Support Us

ރާއްޖޭގައި ޑޮކްޓަރުން ތަމްރީނުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރާއްޖޭގައި ޑޮކްޓަރުން ތަމްރީނުކުރުމުގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރައްވައި، މި ދާއިރާއިން މީހުން ބިނާކުރުމުގައި އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

ކަމާގުޅޭ އިދާރާތަކުގެ އިސް ވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ބައިވެރިވެވަޑައިގެންފައި ވަނީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަނާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަރީފާއި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ޑީން ޑޮކްޓަރ ޝީޒާ ޢަލީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ޢާއިޝަތު ނަޒްހަތެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވަނީ ސްކޫލް އޮފް މެޑިސިންގައި ހިންގަމުންދާ ޑޮކްޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގައި ކުރެވިދާނެ ކަންކަމުގެ އިތުރުން މެޑިސިންގެ ދާއިރާއިން މީހުން ބިނާކުރުމުގައި ކުރިއަށް ރާވާފައިވާ ޕްލޭންތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. މިގޮތުން، މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި ހޮސްޕިޓަލަކާއެކު މެޑިކަލް ސްކޫލެއް ތަރައްޤީކުރުމުގެ މުހިންމުކަމާއި، އެކި ބަލިބައްޔަށް ޚާއްޞަ ޑޮކްޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ފެށުމުގެ މުހިންމުކަން ވަނީ ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރައްވާފައެވެ. އަދި މި ކޯސްތަކުގެ ތެރޭގައި ދޭ ޢަމަލީ ތަމްރީނުތައް ދިނުމުގެ އިންތިޒާމްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީ ކުރަމުންދާއިރު އެ ތަންތަނަށް ބޭނުންވާ އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، މިހާރު ރޭވިފައިވާ ކަންކަމާ އެއްގޮތަށް މަސައްކަތްތައް ކުރަމުން ގެންދިޔުމަށާއި، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކަމާގުޅޭ އިދާރާތަކާއި ގުޅިގެން މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިރުޝާދު ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *