އެދުވަހު ތިބީ އެންމެން އެކީ ގައުމަށްޓަކާ ގުރުބާންވެދާން
މިއަދަށްޓަކާ މިއަދުގެ ދަރީން ކަށަވަރުޖެހޭ އެބަވިސްނަވާން
އެދުވަހު ތިބީ ވެރިކަން ދިފާޢު ކުރަން އެކީ އެއްބާރުލާން
މިއަދުގެ ޚިޔާލާތާ އަމަލް ވިސްނާ ޖެހޭ އެބަ އިސްޖަހާން
އެދުވަހު ނެތޭ އެދުމެއް އަމިއްލަ ތިމާ ނުކުމެ ވެރިކަންހިފާން
މިއަދުގެ އެސޮރު މިސޮރާ ތިބީ ވެރިކަމުގެ ގޮޑިއަށް ފައިނަގާން
އެދުވަހު ތިބީ ތައްޔާރުގާ އަމުރެއް ކުރީމާ ބޯލަނބާން
މިއަދުގެ އުސޫލު ކަމަށް އޮތީ ދެކޮޅަށް ތެދުވެފާ ބަސްބުނާން
އެދުވަހު ތިބީ ގައުމުގެ ކަރާމާތް ހެޔޮހިތުން ދަމަހަށްޓަވާން
މިއަދުގެ ބަޔަކު ބޭނުންވަނީ ގައުމިއްޔަތޭ ނީލަންކިޔާން
އެދުވަހު ތިބީ ޢިއްޒަތްތެރީން ޢިއްޒަތްތެރީން ކަމުގާ ބަލާން
މިއަދަށް އޮތީ އެންމެން އެކީ ހަމަހަމަވެ އިސްޓޭޖަށް އަރާން
އެދުވަހު ތިބީ ވާޖިބުތަކާ އެއްފަދައަކުން ޒިންމާ ނަގާން
މިއަދަށް ތިބީ އަރުވާޖަހާ ޙައްގޭ ކިޔާ ކަރުމަރު ހިފާން
އެދުވަހު ތިބީ ތެދުވެރި ވަފާތެރި ޚާދިމުން ޚިދުމަތްކުރާން
މިއަދަށް ހިޔަނިވެސް ލެނބިލަނީ މަކަރާ އެކީ ދޮގުތައްހަދާން
އެދުވަހު އެގޮތުގާ ހޯދުނޭ ނަސްރާ އެކީ އަމަނާއަމާން
މިއަދަށް އޮތީ ނެތިގެއްލުމޭ ގައުމުގެ އަބުރު ޝައުކަތު ވަޝާން
