މިތުރަށް އެނގޭނެބާއޭ ނިއްވާލަމޭ މިގޭ ވޮށް
ގިނިރޯވެގެން ހަނދާންތައް ހިތުގައި އަނދާ ހިނދުން
ނުޖެހޭނެ ނޫންތަ ބޭނުމެއް ކަނދިލީގެ އައްޔަކަށް
މޭގައި ތިބާގެ ޢިޝްޤުގެ ގިނިރޯވެދާ ހިނދުން
ކުރުކާލިކަނޑަމެ މަގުގައި އުޅުނަސް ތިބާ ނެތަސް
އެ ހަނދާން އަލުން ހިތަށް މަގޭ އުނދަގޫކުރާ ހިނދުން
ރޭ ވެހުނު ވާރެއަށްވުރެ ގިނައޭ މަގޭ ރުއިން
ފޯވީ މަގޭ ހެދުންވެސް ކަރުނައިން ތެމުނު ހިނދުން
ލޯބީގެ މާމެލާމެލި ފޮޅުވާނަމޭ ޔަޤީން
ލައިލާގެ ލޯބި އަނބުރާ ހިތަކަށް ލިބޭ ހިނދުން
ތިޔަހެން ގުޅުން ކަނޑާލައި ވަޞްލުގެ ޝަރާބު ނުދިނަސް
ނޯންނާނެ ދެވަނަ ބުއިމެއް ގޮތް ހުސްވެދާ ހިނދުން
ރުއިމޭ މިއަދު ފިސާރި އަލުން ނޭނގި ޔާރުނަށް
ފޮރުވޭނެހޭ މި ޙާލު މަގޭ ގިސްލެވޭ ހިނދުން
ވައިރޯޅިއަށް މަ ހުށަހެޅެން އެދިގެން ތިބާގެ ވަސް
ބައްދަލުވުމެއް ނެތީމާ ކެތްމަދުވެދާ ހިނދުން
ދެނިގަންނަމޭ ތިބާ ވަނީ ކޮންތާކުގައި ކަމެއް
ވައިރޯޅި އައިސް ތިބާގެ ވެސް ހަދިޔާކުރާ ހިނދުން