އެމެރިކާގެ ރިޔާސީ އިންތިހާބުން ބަލިވި ނަމަވެސް، ވޯޓު އޮޅުވާލީ ކަމަށް ވިދާޅުވެ، ބަލި ގަބޫލް ނުކުރައްވައި ކޯޓަށް ވަޑައިގެން އުޅުއްވާ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ޕީ.ޕީ.އެމްގެ ރަތްލާޖެހި މެމްބަރެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވުމުން، ޕީ.ޕީ.އެމްގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފު (މުންދު)ގެ ހޫނު ރައްދެއް ޑރ. ޝަހީދަށް ފޮނުވާލައްވައިފިއެވެ.

ޑރ. ޝަހީދު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވެފައި ވަނީ، "ވަރަށް އިތުބާރު ހުރި މަސްދަރަކުން ޚަބަރު ލިބޭ ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕަކީ ދިވެއްސެއް- ޕީ.ޕީ.އެމްގެ ރަތްލާޖެހި މެމްބަރެއް. ބަލި ގަބޫލްކުރުމެއް ނެތް. ވޯޓުގެ ނަތީޖާ އަކަށް ބެލުމެއް ނެތް. އަލުން ބައިބަހަންވީ. އަލުން ވޯޓު ލާންވީ،" ކަމަށެވެ.
ރާއްޖޭގައި 2018 ގައި ބޭއްވި ރިޔާސީ އިންތިހާބު ނާކާމިޔާބުވުމުން ޕީ.ޕީ.އެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެސް ވަނީ ވޯޓު އޮޅުވާލީ ކަމަށް ވިދާޅުވެ، ބަލި ގަބޫލް ނުކުރައްވައި ސުޕްރީމު ކޯޓަށް ވަޑައިގެންފައެވެ. ނަމަވެސް ވޯޓަށް އެއްވެސް ބަދަލެއް ސުޕްރީމު ކޯޓަކުން ނުގެނެއެވެ.
ޑރ. ޝަހީދުގެ ޓްވީޓަށް ރައްދު ދެއްވައި މުންދުގެ ފޭސްބުކްގައި އޭނާ ވިދާޅުވި އެވެ. " ބޭފުޅާ! ރައީސް ޓްރަމްޕުގެ އުޅުއްވުން އަޅުގަނޑަށް ބޮޑަށް ވައްތަރުވީ ބޭފުޅާގެ ކުރީގެ ސާހިބު މީހާ މުހައްމަދު ނަޝީދު (އަންނި) އާ. އަބުރާބެހުން، ދޮގު ހެދުން، ދެ އަނގައިން ވާހަކަ ދެއްކުން، މަވެތިކަން، މެދުނުކެނޑި ޓްވީޓުކުރެއްވުން، މައިންބަފައިން ކޮޅަށްޖެހި ވިޔަފާރި ފުނޑާލުން. މިހެން އައިސް ލައްކަ ގިނަ ގޮތްގޮތް ދެންނެވިދާނެ. އެހެންކަމަށް ވަންޏާ ރައީސް ޓްރަމްޕު ވާނީ އެމް.ޑީ.ޕީ މެމްބަރަކަށް ނޫންތޯ؟"

ބޮޑު އަޣުލަބިއްޔަތަކުން، އެމެރިކާގެ 46 ވަނަ ރައީސް ކަމުގެ މަގާމު ޖޯ ބައިޑަން ކާމިޔާބު ކުރެއްވި ނަމަވެސް، ރައީސް ޓްރަމްޕު އަދިވެސް ބަލި ގަބޫލެއް ނުކުރައްވައެވެ. ޓްރަމްޕު އެންމެ ފަހުން ކުރެއްވި ޓްވީގުގައި ވެސް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވީ އޭނާ ކަމަށެވެ. ޓްރަމްޕު ގެންދަވަނީ، ވޯޓު އޮޅުވާލީ ކަމަށް ވިދާޅުވެ މައްސަލަތައް އުފުއްލަވަމުންނެވެ. ދޮގު މައުލޫމާތާއެކު ކެނޑިނޭޅި ޓްވީޓުތައް ކުރައްވާތީ ޓްރަމްޕުގެ ގިނަ ޓްވީޓުތަކެއް ވަނީ ސެންސަރުކޮށްފައެވެ. އަދި ވޯޓުގެ ނަތީޖާތަކާ ބެހޭ ގޮތުން އިތުރުފުޅު ހައްދަވައިގެން ވާހަކަ ދެއްކެވުމުން ޓްރަމްޕުގެ ޕްރެސް ބްރީފިން އެއްވެސް ވަނީ ބޮޑެތި މީޑިއާ އޯގަނައިޒޭޝަންތަކެއްގެ ވެބްސައިޓުތަކުން ނަގައިފައެވެ.
ޓްރަމްޕާ ވާދަކުރައްވައި ބައިޑަން އިންތިހާބު ކާމިޔާބު ކުރެއްވީ، ވައިޓް ހައުސް ކަށަވަރު ކުރެއްވުމަށް މަދުވެގެން ހޯއްދަވަން ޖެހިވަޑައިގަންނަވާ 270 އިލެކްޓޯރަލް ވޯޓުގެ ބަދަލުގައި، މިހާތަނަށް 284 ވޯޓުގެ ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިގެންނެވެ. ޓްރަމްޕަށް މިހާތަނަށް ލިބިވަޑައިގަތީ 214 އެވެ.
I WON THIS ELECTION, BY A LOT!
— Donald J. Trump (@realDonaldTrump) November 7, 2020



advertisment