Support Us

ކަޅުދީންޏާއި ދޮންދީނި

އަހުރެންނަކީ ކަޅުދީންޏަކީން ކޮރަމުން ހިނގޭ ކޮރު ދީންޏަކީން
އަހުރެންގެ އަޑު ވެސް ރީތި ނޫން އަޑު ކުރަކި އަޑުބަރު ދީންޏަކީން

ގުލްޝަންތަކާ ފެންކޯރުތައް، އެ ބުނާ ރަބީޢީ ސިޙުރުތައް
އުލްފަތުގެ ދޭ ލައްޒަތު ހިތަށް މި ނަސީބުގައި ނެތް ދީންޏަކީން

ތަޤުދީރު އަހަރެން ދިރިއުޅެން ލިޔެދިން ފިލާގައި އޮތް ގޮތަށް
މަގުތައް، އަތިރިމަތި، ދަނޑުފަނގުން މުހުތާދު ފުއްދާ ދީންޏަކީން

އަހުރެންގެ ފެންވަރަކީ މިއީ އަހަރެންގެ މިންވަރަކީ މިއީ
އަހުރެން ޙަޤީޤަތުގައި މިއީ އެކަމަކު މި ނޫން ވެސް ދީންޏަކީން

އަހުރެންނަކީ ޤާބީލު ބިން އާދަމްގެ އަރިހަށް މާ ދުރުން
ވަހުމާއި ބިރު ފިލުވައިލުމަށް ފޮނުވުނު ތަފާތު ރަސޫލަކީން

އަހުރެންނަކީ މަތިވެރި ބަނީ އާދަމްގެ ޅަނދޮޅު ޙަޔާތުގައި
ފަޚުރާއެކީ ހުނަރާ ފިކުރު ބުނެދިން އެ ފަދަ އުސްތާޛަކީން

އަހުރެންނަކީ ކޮވެލީގެ ބޭރަޙުމުން ޔަތީމުވެދާ ކުދީން
ރަޙުމާއި ލޯބި ޙަޔާތަކަށް އުފުލާ އަމާނާތްތެރިޔަކީން

އަހުރެންނަކީ ޠޫފާނުގައި ކަންޢާނު ޣަރަޤުކުރެއްވި އިރު
ރަޙްމަތްފުޅުން އޭނާގެ ބައްޕަގެ އަރިހުގައި އިން މިތުރަކީން

އަހުރެންގެނަން އަހަރެންގެކަން ބަޔަކަށް ހުތުރުވިޔަކަސް ހެވޭ
އަހުރެންނަކީ ޤުރުއާނުގައި ނަން އޮތް ޝަރަފުވެރި އެދުރަކީން

މޫރިތި މި ފަދަ އެތަކެއް ޙަޤީޤަތްތައް މިހެން ހުއްޓަސް ހެވޭ
ކީރިތިކަމާއެކު ތިޔަ ނަޒަރު ދޮންދީންޏަކަށް ނަމަ އެބަ ދެވޭ

އަހަރެންގެ ވަޒަނަށް މާ ދުރުން ބާރާއެކީ އައިސް އެ ސޮރުމެން
އަހަރެންގެ އައުލާދަށް އެ ދިން ހިތްދަތިކަމުން އަދިވެސް ރޮވޭ

ރޮއިރޮއި އަހަރެމެން ތިއްބައޭ ފުނޑުފުނޑުކުރީ ގޮސް ހާލިތައް
ރުއިމާއި ކަރުނައިން މާ ބޮޑަށް އުފަލުން އެ ސޮރުމެންނަށް ހެވޭ

އެތަކެއް ޒަމާންވަންދެން އުޅުނު އެތަކެއް ހަނދާނެއް ހުރި ބިމުން
ނެތަތީ އަމާނެއް ގިސްލަމުން ފޭބީ، އެ ތަދު ރަނގަޅެއް ނުވޭ

އެކިގަސްގަހުން އެކިގޮފިގޮފިން އެކިރުއްރުކުން މެކެމުން އެހެން
ދެކިލާށެ ގޮސް ވަކިވީ ވަގުތު ރަކިކޮށް ހެމުން ފަހަތުން ދުވޭ

އޭނާ ވަކިން އަޅެ ސަހަލުހޭ ޚުލްޤާ ސުލޫކާ ރަނގަޅު ހޭ
މޫނާއި ހަށިގަނޑު ދޮންވުމުން އަނިޔާ ނިޔާއަށް ބަދަލު ވޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *