ނެތް ވަފާތެރިކަމުގެ ސިފައެއް "ހުސްނު" ހުއްޓަސް ސޫރަޔަކު
ނެތްކަމުން ހިތްހެޔޮކަމެއް އަމުދުންމެ ތިޔަ ހިނިތުންވުމަކު
މާފު އެދިއެދި ރޭދުވާ ތަކުރާރުކޮށް ދައުރާ ވިޔަސް
ސާފު ލޯތްބެއް ނުހިނގައޭ ތިޔަ މޭތެރޭގައި އޮތް ހިތަކު
ލޯބި ދިން ނަމަވެސް ހަޔާތުން ބީވެގެން ދިޔަ އެއް އިރަކު
ލޯބިވެތި ދީލަތިކަމެއް އެހެނަސް ނެތޭ އަދު ތިޔަ އަތަކު
ހަނދުވަރުން ތިޔަ ދިއްލި ނަލަ މާޒީ އުޖާލާ ކުރުވިޔަސް
ހަނދުވަރެއް އެހެނަސް ނެތޭ އަލިކަން ލިބޭ އަދު ތިޔަ ހަނދަކު
ބަދަލުގައި އަދު ބަދަލު ހިފުމީ ރޫހުގައި ނެތް ސިފައެކޭ
މަދަދަކަށް ނޭދޭ ނަމޭ ރަހުމެއް ނެތީމާ ތިޔަ މެޔަކު
ރޫޅިގެން ދިޔަ ދިރިއުޅުން އާބާދުކުރުމުގެ ހިތްވަރެއް
ރޫޅުނަސް މިހިތާއި ޖިސްމާ ނެތްމެ އުންމީދެއް އަދަކު
މާފޮޅުނު ހެނދުނާ ހަވީރާ ރޭގަނޑަށް "އިރު" އޮއްސުމުން
މާފޮޅެން އަލަކުން ދެނެއް ނޭދެން އަނާ ތިޔަ ގުލްޝަނަކު
ނެތްކަމުން އިތުބާރު ރަޙުމާ އޭގެ ހަމްދަރުދީގެ ބާރު
ނެތް ލަޠީފީ ޒީނަތެއް ފަރި "ހުސްނު" ހުއްޓަސް ސޫރަޔަކު
