ތިޔަ ބުނާ ޒީނަތުގެ ކުލަތައް މިއަދު ފެންނާކަށް ނެތޭ
ދިޔަ ޒަމާނުގެ އުދަރެހުން ފެންނަން އެފަދަ ކުލަތައް ވެތޭ
ބަލިތަކުން ފެތުރޭ ވަބާއީ އަންނަ ކުފުރުގެ ގަދަ ވައިން
އަލިކުރާ ހުޅުކޮޅު ހިތުން ނިވުނަސް އެކަން ވަރިހަމަ ވެތޭ
ތަންމަތީން ފިނިފެންމަލުގެ ލިބިދޭ އުފާ ދޫކޮށް އެތާ
ބިންމަތީން ގެރިގުއި ތެރޭ ނޫނީ ލޮލަށް ނިދި ނާދެތޭ
ކޮށިއަރައިގެން ގޮސް ނިފާޤު ގެ ހުތުރު މާނޭވާ ލުމުން
ކޮށި ދަނޑާ ވަޅިޔާއި މަރިޔަނބު ގެއްލިދާނޭ މަގު ވެތޭ
ބަޑިތަކާ ކަނޑިތަކުގެ ކުރިމައްޗަށް އެއައި އަލި މޫނުތައް
ހަޑިކުރަން އެ ގޮވޭ ގޮވެލި ނޫނީ ޒުވާން އުފަލެއް ނެތޭ
އޮޅުވުމުން އޮޅި ބުއްދި އާ ފިކުރާ ރަނގަޅު ހޮޅިއަށް ވުމުން
ފޮޅުވުމަށް މައު ހުންނަ ގަސް ނޮޅުނަސް އަތުން އެނގުމެއް ނެތޭ
ޢާލިމުންނާ ޖާހިލުންނާ ފާދިރީން އެނބުރޭ ބުރުން
ހާލި ހެދުމަށް ލާރިއަށް ނޫނީ އުނގެއް ބެލުމެއް ނެތޭ
ނީލަމަށް ލައި ޒީނަތާ ފަޚުރާއި ޝަރަފާ ތަރިކަ އާ
ޖީބުގައި ފިރުމާލުމަށް ނޫނީ ކުރާ ފިކުރެއް ނެތޭ
ރީތިވީ ހެޔޮބަސްތަކުން ލިޔެފައި މިވާހާ ބާބުތައް
ހީރަހުން ކެނޑިގެން މިދާ ސަބަބާއި މެދު އޮޅުމެއް ނެތޭ
