Support Us

މެކަރޯނާ ދެކޮޅަށް މުސްލިމުން އުފުލަމުންދާ އަޑުތަކުގެ ބޭނުމަކީ ކޮބާ؟  

ޕެރިހުގެ ރަށްބޭރުގައި ހުންނަ މަދަރުސާއެއްގައި، ތާރީޚާއި ޖޯގްރަފީ ކިޔަވާދޭ މުދައްރިސް، އުމުރުން 47 އަހަރުގެ ސެމްވީލް ޕެޓީ އޭނާގެ ކިލާހުގެ ދަރިވަރުންނަށް މިމަހުގެ ހަ ވަނަ ދުވަހު ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން މީގެ ފަސް އަހަރު ކުރިން ޝާރލީ އެބިޑޯ މަޖައްލާގައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫނުތަކުގެ ކޮޕީއެއް ދެއްކުމާ ވިދިގެން ފަރަންސޭސިވިލާތުގެ ރައީސް އިމަނުވޭލް މެކަރޯން އިސްލާމްދީނާ ނިރުބަވެރިކަމާ ގުޅުއްވައިގެން "ނޭއްގާނީ" ވާހަކަތަކެއް ދެއްކެވުމުގެ ސަބަބުން މުސްލިމުންގެ ގާތަށް އައިސްފައިވާ ރުޅި އަދިވެސް ދަނީ ހަމަ ކުރިއަށެވެ. މި ކާޓޫނުތައް ދަރިވަރުންނަށް ދައްކާ ފާޑު ކިޔުމުގެ ސަބަބުން މި ކިލާހުގައި ކިޔަވާ މުސްލިމު ދަރިވަރުންގެތެރެއިން ބައެއް ކުދީން މި ވާހަކަ އެކުދީންގެ މައިންބަފައިންގެ ގާތުގައި ދެއްކުމުން އަބްދުލްޙަކީމު ސަވިރިޔޫވީ، 61، މި މުދައްރިސުގެ ޢަމަލު ކުށްވެރިކޮށް ޓްވީޓް ކުރަން ފެށިއެވެ. އޭނާއަކީ ގޮތެއްނެތް މީހެއްކަމަށް މި ޓްވީޓްތަކުގައި ބުނެފައިވެއެވެ. މި މުދައްރިސުގެ މި ޢަމަލުގެ ސަބަބުން މި ކިލާހުގައި ކިޔަވަމުންދާ ޢުމުރުން 12 އަހަރާއި 13 އަހަރާ ދެމެދުގައި މުސްލިމު ދަރިވަރުންނަށް މި ކިލާހުގެ އެހެން ކުދީންގެ ގަނާކުރުން އިތުރުވަމުންދާ ކަމަށާއި އެ ކުދީންނަށް ކިޔަވަން އުނދަގޫވެއްޖެކަމަށް ޢަބްދުލްޙަކީމު އޭނާގެ ޓުވީޓްތަކުގައި ބުނެފައި ވެއެވެ. މުސްލިމު ދަރިވަރުންގެ ބައެއް ބެލެނިވެރިން މި ސްކޫލަށް ގޮސް މި ކަމާމެދު ޝަކްވާ ކުރުމުން އިދާރާއިން ފިޔަވަޅެއް އަޅައިނުދިންކަމަށް އޭނާ ބުންޏެވެ. މި ޓްވީޓްތަކުން އަސަރުކޮށްގެން ފަރަންސޭސި ވިލާތުގައި އުޅޭ ޝީޝާނުގެ މުސްލިމަކު މި މުދައްރިސުގެ ބޯ ކަނޑައިލިއެވެ. މި މަސްއަލާގައި ފަރަންސޭސި ސަރުކާރުން 17 އޮކްޓޫބަރުގައި 11 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މުދައްރިސުގެ ބޯ ކަނޑައިލީ ޢަބްދުﷲ އަންޒޯރޯފް ނަމަކަށް ކިޔާ ޝީޝާނުގެ ޒުވާނެކެވެ.

މި ޙާދިސާއާ ވިދިގެން ފަރަންސޭސި ވިލާތުގެ ރައީސް އިސްލާމްދީނަށް ޙަމަލާދެއްވުމަށް އަޒްމު ކަނޑައެޅުއްވި ކަހަލައެވެ. ރައީސް މެކަރޯން ވިދާޅުވިއެވެ. ((އަހުރެމެން މިފަދަ ކުރެހުންތައް ކުރެހުން ހުއްޓައެއް ނުލާނަމެވެ.))

ކޯވިޑް 19 ޖެހިފައިވާ ހުޅަނގުގެ ޤައުމުތަކުގެ ލިސްޓްގައި ރެކޯޑް ޤާއިމުކުރަމުންދާ ފަރަންސޭސިވިލާތުގެ ރައީސް މި ވަބާ ކޮންޓްރޯލް ކުރެއްވުމަށް ޓަކައި ފިޔަވަޅު އެޅުއްވުމުގެ ބަދަލުގައި ނުކުމެވަޑައިގަތީ އިސްލާމްދީނާ ދެކޮޅަށެވެ. އިސްލާމީ ނިރުބަވެރިކަމާ ދެކޮޅަށް ނުކުތުމުގެ ވަގުތު ޖެހިއްޖެކަމަށް ވިދާޅުވެ ފުރަތަމަ ވެސް ގުޅުއްވީ ރަޝިޔާގެ ރައީސް ޕޫޓީނާއެވެ. އެއީ މުދައްރިސުގެ ބޯ ކަނޑައިލި މީހަކީ ޝީޝާނުގެ މީހެއްކަމުގައިވާތީ އޭނާގެ ޢާއިލާއަށާއި ޝީޝާނުގެ މުސްލިމުންނާ ދެކޮޅަށް ކަމެއްކޮށްދެއްވާތޯއެވެ؟ ރުޅިވެރިކަމާއި ޙަސަދަވެރިކަމުގެ ބަދަލު ހިފޭތޯއެވެ؟ ނިރުބަވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޓަކައި އެއްގަލަކަށް އަރަންވެއްޖެކަމަށް ގޮވައިލައްވަމުންނެވެ. ބައެއް ޚަބަރުތައް ބުނަގޮތުގައި މެކަރޯންގެ ފޯން ކޯލް ވެފައިވަނީ ތަޤްރީރަކަށެވެ.

މަސްއަލަ ދިރާސާކުރައްވާ ބާހިސުން ވިދާޅުވާ ގޮތުގައި މެކަރޯނުގެ މި ޙަމަލާ މާފަސޭހަގޮތަކަށް ހުއްޓަވައެއް ނުލައްވާނެއެވެ. ފްރާންސްގައި 2022 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ޓަކައި އޭނާއަށް މިފަދަ ހަނގުރާމައެއް ކުރައްވަން އެބަޖެހިވަޑައިގަންނަވައެވެ. އޭނާއާ އިދިކޮޅު ކަނާތު ފިޔައިގެ އިސްވާރުންނަކީ ސަލާމަތީ ވިސްނުމެއްގައި އުޅުއްވާ ބޭފުޅުންތަކެކެވެ. މި އިންތިޚާބުގައި މެކަރޯނާ އެންމެ ބޮޑަށް ގޮންޖައްސަވާ ބޭފުޅަކަށް ވާނީ ކަނާތު ފިޔައިގެ ހައްދުފަހަނަޅައިފައިވާ ޒަޢީމާ މާރީން ލޮޕޭނެވެ. ޚިޔާލު ހޯދުމަށް ނެގުނު ވޯޓުތައް ބުނާގޮތުގައި އެ ކަމަނާއަށް ނޫނެކޭ ބުނާމީހުން މިއަދު ވަނީ ވަރަށް މަދުވެފައެވެ. ރިޔާސީ އިންތިޚާބުގެ އެންމެ ފަހު ބުރާ ހަމައަށް މަކަރޯނަށް ސާބިތުވެ ހުންނެވިއްޖެނަމަ އޭނާއާ ވާދަކުރާނީ ވާތުފިޔައިގެ އޮއިވަރުތަކެވެ. އެހެންކަމުން އިސްލާމްދީންދެކެ ބިރުގަންނަ މީހުންގެ ވޯޓު ހޯއްދެވުމަށް ޓަކައި އިސްލާމްދީނަށް ޙަމަލާދޭން އެބަ ޖެހެއެވެ. އެއީ "ބަދަލު ކުރަން ޖެހިފައިވާ ދީނެއް"  ކަމަށް  ވިދާޅުވީ މިހެންވެގެންނެވެ. އެއީ "ގަޑުބަޑު އުފައްދާ ދީނެކޭ" ވިދާޅުވީ މިހެންވެގެންނެވެ. އެއީ "އަހުރެމެންގެ ސަޤާފަތާ އެއްގޮތަށް ބަދަލު ކުރަން ޖެހިފައިވާ" ދީނެކޭ ވިދާޅުވީ މިހެންވެގެންނެވެ. މިކަމުގައި ބައިނަލްއަޤްވާމީ މަސްރަޙަށް ބަލާކަށް ނުޖެހޭނެއެވެ.

ޙަޤީޤަތަށް ބަލާއިރު އިސްލާމްދީނާ ބެހޭގޮތުން މެކަރޯން ގެންގުޅުއްވާ "ދޯދިޔާ" މި ޚިޔާލުތަކަކި ޕެޓީ މަރައިލުމުގެ ކުރިން އެކަމާމެދު ތަފާތު ތަންތާނގައި ފާޅުކުރައްވާފައިވާ ޚިޔާލުތަކެކެވެ.  އޮކްޓޫބަރު 2 ގައި ރައީސް މެކްރޯން ދެއްވި ޚިޠާބެއްގައި ގަނޑިއެއްހާއިރު ވަންދެން ޢަލްމާނިއްޔަތާ ބެހޭގޮތުން (ސެކިއުލަރިމާ ބެހޭގޮތުން) ވާހަކަ ދައްކަވާފައި ވެއެވެ. އިސްލާމްދީން ފަރަންސޭސިވިލާތުގެ ސެކިއުރިޒަމާ އެއްކޮށް މޮޑެ މަސްހުނިގަނޑެއް ހެދުމާ ބެހޭގޮތުން އޭނާގެ ވިސްނުންފުޅު ހުރިގޮތް ވިދާޅުވެ ދެއްވިއެވެ. މި ޚިޠާބުގައި ފަރަންސޭސި ވިލާތުގެ މިސްކިތްތަކުގެ އިމާމުން ކޮންޓްރޯލް ކުރުމަށް ޓަކައި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށާއި ފަރަންސޭސިވިލާތުގައި ހުރި އިސްލާމީ ޚައިރާތު ޖަމްޢިއްޔާތައް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންނަވަން ގަސްތު ކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ. މި ޚިޠާބުގައި މުސްލިމުންގެ ނުރުހުން ކައްކުވައިލި ޢިބާރަތަކީ ((މުޅި ދުނިޔޭގައިވެސް އިސްލާމްދީން އޮތީ ބޮޑު ކްރައިސިސްއެއްގެ ތެރޭގައި)) ކަމަށް ވިދާޅުވުމުންނެވެ. ((ދުނިޔޭގެ ސުލްޙަމަސަލަސްކަމާއި އަމާންކަމާ އެއްފަސްނުވާ  ސިޔާސީ އިސްލާމްދީނެއް އަހުރެމެންނަށް ބަލައެއް ނުގަނެވޭނެއެވެ.)) ވިދާޅުވިއެވެ.

އިސްލާމްދީން ސިފަކުރައްވަމުން މެކަރޯން ވިދާޅުވިއެވެ. ((އިސްލާމްދީނަކީ އަހުރެމެންގެ ޖުމްހޫރިއްޔާގެ އަގުތަކާ  އަރާރުންވާ އަގުތަކެއް އެ ދީނުގައި އައިސްފައިވާ ދީނެކެވެ. އެއީ ސިޔާސީ މަޝްރޫޢެކެވެ. އެ ދީނަކީ ކުޅިވަރު ތަރައްޤީ ކުރުމަށާއި ސަޤާފީ އަދި މުޖްތަމަޢީ ޢަމަލުތައް ކުރިއެރުވުމާ ދެކޮޅު ހަދާ ދީނެކެވެ. އެ ދީނުގެ އަސާސުތަކަކީ އަހުރެމެންގެ ޖުމްހޫރިއްޔާގެ ޤާނޫނުތަކާ އަރާރުންވާ އަސާސުތަކެއް އުނގަންނާދޭ ދީނެކެވެ.))

މެކަރޯން ވިދާޅުވި ގޮތުގައި ((ދައުލަތުން އިޢުތިޤާދާއި، ފަރަންސޭސި އިސްތިޢުމާރީ ތަރިކައާއި އިޤްތިޞާދީ ޙިރްމާން ޖާމިނުކޮށްދޭނެއެވެ.))

މަޝްވަރާ ނުކުރައްވާ

ފަރަންސޭސިވިލާތުގެ މަޝްހޫރު ރައީސެއްކަމުގައިވާ ޝަރލް ޑި ގޯލްގެ މަގުން ރައީސް މެކަރޯން ހިންގަވަން އުޅުއްވާތީ ޔޫރަޕް ވެސް ކަންބޮޑުވެއެވެ. އިސްތިރާތީޖީ ދިރާސާތަކާ ބެހޭ ފަރަންސޭސި ފައުންޑޭޝަން" ގެ އިސްވާރެއް ކަމުގައިވާ ބްރޯނޯ ޓިރް ޓްރޭ ތުހްމަތު ކުރައްވާ ގޮތުގައި މެކަރޯނަކީ ސިޔާސީ އިސްނެގުންތަކުގައި އެކުވެރީންނާއެކު މަޝްވަރާކުރައްވާ ބޭފުޅެއްނޫނެވެ. އަދި އޭނާއަކީ އޭނާގެ ޑިޕްލޮމެޓިކް އިސްނެގުންތައް ނަންގަވާއިރު އެ އިސްނެގުންތަކަށް ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވާ ބޭފުޅެއް ވެސްނޫނެވެ. ލީބިޔާގެ މަސްއަލާގައި އެފަފަ ކަމެއް ނުކުރައްވައެވެ. ރަޝާއާއެކު ގުޅުންތައް ހަމަމަގަށް އެޅުއްވުމުގައި އެ ފަދަ ފިޔަވަޅެއް ނާޅުއްވައެވެ. ނޭޓޯގެ މެންބަރުންނާއި ޔޫރަޕްގެ އިއްތިޙާދުގެ އިރުމަތީ ޔޫރަޕްގެ މެންބަރުންނާއެކު މަޝްވަރާކުރެއްވިނަމަ ތުރްކީއާ ފަރަންސޭސިވިލާތާ ދެމެދުގައި ހިނގަމުންދާ އަރާރުންތަކުގައި އަންކަރާއާ ދެކޮޅަށް ޕެރިހަށް ތާއީދު ބޮޑުވެގެންދާނެތެވެ. ރަޝާއާއެކު ގެންގުޅުއްވާ ސިޔާސަތުގައި އެ ޤައުމުތަކުގެ އިތުބާރު ލިބިވަޑައިގަންނަވާނެތެވެ.

އުރްދުޣާނާ ދެކޮޅަށް ކުރައްވާ ހަނގުރާމަ

މެކަރޯން ހީފުޅު ކުރެއްވީ ތުރްކީގެ ރައީސް އުރްދުޣާން ވަރަށް އަވަހަށް ހަތިޔާރު ބަހައްޓަވާނެ ކަމަށެވެ. ރައީސް މެކަރޯނާ ދެކޮޅަށް ހަނގުރާމަ ކުރައްވަން އުރްދުޣާނަށް ލިބިވަޑައިގެންފައިވާ މައިދާންތައް ވަރަށް މަދު ކަމަށެވެ. އެކަމަކު މެކަރޯންގެ "ދޯހަޅި ސިޔާސިޔާތުން" އުރްދުދުޣާން ފައިދާ ނަންގަވަމުން ވަޑައިގަންނަވާ ތަން ފެނެއެވެ. މިދިޔަ ހޯމަ ދުވަހު (26 އޮކްޓޫބަރުގައި) އަރަބި ގިނަ ޤައުމުތައް ވަނީ އުރްދުޣާނުގެ ގޮވައިލުމާ އެއްގޮތަށް ފަރަންސޭސި މުދާތައް ބޮއިކަޓް ކުރަން ފަށައިފައެވެ. އުރްދުޣާން ވިދާޅުވިއެވެ. ((ހުޅަނގުގައި މުސްލިމެއްގެ ގޮތުގައި އަހުރެމެންނަށް އުޅެން މިހާރު ދަތިވެއްޖެއެވެ.))

ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައަށް ބަލާއިރު ތުރްކީ ސަރުކާރަކީ ސޫރިޔާގައި ދިރިއުޅޭ ކުރުދީން ޙިމާޔަތްކުރުމަށް ފަރަންސޭސިން ގެންގުޅޭ ސިޔާސަތާ ދެކޮޅު ހަދާ ޤައުމެކެވެ. ތުރްކީން ސިފަކުރާގޮތުގައި އެއީ ތުރްކީ ދައުލަތާ ދެކޮޅަށް ހަނގުރާމަ ކުރާ ނިރުބަވެރި ޖަމާޢަތްތަކެކެވެ.

ލީބިޔާއަށް ބަލާއިރު މެކްރޯން ތާއީދު ކުރައްވަނީ އދ. ޤަބޫލު ކުރާ އެ ޤައުމުގެ ވަޠަނީ ސަރުކާރު ވައްޓައިލުމަށް ހަނގުރާމަ ކުރާ ބާޣީ ޖެނެރަލް ޙަފްތަރަށެވެ.  ތުރްކީން ތާއީދު ކުރަނީ ބައިނަލްއަޤްވާމީ މުޖްތަމަޢު ބަލައިގެންފައިވާ ލީބިޔާގެ  ޤައުމީ ސަރުކާރަށެވެ.

މެކަރޯން ވިދާޅުވާ ގޮތުގައި ތުރްކީއާއި ގްރީސާ ދެމެދުގައި އުފެދިފައިވާ ދެބަސްވުންތަކުގައި ޔޫރަޕްގެ މުޅި މަޞްލަޙަތު އޮތީ އެތެންސަށް ތާއީދު ކުރުމުގައެވެ.

އަރްމީނިޔާއާއި އަޒަރްބައިޖާނާ ދެމެދުގައި  އަރާރުން އުފެދިފައިވަ ((ޤުއްރަ ބާޣު)) މަސްއަލައިގައި މެކަރޯން ތާއީދު ކުރައްވަނީ އަރްމީނިޔާއަށެވެ. އެހެނަސް އަޒަރްބައިޖާނަކީ ދީނުގެ ގޮތުންނާއި ސަޤާފަތުގެ ގޮތުންނާއި ބަހުގެ ގޮތުން ތުރްކީ ބައެކެވެ. އެހިސާބުން ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ފަރަންސޭސި ވިލާތުގެ ރައީސް މެކަރޯނަކީ "ހަމަވިސްނުންނެތް" މީހެއް ކަމަށް ސިފަކުރެއްވިއެވެ. އިސްލާމުއާބާދުން ޕާކިސްތާނުގައި ހުންނަވާ ފަރަންސޭސި ސަފީރު ޚާރިޖިއްޔާއަށް ގެނެސް އިސްލާމްފޯބިޔާއަށް ހިތްވަރު ނުދިނުމަށް ޕެރިހަށް ގޮވައިލިއެވެ. މެދިއިރުމައްޗަށް ބަލާއިރު އީރާނުން ފެށިގެން މަޣްރިބާ ހަމައަށް ފަރަންސޭސި ރައީސަކީ "ނުބައިކަމުގެ ނާރސް" ކަމަށް ސިފަކުރެވިއްޖެއެވެ.

މިޞްރުން ވެސް ފާޑުކިޔުން

((އިސްލާމްދީން ބިނާވެފައި ވަނީ އެންމެން ގުޅިގެން ޞުލްޙަމަސަލަސްކަން މަތީ ދިރިއުޅުމުގެ އުޞޫލުތަކުގެ މަތީގައެވެ.)) މައުލިދުއްނަބީ ފާހަގަކުރުމަށް ޓަކައި މިޞްރުގައި ބޭއްވި ރަސްމީ އިޙްތިފާލުގައި ވާހަކަފުޅު ދައްކަވަމުން މިޞްރުގެ ރައީސް ސީސީ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ނަބީބޭކަލުންނަށާއި ރަސޫލުބޭކަލުންނަށް އިހާނެތިކޮށް ހިތުމަކީ ދީނީ އަގުތަކާ ޚިލާފު ކަމެކެވެ.  އެއީ އެތައް މިލިއަން ބައެއްގެ ޝުޢޫރުތައް ޒަޚަމުކުރާނެ ކަމެކެވެ. އޭނާ ވިދާޅުވިއެވެ. ((ދޮޅު ބިލިއަން މުސްލިމުންގެ ތެރެއިން 1 އިންސައްތަ މީހުން ޙައްދުފަހަނަޅައިފައިވާ ބަޔަކަށް ވެއްޖެނަމަ އެ ވާހަކަ ދެކެވެނީ 15 މިލިއަން މީހުންގެ ވާހަކައެވެ. އެއީ ޙަޤީޤަތެއް ކަމުގައި ވެއްޖެނަމަ އެމީހުންނަށް  މުޅި ދުނިޔެ ވެސް ޚަރާބުކޮށްލެވިދާނެއެވެ. މުސްލިމަކު ކުރާކަމެއްގެ ޒިންމާ އިސްލާމްދީނުގެ ބޮލުގައެއް ނޭޅުވޭނެއެވެ. އަހުރެމެންނަށް ޙައްޤުތަކެއް ވެއެވެ. އަހުރެމެންގެ އަގުތަކަށް ވެސް  ގޯނާކޮށްގެން ނުވާނެއެވެ.))

މިޞްރުގެ ރައީސް ސީސީ ވަކި ޤައުމެއްގެ ނަން ވިދާޅުނުވެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. ((އިސްލާމީ ޝަރީޢަތަކީ އޯގާވެރި ޝަރީޢަތެކެވެ. މި ޝަރީޢަތަކީ ބިނާކުރަނިވި ފަނާނުކުރުވަނި ޝަރީޢަތެކެވެ. މި ޝަރީޢާތުގެ ރަސޫލާއަކީ ޢާލަމުތަކަށް ރަޙްމަތެއް  ކަމުގައި ފޮނުއްވި ރަސޫލާއެވެ. މި ރަސޫލާއަށް ފުރައްސާރަކޮށްގެން ނުވާނެއެވެ.))

މިއީ ދީނީ ހަނގުރާމައެއްނޫން

ފަރަންސޭސި ރައީސް މެކަރޯންގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކުގެ ސަބަބުން އަސަރުކޮށްގެން ލޭކެކިފައިވާ  މުސްލިމުންގެ ގިނަ މުޖްތަމަޢުތަކަށް ބަލާއިރު މި މުޖްތަމައުތަކުގެ ރައްދު ޢަމަލު ވަރަށް ތަފާތެވެ. މި މަސްއަލަ ޙައްލުކުރުމަށް ޓަކައި ކަންތައްތައް އިޞްލާޙު ކުރުމަށް ގޮވައިލެވޭ ތަނެއް ނުފެނެއެވެ. ދީނަށް ނަޞްރު ދެވޭނީ ޖިހާދުގެ މައިދާނުގައި ކަމަށް ގޮވައިލެވޭ އަޑު އިވެއެވެ. ޙަޤީޤަތަށް ބަލާއިރު މިއީ ދީނީ ހަނގުރާމައެއް ނޫނެވެ. މިއީ މުސްލިމުންގެ ވުޖޫދާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން ފަރަންސޭސިވިލާތުގެ އުފެއްދުންތައް ބޮއިކަޓް ކުރުމަކީ މުސްލިމުންނަށް މި ދުނިޔޭގައި ވުޖޫދެއް ލިބިގެންވާކަން ދައްކައިދޭނެ ކަމެކެވެ. އެއީ މުސްލިމުން ހުޅަނގަށް ބޯލަނބައިގެން ތިބި ޒަމާން ފާއިތުވެގެން ތިބި ޒަމާން ފަސްދީ ހިނގައްޖެކަން އަންގައިދޭ ކަމެކެވެ. އެއީ ހުޅަނގުގެ ސާހިބު މީހާ ބެޓުން ޖަހާ ބޯޅަ ހޮވަން ތިބި އަޅުންގެ ޒަމާން ފާއިތުވެއްޖަކަން ހާމަކޮށްދޭ ޢަލާމަތެކެވެ. ހުޅަނގުން ދޭތެރެދޭތެރެއިން ކީރިތި ރަސޫލާއާށް ފުރައްސާރަކޮށް މި ކުރަހާ ކާޓޫނުތަކަށްވުރެ  އޭގެ ރަމްޒިއްޔަތު މާ ބޮޑެވެ. މުސްލިމު މުޖްތަމަޢަށް ބޭނުންވަނީ އެމީހުންނަށް ބޭނުންވާ އިޙްތިރާމާއި ޤަދަރު ހުޅަނގގުން ހޯދުމެވެ. މި އިޙްތިރާމު ލިބޭނީ ވަރުގަދަ ރައްދު ޢަމަލަކުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *