ ސަރުކާރުގެ މި ޢަމަލު ކުށްވެރި ކުރައްވައިފައެވެ. މަހްދީގެ އުއްމާ ޕާޓީއަކީ ސޫދާނުގެ ކޯލިޝަން ސަރުކާރުގެ ބައިވެރިއެކެވެ. އޭނާ އިންޒާރު ކުރައްވާގޮތުގައި ސަރުކާރުން މި ކަމުގައި ކުރިއަށްދާނަމަ އޭނާ ސަރުކާރުން ވަކިވެވަޑައިގަންނަވާނެއެވެ. ޞާދިޤުލް މަހްދީ ތުހްމަތު ކުރައްވާ ގޮތުގައި ރައީސް ޓްރަމްޕަކީ "އިސްލާމީ އުއްމަތާއި ކަޅު އުއްމަތާ ދެކޮޅަށް ނަސްލީ އިމްތިޔާޒު ގެންގުޅެއްވާ ވެރިއެކެވެ." އޭނާ ވިދާޅުވާ ގޮތުގައި އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމަކީ ސޫދާނުގެ ޤާނޫނާއި ޢަރަބި ޤައުމިއްޔަތަށް ސޫދާން އަދާކުރަން ޖެހޭ ޙައްޤުތަކާ އަރާރުންވާ ކަމެކެވެ. އެއީ މެދުއިރުމަތީގެ ޞުލްޙައިގެ މަޝްރޫޢު މަރައިލުމަށާއި މެދު އިރުމަތީގައި ހަނގުރާމައިގެ ހުޅުގަނޑު އަލުން ރޯ ކުރުމަށް އެހީވެދޭ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *