Support Us

ދަރިފުޅުމެންނޭވެ!

މަންމައަށް ހެޔޮކޮށް ހިތައިގެން ބައްޕައަށް ޙުރުމަތް އަދައި،
ތަންމަތީން ފެށިގެން މަރާ ހަމައަށް ތިބޭށޭ ހެޔޮ އަދައި

މަންމައާ މައްޕަގެ އެހީއާ ޚިދުމަތާއި ވަޒަންކުރާން-
ދަންނަ ކުދިބަޔަކަށް ވެގެން ތިބެ ދާށެވީ ހަމަ ކުރިއަރައި

މާތްވި އަޚުލާޤާ ސުލޫކާ ރިވެތި ފުރިހަމަ ސިފަތަކުން
ގާތްތިމާގެ ކަމުގެ ގުޅުން ދަމަހައްޓަމުން ދޭ ލޮބުވަތައި

ކަށިތަކުން މުޖުތަމަޢުގައި ފެންނަން އެހެރަ ވިހަގަދަ ވަރަށް
ހަށިގަނޑާ ރޫޙާ ސަލާމަތްކޮށް ތިބޭށޭ ގަދައަޅައި

ޢާއިލާއަށް ހުތުރުހާ ބަދުނާމުތައް ނުލިބޭނެ ހެން
ވާޢިޡުން ދެއްވާ ނަސޭހަތުގައި ހިފާށޭ އަޑުއަހައި

ކިބުރުވެރިކަން މުޅިން ދޫކޮށް ތަވާޟުޢުވެރި ވެގެން
މި ބުނިހެން އަދަބާ ސުލޫކާ ދައްކުވާށޭ ބަސްއަހައި

ދުނެޔެއީ ވަގުތީ ތަނެއްކަން ދަނެ ފަހުން އޮތް، ދާއިމީ-
ދުނިޔެއަށް ފައިދާ ކުރާ އަޅުކަން ކުރާށޭ ގަދައަޅައި

ދޫނުކޮށް ހުރިހާ ނަމާދެއް ވެސް އަދާކޮށް ވަގުތުގައި
ހޫނު އަލިފާނުން ސަލާމަތް ވާށެ! ހުރިހާ މަގުކޮށައި

ރޯދައާ ޙައްޖާ ޒަކާތަށް ވެސް ސަމާލުވެގެން ވަރަށް
ހޯދަމުން ހެޔޮހާ ޢަމަލުތައް ގިނަކުރާށޭ ބާރުލައި

ޢިލްމަކީ ތަހުޛީބުކަން ދެނެ އުނގެނުމަށް އިސްކަންދެމުން
ޙިލްމުވެރިކަމުގައި ހިފައިގެން ދާށެ ކުރިއަށް މިގޮތުގައި

މަންމައާ ބައްޕަގެ މަސައްކަތްތައް ތަރައްޤީ ވާނެހެން
ދަންމަރެއް ފަދަ އަލިކަމެއް ކަމުގައި ވެލާށޭ ދިއްލިލައި

ތެދުބުނާށޭ އަބަދު ވެސް ދޮގުތައް ހެދުން ދޫކޮށް މުޅިން
"އެ ދުވަހުން" ހުރިހާ ކަމެއް ވެސް ހާމަވާނޭ ފާޅުގައި

ޢިއްފަތާ އަބުރާ އެއިއްޔޭ ޢިއްޒަތުއްނަފުސުގެ އަސާސް
ޢިއްޒަތޭ މި ކަމުން ލިބޭނީ ދާއިމަށް އަބަދަށް ޓަކައި

ބައްޕައެއްގެ ގަލަން ނަގައި، "މާޒީ" މި ލިޔެދިންހާ ދަރުސް
ލައްޕަމުން މުޅި ހަށިގަނޑަށް، ޒީނަތްވެލާށޭ ފަޚުރުގައި

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *