Support Us

އަނީސާ (މ) ސީޝެލްސްގެ ރައީސް ވެވެލް ރަމްކަލަވަން އަދި ނައިބު ރައީސް، ދަރިކަލުން އަހުމަދު އަފީފާއެކު
ސީޝެލްސްގެ އެންމެ އުހުގައި އަފީފުގެ "ފިނިފެންމާގެ"

ދަރިކަލުންނަށް ސީޝެލްސްގެ ނައިބު ރައީސްކަން ލިބިވަޑައިގަތުމުން އަނީސާގެ އިހުސާސްތައް

ސީޝެލްސްގެ ސްޓޭޓް ހައުސްގައި މިދިޔަ އަންގާރަ ދުވަހު އޮތް ޚާއްސަ ރަސްމީޔާތުގައި، އާ ރައީސް، ވެވެލް ރަމްކަލަވަންގެ ކުރިފުޅުމަތީގައި، ގައުމުގެ ނައިބު ރައީސްކަމުގެ ހުވާ އަހުމަދު އަފީފު ކުރައްވަމުން ގެންދެވިއިރު، ވަރަށް ޝައުގުވެރިކަމާއެކު، އެހެނަސް ފެންކަޅިވެފައި އެ އިންނެވީ އާ ނައިބު ރައީސްގެ މަންމާފުޅު ނޫން ދެވަނަ ބޭފުޅެއް ނޫނެވެ. އައްޑޫ ހިތަދޫ، ފެހިފަރުދާގޭ އަނީސާ އަލީ ދީދީގެ ލޮލުތެރެއިން ފޭދެމުން އެ ދަނީ ހިތުގައި އެނބުރެމުންދާ ތަފާތު އިހުސާސްތަކާއި ޖަޒުބާތުތަކުގެ އަސަރުކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ.

އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އަމިއްލަ ވަޒަނުން ބޭރުގައި، އެހެން ގައުމެއްގައި، އެ ގައުމުގެ ނައިބު ރައީސްކަމުގެ ހުވާ ކުރައްވަމުން އެ ގެންދަވަނީ އަމިއްލަ ދަރިފުޅެވެ. ރައްޔިތުންގެ ބޮޑު ތާއީދަކާއެކު އިންތިޚާބުވެގެންނެވެ. އެއީ ރާއްޖެއަށް އުފަންނުވި ނަމަވެސް، ދިވެހި މަންމައަކާއި ބައްޕައަކަށް ލިބިފައި ހުރި ދިވެހި ދަރިއެކެވެ.

ސީޝެލްސްގެ ރައީސް ވެވެލް ރަމްކަލަވަންގެ ކުރިފުޅުމަތީގައި އަހުމަދު އަފީފު ނައިބު ރައީސްކަމުގެ ހުވާ 27 އޮކްޓޯބަރު 2020 ގައި ކުރައްވަނީ

"އަޅުގަނޑު ވަރަށް އުފާވި. އެވަގުތު އަޅުގަނޑު ހިތަށް އެރި މި ކުދިންގެ ބައްޕަ ދުނިޔޭގައި ހުންނެވި ނަމަ ކިހާ ރަނގަޅުވީސްހޭ، ވަރަށް އުފާވާނޭ،" ސީޝެލްސްގެ ވެރިރަށް ވިކްޓޯރިއާގައި ހުންނަވައި "އަދިވެސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އަނީސާ، 84، މިއަދު ވިދާޅުވިއެވެ.

އަހުމަދު އަފީފު މިއީ ކޮން ބޭފުޅެއް؟

ސީޝެލްސްގެ އާ ނައިބު ރައީސް އަހުމަދު އަފީފު، 53، އަކީ ހުވަދު އަތޮޅާއި ފުވައްމުލައް ހިމެނޭ ގޮތަށް އައްޑޫގައި ވަކި ސަރުކާރެއް ގާއިމުކޮށް، ޔުނައިޓެޑް ސުވާޑައިވް ރިޕަބްލިކްގެ ރައީސްކަން 1959 އިން 1963 އަށް ކުރެއްވި ހިތަދޫ، ފިނިފެންމާގޭ އަބްދުﷲ އަފީފުގެ ހަތަރު ވަނަ ދަރިކަލުން (ފަސް ވަނަ ބޭފުޅާ) އެވެ. ނުވަތަ މީގެ 300 އަހަރުކުރިން، 1701ގައި ރާއްޖޭގައި ރަސްކަންކުރެއްވި އިސްދޫ އަލިރަސްގެފާނުގެ، ހަސަން ރަސްގެފާނުގެ، އައްޑުއަތޮޅު ހިތަދޫ އަލިމަނިކުފާނުގެ، ބަނޑޭރި ޙަސަން މަނިކުފާނުގެ، ފާޠިމަތު ދީދީގެ، ޢާއިޝަތު ދީދީގެ ވާރުގެ އެޅަދީދީގެ، ޢަލީ ދީދީ، ޢަބްދުﷲ ޢަފީފް ދީދީގެ، އަޙްމަދު ޢަފީފެވެ. ނުވަތަ މީގެ 300 އަހަރުކުރިން، 1700ގެ ތެރޭގައި، ރާއްޖޭގެ ރަސްކަންކުރެއްވި، ދިޔަމިގިލި ބަންޑާރައިން (ސުލްޠާން މުޒައްފަރު ޢިމާދުއްދީން)ގެ، އިބްރާހީމް ރަސްގެފާނުގެ، ޙާޖީ ބަންޑާރައިން ޣިޔާސުއްދީން ރަދުން)ގެ، އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ، މޫސާ ދީދީގެ، އާމިނަތު ދީދީގެ، ދޮންދީދީގެ، ޢާއިޝަތު ދީދީގެ، ފާޠިމަތު ދީދީގެ، ޢަބްދުﷲ ޢަފީފު ދީދީގެ އަޙްމަދު ޢަފީފެވެ.

މީގެ ކުރިން ސީޝެލްސްގެ ޕާލަމެންޓުގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަފީފު އުފަންވެވަޑައިގަތީ 1967 ގައި ސީޝެލްސްއަށެވެ. އެއީ އަބްދުﷲ އަފީފުގެ ސުވައިދީބު ސަރުކާރު އިނގިރޭސީން މެދުވެރިވެގެން ރޫޅާލައި، 1963 ގައި އަފީފާއި އާއިލާ ސީޝެލްސްއަށް ގެންގޮސް، އެ ގައުމުގައި ވަޒަންވެރިކުރުވުމާ ގުޅިގެންނެވެ.

އަބްދުﷲ އަފީފު ސީޝެލްސް އަށް ވަޑައިގެންނެވީ އަނބިކަނބަލުން އަނީސާ އަލީ ދީދީ އާއި ދޮށީ ތިން ދަރިކަލުންނާއެކުގައެވެ. އެއީ އިބްރާޙިމް އަފީފާއި މުހައްމަދު އަފީފާއި ޑރ. ހުސެއިން އަފީފެވެ. ސީޝެލްސް އަށް ވަޑައިގެންނެވި ފަހުން ވެސް ތިން ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ އައިމިނަތު އަފީފާއި ނައިބު ރައީސް އަހުމަދު އަފީފާއި ސާރާ އަފީފެވެ.

އަބްދުﷲ އަފީފު ރާއްޖެ ވަޑައިގެންނެވި ހަމަ އެކަނި ދަތުރުފުޅުގައި، އޯގަސްޓް 1989ގައި، ރައީސް މައުމޫނާ ބައްދަލުކުރައްވަނީ. އަރިހުގައި ދަރިކަލުން އިބްރާހިމް އަފީފު

އައްޑޫ ރަދުންގެ ގޮތުގައި މަޝްހޫރުވެފައިވާ އަބްދުﷲ އަފީފު ސީޝެލްސް އަށް ހިޖުރަކުރެއްވުމަށްފަހު ރާއްޖެ ޒިޔާރަތް ކުރެއްވީ އެންމެ ފަހަރަކުއެވެ. އެއީ އޭގެ 26 އަހަރު ފަހުން، 1989 ގައެވެ. އެ ދަތުރުފުޅުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމާއި ބައެއް ވަޒީރުން ވެސް އަބްދުﷲ އަފީފާ ބައްދަލުކުރެއްވިއެވެ. އުމުރުފުޅުން 77 އަހަރުގައި، އަފީފު އަވަހާރަވީ ސީޝެލްސްގައި، 13 ޖުލައި 1993 ގައެވެ.

އަބްދުﷲ އަފީފާއި އަނީސާ 1963 ގައި ސީޝެލްސަށް ވަޑައިގަތުމުގެ ކުރިން އައްޑޫގައި

ސީޝެލްސްގެ އިދިކޮޅު ޕާޓީއާ ގުޅިވަޑައިގެން އަހުމަދު އަފީފު މަސައްކަތް ކުރެއްވި ނަމަވެސް، ބޭބެ މުހައްމަދު އަފީފު ހުންނެވީ އޭރުގެ ރައީސް ޑެނީ ފޯރޭގެ ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ކެބިނެޓް އެފެއާޒުގެ މަގާމުގައެވެ.

"އަހުމަދުމެން ޕާޓީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުވުމުން ވަރަށް ބޮޑަށް އުފާވި. އަޅުގަނޑު ދެރަވީ މުހައްމަދަށް ވާނެ ގޮތެއް ނޭނގޭތީ. މުހައްމަދު އެ ދުވަހު ހެނދުނު އަޅުގަނޑަށް ގުޅާފައި ބުނި މަންމާއޭ ތިމަންނާގެ ވަޒީފާއެއް ނޯންނާނޭ ދެން. އެހެން ނަމަވެސް (ހުވާ ކުރެއްވުމަށްފަހު) ޕްރެޒިޑެންޓުގެ ސްޕީޗުގައި ވިދާޅުވި މުހައްމަދުމެން ކަހަލަ ވިސްނުންތެރި، ކިޔަވައިގެން ތިބި މީހުން ތިމަންނައާއެކު މަސައްކަތް ކުރަން އަންނާށޭ. އެހެންވެ މުހައްމަދު އަނެއްކާ ވެސް ހުރީ ކުރިން ވެސް ހުރި މަގާމުގައި ހަމަ،" އެކަމާ ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިފައި ހުންނެވި އަނީސާ ވިދާޅުވިއެވެ.

ސީޝެލްސްގެ ކުރީގެ ރައީސް ޑެނީ ފޯރޭގެ ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ކެބިނެޓް އެފެއާޒު މުހައްމަދު އަފީފު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަނީ، (15 ޖުލައި 2019) -ފޮޓޯ: ރައީސް އޮފީސް

ހަގީގަތުގައި އަނީސާ އަށް ވަނީ ތިން ވަނަ އުފަލެއް ވެސް ލިބިވަޑައިގެންފައެވެ. އެއީ އެންމެ ހަގު ދަރިކަނބަލުން ސާރާ އަފީފުގެ ފިރިކަލުން ވެސް، ޕާލަމެންޓުގެ ގޮނޑިއެއް ކާމިޔާބުކުރައްވާފައި ވުމުންނެވެ.

"މިގޭ ތިން ކުދިން މިހާރު އެ އުޅެނީ އެ ކަމުގެ (ސިޔާސީ ކަންކަމުގެ) ތެރޭގައި،" އަނީސާ ވިދާޅުވިއެވެ. "އަހުމަދު، މުހައްމަދު ދެން ސާރާގެ ފިރިމީހާ،" އަނީސާ ވިދާޅުވިއެވެ.

ނައިބު ރައީސްކަމުގެ ހުވާ އަހުމަދު އަފީފު ކުރެއްވި ރަސްމީޔާތަށް އަނީސާގެ އަރިހުގައި، ސީޝެލްސް "ފިނިފެންމާގޭ" އާއިލާގެ ހުރިހާ މެމްބަރުންހެން ވަޑައިގަތެވެ. ރަސްމީޔާތަށްފަހު ރައީސާއި ނައިބު ރައީސާއެކު ފޮޓޯތައް ނަގައި، ހުރިހައި ބޭފުޅުން ވާހަކަ ދައްކަވައި ހެއްދެވިއެވެ.

ސީޝެލްސްގެ ރައީސް ވެވެލް ރަމްކަލަވަންގެ ދެ ކަނބަލުންނާއެކު އަނީސާ

"ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑު ކައިރިޔަށް އައިސް ބުނަނީ ތިމަންނަ ވަރަށް ބޮޑަށް ތަހުނިޔާ ކިޔަމޭ މިކަހަލަ ވިސްނުންތެރި އާއިލާއެއް ބިލްޑުކުރީތީވެ. އަޅުގަނޑު ބުނިން ވިސްނުންތެރިކަން އެއީ އަޅުގަނޑުމެން ދޭ އެއްޗެއް ނޫނޭ. އެކަން ދެއްވަނީ އެހެން ފަރާތަކުންނޭ. ދެން އަޅުގަނޑަށް ވީވަރެއް އަޅުގަނޑު ކުރީމޭ އަޅުގަނޑުގެ ކުދީން ރަނގަޅު ގޮތުގައި ބޮޑުކުރަން،" އަނީސާ ވިދާޅުވިއެވެ.

ސީޝެލްސްގެ "ފިނިފެންމާގޭގައި" އަނީސާ އަރިހުގައި ދިރިއުޅުއްވަނީ، ދޮށީ ދަރިކަލުން، އިބްރާޙިމާއި އޭނާގެ އާއިލާއެވެ. އެހެން ހުރިހައި ބޭފުޅުން އަމިއްލަ ގޭގޭގައެވެ. އަދި ދަރިކަނބަލުން އައިމިނަތު އަފީފު ދިރިއުޅުއްވަނީ ފިރިކަލުންނާއި ބޭފުޅުންނާއެކު ލަގްޒަންބަރގުގައެވެ.

އައިމިނަތު އަފީފާއި ދެ ދަރިކަލުން ލަގްޒަންބަރގުގައި ނޮވެމްބަރު 2012 ގައި

އާއިލާ ބައްދަލުވުން ކޮންމެ އަންގާރަ ދުވަހަކު މެންދުރު

"މިގޭ ހުރިހާ ކުދިން ވެސް އެ މީހަކުގެ ގޭގައި އެ މީހަކު އުޅެނީ. ކޮންމެ އަންގާރަ ދުވަހަކު މެންދުރު ކާން މިގެޔަށް އަންނާނީ. އެ ދުވަހު ހުރިހައި ކުދިންނާ ވެސް ބައްދަލުވާނެ،" އަނީސާ ވިދާޅުވިއެވެ. "އެ ކުދިން ދިރިއުޅެނީ ވަރަށް ދުރުގައި. އެކަމަކު މަސައްކަތްކުރާ އޮފީސްތައް މި ހުންނަނީ މިގެއާ ވަރަށް ކައިރީގައި. އެހެންވެ ހުރިހައި ކުދިންނަށް ފަސޭހައީ އަންގާރަ ދުވަހު މެންދުރު ކާން މި ގެއަށް ޖައްސާލަން."

(ކަނާތުންވާތަށް) ސާރާ އަފީފު، އިބްރާހިމް އަފީފު، ނައިބު ރައީސް އަހުމަދު އަފީފު، އަނީސާ އަދި މުހައްމަދު އަފީފު

ފަރިއްކުޅުވުމުގެ ތެރޭގައި ވެސް އަދި ގޭތެރޭގައި އުޅުއްވާއިރުވެސް އަނީސާ ވެސް އަދި މި ހުރިހައި ބޭފުޅުން ވެސް  ވާހަކަ ދައްކަވަނީ އިނގިރޭސި ބަހުންނެވެ. (ސީޝެލްސްގެ ރަސްމީ ބަސްތަކަކީ ކްރެއޯލްގެ އިތުރުން އިނގިރޭސި އާއި ފްރެންޗެވެ.)

ސާރާ، އަހުމަދު އަދި އައިމިނަތު އަފީފު، ނޮވެމްބަރު 2015 ގައި

"އިބްރާޙިމާއި އޭނާގެ އަންހެނުން ކޮންމެވެސް ވަރަކަށް އަޅުގަނޑާ ވާހަކަ ދައްކާނެ ދިވެހި ބަހުން. އެހެން ނޫނީ ހުރިހާ ކުދިން ވެސް ވާހަކަ ދައްކާނީ އިނގިރޭސި ބަހުން،" ސީޝެލްސްގައި ދިރިއުޅުއްވާތާ ވެސް 57 އަހަރު ވެފައިވާ އަނީސާ ވިދާޅުވިއެވެ.

އައިމިނަތާއި ސާރާ ސީޝެލްސްގެ ފަޅުރަށެއްގެ ގޮނޑުދޮށުގައި ފެބްރުއަރީ 2012 ގައި

ކޮންމެ ބަހަކުން ވާހަކަ ދެއްކެވި ނަމަވެސް، ފަރިއްކުޅުވާއިރު، ސުފުރާމަތީގައި ގިނައިން ހުންނަނީ އަނީސާ އާއި އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަސީރު ކައްކަވާ ދިވެހި ރަހަތަކުގެ ކާނާއެވެ. އެ ލިސްޓު މިއަދު ވިދާޅުވެދެއްވީ އިބްރާހިމެވެ.

"އަޅުގަނޑަށް ކިޔައިދޭން އެނގޭނީ އައްޑޫ ބަހުން. އެއީ ގަރަދެޔަ، ހެދިމަސް، ބޮނޑިބައް، ފެންފޮޅި، ފިހިމަސް،" ސީޝެލްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ޗެއަރމަންކަން ކުރެއްވުމަށްފަހު މިހާރު ސީޝެލްސް މީޑިއާ ކޮމިޝަންގެ ސީ.އީ.އޯގެ މަގާމުގައި ހުންނެވި އިބްރާހިމް ވިދާޅުވިއެވެ.

(ކަނާތުން ވާތަށް) ޝަހީބު، އިބްރާހިމް، އައިޝަތު ނަސީރު އަދި އަނީސާ، ސީޝެލްސް "ފިނިފެންމާގޭ"ގައި ނޮވެމްބަރު 2014 ގައި -ފޮޓޯ: މުހައްމަދު އަސްލަމް

އަބްދުﷲ އަފީފު ދިރިއުޅުއްވި ގެ ބަލައިލައި، އަނީސާގެ ރަހަމީރު ސުފުރާއަށް އިންސާފުކޮށްލަން، ސީޝެލްސް "ފިނިފެންމާގެ" އަށް ޒިޔާރަތްކުރުމުގެ އުފާވެރި ފުރުސަތު 2014 ނޮވެމްބަރުގައި އަޅުގަނޑަށް ލިބުނެވެ. އެ ދުވަހު އަނީސާ ހަދިޔާއަކަށް ދެއްވި މުޅިން ތަފާތު ރަހައެއްގެ ސީޝެލްސް ތެލުލި ބަނބުކެޔޮ ދަޅެއް މާލެ ގެނެސް ހުސްކުރީ ދެ މަހަށްވުރެ ވެސް ގިނަ ދުވަހުންނެވެ. އެއީ މީރުކަމުން، ހުސްވެދާނެތީ، ވަރަށް ފަރޮވައިގެން ގެންގުޅެ، ފަހަރަކު ފޮއްޗަކަށްވުރެ ގިނައިން ނުނަގާތީއެވެ.

ސީޝެލްސްގެ 90،000 މީހުންގެ އާބާދީގެ ތެރޭގައި ދެ ހާހެއްހާ މުސްލިމުން އުޅެއެވެ. ސީޝެލްސްގައި ހުންނަނީ ތިން މިސްކިތެވެ. އިބްރާޙިމް ވަނީ އިސްލާމިކް ސޮސައިޓީ އޮފް ސީޝެލްސްގެ ރައީސްކަން 10 އަހަރު ކުރައްވައިފައެވެ. އަދި މިހާރު އޭނާ އަކީ ސީޝެލްސް ނޭޝަނަލް މުސްލިމް ކައުންސިލްގެ ނައިބު ރައީސެވެ.

އިބްރާހިމް އަފީފު، ސީޝެލްސް "ފިނިފެންމާގެ" ބޭރުގައި ދިވެހި ގައުމީ ޓީޝާޓެއްގައި މަޑުކޮށްލައްވައިގެން

ސީޝެލްސް "ފިނިފެންމާގޭ" އާއިލާ

ސީޝެލްސް އަށް 1963 ގައި ހިޖުރަކުރީ އަފީފު އާއިލާގެ އެންމެ ފަސް ބޭފުޅުން ކަމަށް ވީނަމަވެސް، ފާއިތުވި 57 އަހަރު ތެރޭގައި ސީޝެލްސް "ފިނިފެންމާގޭ" އާއިލާގެ އާބާދީ ވަނީ 23 އަށް އަރައިފައެވެ. އެއީ އަނީސާ އާއި ހަ ބޭފުޅުންނާއި އަނީސާއަށް މާމަ ވިދާޅުވާ 11 އަދި މުނިމާމަ ވިދާޅުވާ 5 ބޭފުޅުންނާއެކުގައެވެ.

އަބްދުﷲ އަފީފުގެ އާއިލާގެ ބޭފުޅުން 1963 ގައި ސީޝެލްސަށް ވަޑައިގަތުމުގެ ކުރިން އައްޑޫގައި

ސީޝެލްސް އަށް ވަޑައިގަތުމަށްޓަކައި، އިނގިރޭސި ހަނގުރާމަމަތީ މަނަވަރު، އެޗް.އެމް.އެސް ލޮކް ލޮމޮންޑްގައި އަބްދުﷲ އަފީފާއި އަނބިކަނބަލުން އަނީސާ އަލީދީދީ އާއި ތިން ބޭފުޅުންނާއެކު ސ. ގަމުގެ ބަނދަރުން ނައްޓާލީ 30 ސެޕްޓެމްބަރު 1963 ވީ ހޯމަ ދުވަހުއެވެ. ފަސް ދުވަހުގެ ދަތުރަކަށްފަހު ސީޝެލްސް އަށް ވަޑައިގަތީ 4 އޮކްޓޯބަރު 1963 ވީ ހުުކުރު ދުވަހުއެވެ. އޭރު އެންމެ ދޮށީ ދަރިކަލުން އިބްރާހިމް އަފީފުގެ އުމުރަކީ 9 އަހަރެވެ. މުހައްމަދު އަފީފަށް 7 އަހަރެވެ. އަދި ހުސެއިން އަފީފަށް 5 އަހަރެެވެ.

އަބްދުﷲ އަފީފުގެ އާއިލާ 1963 ގައި ސީޝެލްސް އަށް ދަތުރުކުރެއްވި އިނގިރޭސި ހަނގުރާމަމަތީ މަނަވަރު، އެޗް.އެމް.އެސް ލޮކް ލޮމޮންޑް

އަބްދުﷲ އަފީފުގެ އާއިލާ ސީޝެލްސް އަށް ހިޖުރަކުރެއްވި ފަހުން ވެސް ތިން ބޭފުޅުން ލިބިވަޑައިގަތެވެ. އޭގެ ތެރެއިން އާމިނަތު އަފީފަށް މިހާރު 55 އަހަރެވެ. އަހުމަދު އަފީފަށް 53 އަހަރެވެ. ސާރާ އަފީފަށް 49 އަހަރެވެ.

އަބްދުﷲ އަފީފު ސީޝެލްސްގެ ރައްޔިތުކަން ގަބޫލެއް ނުކުރެއްވި

އަބްދުﷲ އަފީފާއި އަނީސާ އަލީދީދީގެ ހުރިހައި ބޭފުޅުން ވެސް އުފަންވީ 29 ޖޫން 1976 ގައި، ސީޝެލްސް އަށް މިނިވަންކަން ލިބުމުގެ ކުރިން ކަމަށްވާތީ، އެ އާއިލާގެ ހުރިހައި ބޭފުޅުންނަށް ވެސް ސީޝެލްސްގެ ރައްޔިތުކަމާއި ޕާސްޕޯޓުގެ ހައްގު ލިބިވަޑައިގަތެވެ. އެކަމަކު އަބްދުﷲ އަފީފު ސީޝެލްސްގެ ރައްޔިތުކަމެއް ނުނަންގަވައެވެ. ނަމަވެސް އަނީސާ އާއި ދޮށީ ތިން ދަރިކަލުންނަށް ސީޝެލްސްގެ ރައްޔިތުކަން ލިބިވަޑައިގަތެވެ. ސާރާ ފިޔަވައި އެހެން ހުރިހައި ބޭފުޅުން ވެސް ދިވެހި ޕާސްޕޯޓު ވެސް ގެންގުޅުއްވައެވެ. ސާރާ ފިޔަވައި އެހެން ހުރިހައި ބޭފުޅުން ވަނީ ރާއްޖެ ޒިޔާރަތް ކުރައްވައިފައެވެ. އެންމެ ގިނައިން ރާއްޖެ ޒިޔާރަތް ކުރައްވަނީ އަނީސާ އާއި އިބްރާޙިމް އަފީފެވެ.

އަފީފުގެ ބޭފުުޅުން ސީޝެލްސްގެ އިސް މަގާމުތަކެއްގައި

  • އިބްރާހިމް އަފީފު، 66، ސީޝެލްސް މީޑިއާ ކޮމިޝަންގެ ސީ.އީ.އޯ
  • މުހައްމަދު އަފީފު، 63، ސީޝެލްސްގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ކެބިނެޓް އެފެއަރޒް
  • އަހުމަދު އަފީފު، 53، ސީޝެލްސްގެ ނައިބު ރައީސް
  • ސާރާ އަފީފު، 49، ކޮމާޝަލް މެނޭޖަރ، ސީޝެލްސް ޕެޓްރޯލިއަމް ކޮމްޕެނީ
(ކަނާތުން ވާތަށް): މައިކަލް، އިޖުލާލް، އާސިޔަތު، ތޯރިގް، މަލިކާ، އިމްރާން، ސާރާ އަފީފު، އިބްރާހިމް އަފީފު، އަހުމަދު އަފީފު، އަނީސާ، މުހައްމަދު އަފީފު، އިދުރީސް، ފަރީދާ

އަފީފުގެ އާއިލާ، ދުނިޔޭގެ އެކި ކަންކޮޅުތަކާ ގުޅިފައި

އަބްދުﷲ އަފީފާއި އަނީސާގެ ބޭފުޅުން ތަފާތު ގައުުމުތަކުގެ ބޭފުޅުންނާ ކައިވެނި ބައްލަވައިގަތުމުން، އެ ދަރިކޮޅު ވަނީ، ރާއްޖެ ވެސް ހިމެނޭ ގޮތަށް، ދުނިޔޭގެ އެތަންމިތަނަށް ފެތުރިފައެވެ. ކާފަމާމަ ވިދާޅުވާ ހުރިހައި ބޭފުޅުންނަކީ ވެސް ތައުލީމީ ބޭފުޅުންނެވެ.

  • އަފީފުގެ ބޭފުޅުންގެ ތެރެއިން ދިވެއްސަކާ ކައިވެނި ބައްލަވައިގަނެގެން އުޅުއްވަނީ ދޮށީ ދަރިކަލުން އިބްރާހިމް އަފީފު އެކަންޏެވެ. އިބްރާހިމްގެ އަނބިކަނބަލުންނަކީ އައްޑޫ ސިޓީ ހިތަދޫ، ތައުޒަން ފްލާވަރ، އައިޝަތު ނަސީރެވެ. އެ ދެ ކަނބަލުންނަށް ދެ ބޭފުޅުން ވަނީ ލިބިވަޑައިގެންފައެވެ. އެތަނުން އިޖުލާލަކީ އިންފޮމޭޝަން ޓެކްނޮލޮޖީ އިންޖިނިއަރެކެވެ. އިޖުލާލްގެ އަނބިކަނބަލުންނަކީ ޓެންޒޭނިއާގެ ޒެންޒިބާރގެ އަމާލް ސުލެއިމާން އަލީއެވެ. އެ ދެކަނބަލުންނަށް އެއް މަހުގެ ދަރިކަނބަލެއް ވަނީ ލިބިވަޑައިގެންފައެވެ. އާސިޔަތަކީ ގާނޫނީ ވަކީލެކެވެ.

  • މުހައްމަދު އަފީފުގެ އަނބިކަނބަލުންނަކީ ސީޝެލްސްގެ ފަރީދާ އަލިބާޔޭއެވެ. އެ ދެ ކަނބަލުންގެ ވެސް ދެ ބޭފުޅުން، ސައީދު އަދި އިދުރީސް، ތިއްބަވައެވެ. މުހައްމަދަށް ކާފަ ވިދާޅުވީ ތިން ބޭފުޅުން އެބަތިއްބެވިއެވެ.
  • ޑރ. ހުސެއިން އަފީފަކީ މެޑިކަލް ޑޮކްޓަރެކެވެ. އޭނާ އަށް 2016 ގައި ސްޓްރޯކެއް ޖެހިވަޑައިގަތުމުގެ ސަބަބުން، ޑޮކްޓަރުކަން ޕްރެކްޓިސް ކުރެއްވުން ދޫކޮށްލެއްވުމަށްފަހު މިހާރު ހުންނަވަނީ ގޭގައެވެ. ޑރ. ހުސެއިން އަފީފުގެ އަނބިކަނބަލުންނަކީ ސީޝެލްސްގެ އެވެލީން މެޑަލީނެވެ. އެ ދެކަނބަލުންގެ ދެ ބޭފުޅުން ތިއްބަވައެވެ. އެތަނުން މައިކަލް އަކީ ޕައިލެޓެކެވެ. އާދަމް ގެންދަވަނީ ޔުނިވަރސިޓީގައި ކިޔަވާ ވިދާޅުވަމުންނެވެ.
  • އާމިނަތު އަފީފުގެ ފިރިކަލުންނަކީ އީރާނުގެ މެހެރާން ކަފާއީއެވެ. އެ ދެކަނބަލުންނަށް ލިބިވަަޑައިގެންނެވި ދެ ބޭފުޅުން ވެސް، ކިއާން އާއި ޔޯހަން، އުޅުއްވަނީ ސްކޫލްގައެވެ. އާއިލާއާއެކު އާމިނަތު ދިރިއުޅުއްވަނީ ލަގްޒަންބަރގުގައެވެ. ލަގްޒަންބަރގުގެ މިނިސްޓަރ އޮފް އެޑިއުކޭޝަންގެ ޕަރސަނަލް އެސިސްޓެންޓެއްގެ މަގާމު އަދާކުރެއްވި އާމިނަތު މިހާރު މަސައްކަތް ކުރައްވަނީ އޭނާގެ އަމިއްލަ ކޮންސަލްޓެންސީ ފާމެއްގައެވެ.
  • ނައިބު ރައީސް އަހުމަދު އަފީފުގެ އަނބިކަނބަލުންނަކީ ސީޝެލްސްގެ ސްޓެއްލާ ސާފިޔާ މޮރޭލްއެވެ. އެ ދެކަނބަލުންގެ ދަރިކަލުން އަމީރު ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކިޔަވައި ވިދާޅުވުމަށްފަހު އަމިއްލަ ކުންފުންޏެެއްގެ ވަޒީފާއަށް ނުކުންނެވީ ދާދި ފަހުންނެވެ. އަމީރުގެ ދެ ބޭފުޅުން ތިއްބަވައެވެ.
  • ސާރާ އަފީފުގެ ފިރިކަލުންނަކީ ރޮމޭނިޔާގެ ޖޯޖު އިމްރާނެވެ. އިމްރާނަކީ ސީޝެލްސްގެ އާ ޕާލަމަންޓުގެ މެމްބަރެކެވެ. ދެ ބޭފުޅުން ތިއްބަވައެވެ. މަލިކާ ވަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޑިގްރީ ނަންގަވައިފައެވެ. ތޯރިގު އަދިވެސް ކިޔަވާ ވިދާޅުވަނީއެވެ.
ސާރާ އަފީފާއި ފިރިކަލުން އިމްރާން އަދި ދެ ބޭފުޅުން

އަނީސާގެ ހިތް ރާއްޖޭގައި

ސީޝެލްސްގައި 1963 އިން ފެށިގެން ވަޒަންވެރިވެ ވަޑައިގަތުމަށްފަހު އަބްދުﷲ އަފީފުގެ އަރިހުގައި އަނީސާ ރާއްޖެ ވަޑައިގަތީ އެންމެ ފަހަރަކު ނަމަވެސް، އޭގެ ފަހުން އެތައް ފަހަރަކު އަނީސާ ވަނީ ތިމާގެ ބޭފުޅުން ކައިރިޔަށް، އައްޑުއަށް، ވަޑައިގެންފައެވެ. އެންމެފަހުން ވެސް އައްޑޫގައި ހުންނަވާފައި އެނބުރި ސީޝެލްސް އަށް ވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައެވެ. މިދިޔަ ރޯދަމަހަކީ ވެސް އައްޑޫގައި ރޯދަ ހިއްޕަވަން އަނީސާ ރާއްވަވާފައި އޮތް ރޯދަ މަހެކެވެ. ނަމަވެސް، ކޮވިޑާ ހެދި އެ ޕްލޭން ކެންސަލްވީއެވެ.

"ކޮވިޑާ ހެދި މި ފަހަރު ނުދެވުނީ. ކޮންމެ އަހަރަކު ވެސް ރަމަޟާން މަހު އަޅުގަނޑު ހުންނަނީ ރަށުގައި،" ދީނީ ކަންކަމަށް ވަރަށް އިސްކަމެއް ދެއްވާ އަނީސާ ވިދާޅުވިއެވެ.

ކޮވިޑްގެ ނުރައްކަލުން ދުނިޔެ ސަލާމަތްވެ، ދަތުރުފަތުރުކުރުން އަމާންވުމުން، ނައިބު ރައީސް އަހުމަދާއި އާއިލާގެ އެހެން މެމްބަރުންނާއެކު ރާއްޖެ ވަޑައިގަތުމަކީ އަނީސާގެ އުންމީދެކެވެ.

ސީޝެލްސް "ފިނިފެންމާގޭ"ގައި އާންމުކޮށް ބަލަނީ ޓީވީ މޯލްޑިވްސްއެވެ. އެހެންކަމުން ރާއްޖޭގައި ހިނގާ ކަންކަމަށް އަނީސާ އާއި އިބްރާހިމް ވަރަށް އަހުލުވެރިއެވެ.

ނައިބު ރައީސް އަހުމަދު އަފީފުގެ އަނބިކަނބަލުންނާއި ބޭފުޅުންނާއެކު

ސީޝެލްސްގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، އިދިކޮޅު ޕާޓީއަށް ވެރިކަން މި ލިބުނީ 43 އަހަރުގެ ދިގު މުއްދަތަކަށްފަހުއެވެ. ކުރީގެ އިދިކޮޅު ލީޑަރު ކަމަށްވާ ސީޝެލްސް ޑިމޮކްރެޓިކް އެލަޔަންސް (އެލް.ޑީ.އެސް)ގެ ވެވެލް ރަމްކަލަވަންގެ ރަނިންމޭޓެއްގެ ހައިސިއްޔަތުން ނުކުމެވަޑައިގެން އަހުމަދު އަފީފުމެން ކާމިޔާބު ހޯއްދެވީ ވޯޓު ލީ މީހުންގެ 54.9 ޕަސެންޓުން ކުރިހޯއްދަވައިގެންނެވެ. ވޯޓު ދިނުމުގެ ހައްގު ލިބިފައި ވަނީ 74،634 މީހުންނަށެވެ.

ސީޝެލްސް "ފިނިފެންމާގޭ" އާއިލާއިން ވެސް ހަތް ބޭފުޅަކު ވަނީ ވޯޓު ލައިފައެވެ. އޭގެ ތެރޭގައި އަނީސާ ހިމެނޭބާވައެވެ؟

"އެހެން. ވޯޓުލާން ދިޔައިން، އޮފްކޯސް،" ހިނިގަނޑެއް ޖައްސަވާލައްވަމުން އަނީސާ ޖަވާބު ދެއްވިއެވެ.

"މިފަހަރުގެ އިންތިޚާބު އަހުމަދުމެންގެ ޕާޓީން ކާމިޔާބު ކުރާނެ ކަމަށް ވަރަށް ބޮޑަށް ޔަގީންވެފައި އޮތީ. މޮޓޯކޭޑު ހަދާ ކަލެކިވެސް އެންމެ ގިނާއް މީހުން ފެނެނީ އެތަނުން. އެހެންވެ ޔަގީންކަން އޮއް ލިބޭނެ ކަމަށް،" އަނީސާ މި ފަހަރު ޖަވާބުގެ އެއްބައި ދެއްވީ އައްޑޫ ބަހުރުވައިންނެވެ.

(ކޮވިޑްގެ ނުރައްކަލާ ހެދި މީހުންނަށް އެއްނުވެވޭތީ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ސީޝެލްސްގައި ކުރިއަށް ގެންދިޔައީ ރަށުގެ ހުރިހާ މަގުތަކުގައި ބޮޑު މޮޓޯކޭޑެއް ގޮތަށް ކާރު ދުއްވައިގެންނެވެ. އަނީސާ ވިދާޅުވާ ގޮތުން އެންމެ ގިނަ ކާރުތައް އޮތީ އަފީފުމެންގެ ޕާޓީގެ މޮޓޯކޭޑުގައެވެ. އެއީ ރައްޔިތުންގެ ތާއީދު އޮތް މިންވަރު އެނގުނު ކަމެކެވެ.)

އަނީސާގެ ދަރިކަލުންގެ މި ކާމިޔާބީއާ ގުޅިގެން، ރާއްޖޭގެ، ވަކިން ހާއްސަކޮށް އައްޑޫގެ ވަރަށް ގިނަ ބަޔަކު ވަނީ އަނީސާއާ ގުޅައި އަދި މެސެޖްކޮށް ތަހުނިޔާ ކިޔައިފައެވެ. އެކަމާ އަނީސާގެ ހިތްޕުޅު ވަނީ ޝުކުރުން ފުރިފައެވެ.

"އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑުގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" އަނީސާ ވިދާޅުވިއެވެ.

އަނީސާ މިއަދު އިންނެވީ ހިނިތުންވެވަޑައިގެންނެވެ. ފިރިކަލުން ނެތެއް ކަމަކު، ދެ ކަނބަލުން އެކުގައި ތަރުބިއްޔަތު ކުރެއްވި އާއިލާގެ މޭވާ ފޮނިކަމުންނެވެ. "އައްޑޫ ރަދުން"ނަށްޓަކައި އަނީސާ ފަޚުރުވެރިވެވަޑައިގެންނެވި ގޮތަށް އާއިލާގެ ހުރިހައި މެމްބަރުންނަށްޓަކައި ވެސް އަނީސާ މިއަދު ފަޚުރުވެރިވެވަޑައިގަނެއެވެ. އަލްމަރުހޫމު އަބްދުﷲ އަފީފަށް ސުވަރުގޭގެ ދާއިމީ ނިއުމަތް، މާތް ﷲ މިންވަރު ކުރައްވާށިއެވެ! އާމީން!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1118212
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *