Support Us

ބޭންކުގެ ސެކިއުރިޓީ އޮފިސަރު ފައިސާ ފޮށިގަނޑު ހިފަހައްޓައިގެން

ބޭންކަށް ޖަމާކުރަން ގެންދިޔަ "ރޫޓު"ގެ 5.2 މިލިއަން ރުފިޔާ ފޭރިގަންނަން އުޅެފި، އެންމެން ފިލައިފި

މަޝްހޫރު ރޫޓު ފިހާރައިގެ 5.2 މިލިއަން ރުފިޔާ އާއި ގިނަ އަދަދެއްގެ ޗެކްތަކެއް ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ވަގުތު، ފޮށިގަނޑެއްގައި ހުރި އެ ފައިސާތައް ފޭރިގަންނަން ބަޔަކު މިއަދު މަސައްކަތްކޮށްފިއެވެ. ނަމަވެސް ރޫޓުގެ މުވައްޒަފުންނާއި ބޭންކުގެ ސެކިއުރިޓީ އޮފިސަރަކު ވެގެން އެ ފައިސާ ފޮށިގަނޑު ވަނީ ސަލާމަތްކޮށްފައެވެ. ފޭރުނު މީހުން ވަނީ ސައިކަލްގައި ފިލައިފައެވެ.


މި ފޭރުން ވަރަށް ސާފުކޮށް ފެންނަ ވީޑިއޯގައި، ރޫޓުގެ ރީނދޫ ވޭން ފައިސާ ފޮށިގަނޑު ހިފައިގެން ބޭންކް އޮފް ސިލޯނަށް ކައިރިކުރި ވަގުތު ދެ ސައިކަލްގައި ހަތަރު މީހަކު އައިސް ވޭނުގެ ކުރީގައި މަޑުކުރެއެވެ. ފޭރުނު ހަތަރު މީހުންގެ ތެރެއިން ތިން މީހުން ތިބީ ހެލްމެޓް އަޅައިގެންނެވެ. އަނެކަކު އިނީ މާސްކު އަޅައިގެންނެވެ.

ފޭރޭ މީހުން ސްޕްރޭ ކުރަނީ

މިއަދު ހެނދުނު 11.30 ހާއިރު ވޭން މަޑުކުރުމާއެކު ސައިކަލްގެ ފަހަތުގައި އިން މީހަކު ފައިބައިގެން ގޮސް ވޭނު ތެރޭގައި ހުރި ފޮށިގަނޑު ދަމައިގަންނަން މަސައްކަތްކުރެއެވެ. ފޭރޭ އެހެން މީހުން ވެސް އެތަނަށް ގޮސް މޫނަށް ސްޕްރޭ ޖެހުމުން ރޫޓުގެ މުވައްޒަފުން ދުރަށްޖެހިލުމާއެކު، ފޭރޭ މީހަކު ވޭންތެރެއަށް ވަދެ، ފޮށިގަނޑު ނެރެ ދިއްކޮށްލި ވަގުތު ބޭންކު ތެރެއިން ނުކުތް ސިކިއުރިޓީ އޮފިސަރަކު ގޮސް އެ ފޮށިގަނޑުގައި ހިފައިގަނެ، އޭގެ މައްޗަށް ވެއްޓިގަނެއެވެ. އަދި ރޫޓުގެ މުވައްޒަފަކު ވެސް ފޮށިގަނޑުގައި ހިފަހައްޓައެވެ. އެއާއެކު ފޭރޭ މީހުން ފިލަން ދުއްވައިގަތުމުން ރޫޓުގެ މުވައްޒަފުން ވެސް އެ މީހުން ފަހާ ދުއްވައިގަތެވެ. ނަމަވެސް މި އެންމެން ވެސް ވަނީ އަތުނުޖެހި، ސައިކަލްތަކުގައި ފިލައިފައެވެ.

އެ ހިސާބުގައި އަޑުފަށްގަނޑު ގަދަވުމުން، ކައިރީގައި ތިބި މީހުންތައް ވެސް ވަނީ އަވަހަށް ދުރަށްގޮސްފައެވެ.

ފޭރޭ ހަތަރު މީހުން ސައިކަލްގައި އައިސް މަޑުކުރަނީ

ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާކޮށް ކުރާ "ރޫޓު"ގެ މި ފައިސާތައް ހުރީ ސިނގިރޭޓު ހުސްކުރި ބޮޑު ފޮށިގަނޑެއްގައެވެ.

ރޫޓުގެ މަސްއޫލުވެރިއެއް ކަމަށްވާ އަބްދުއްރާފިއު (ރާއްޕެ) "އަދިވެސް" އަށް ވިދާޅުވީ ބޭންކް އޮފް ސިލޯނަށް ޖަމާކުރަން މިއަދު ގެންދިޔައީ 5.2 މިލިއަން ރުފިޔާގެ ނަގުދު ފައިސާ އާއި ގިނަ އަދަދެއްގެ ޗެކް ކަމަށެވެ.

"ދެ ދުވަހުގެ ސޭލްސް ވީމަ ފޮށިގަނޑު އެހާ ބަރީ. ފޮށިގަނޑު އެހާ ބަރުވީމާ މިއަދު އެ ސަލާމަތްވީ. ލުއި އެއްޗެއް ނަމަ ދުވަސްދާނެ މިއަދު،" ރާއްޕެ ވިދާޅުވިއެވެ. "ފޮށިގަނޑެއްގައި ގެންދަނީ ވެސް ހަމަ މިކަހަލަ ކަމެއް ދިމާވެދާނެތީ އޮޅުވާލަންވެގެން. ސިނގިރޭޓް ފޮށިގަނޑެއް ތަނަކަށް ގެންގޮސްދާނެތާ ހަމަ. އެހެންވެ އެގޮތަށް ދައްކަންވެގެން ސިނގިރޭޓު ހުސްކުރި ފޮށިގަނޑަކަށް ފައިސާތައް އަޅައިގެން މި ގެންދިޔައީ."

ރާއްޕެ ވިދާޅުވީ ފޭރޭ މީހުން އަތުން އެ ފައިސާ ފޮށިގަނޑު ސަލާމަތްވީ ބޭންކުގެ ސިކިއުރިޓީ އޮފިސަރުގެ ގުރުބާނީން ކަމަށެވެ.

"ވަރަށް ހުށިޔާރު، ވަރަށް ކުޅަދާނަ އޭނާ. އޭނާގެ މަސައްކަތުން އެ ފައިސާ ފޮށިގަނޑު މިއަދު ސަލާމަތްވީ. ވަރަށް މޮޅު މީހެއް އެއީ،" ރާއްޕެ ވިދާޅުވިއެވެ. "ކޮތަޅެއްގައި ނުވަތަ ލިއު އެއްޗެއްގައި (ފައިސާތައް) ހުރި ނަމަ މިއަދު އެ ގެންދާނެ."

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"ސީ.ސީ ކެމެރާތަކުން ބެލީމަ ފުލުހުންނަށް ފެންނާނެ އެ މީހުން އައި ގޮތާއި ދިޔަ ގޮތް ވަރަށް ސާފުކޮށް. މާ ދުރުއްސުރެ ވޭން ފޮލޯކުރަމުން އެމީހުން އައީ،" ރާއްޕެ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް