ގުޅޭއިރުގައި ގުޅެންވާނީ ބަލައިގެން ވަކިވެދާނެކަމަށް
ގުޅުން ކެނޑުނަސް ބަލަންވާނީ ފަހުން އަދިވެސް ގުޅޭނެކަމަށް
ޖެހޭނޭ މިންވަރެއް އޮންނަން، ގުޅޭ ނަމަވެސް ގުޅޭއިރުގައި
އެނގޭހާ ސިއްރުތައް ބުނެދޭން، ކުރަން ހެޔޮވެސް ނުވާނެކަމަށް
ތިމާ ރައްކާކުރަން ވާޖިބު އެތައް ގިނަ ސިއްރުތައް ހުރެފައި
ތިމާޔާ އަދި އެކީ އުޅުނަސް އެކަން ފޮރުވަން ޖެހޭނެ ކަމަށް
އެކީ ގުޅިގެން އުޅުނުއިރުގައި ކިޔައިދޭ ކޮންމެ ސިއްރެއްވެސް،
އެކީ އުޅެ، ވަކިވެދާ ދުވަހަކު ދިމާޔަށް ވެސް ގޮވާނެކަމަށް
ތިމާ އެދުމެއް އޮތީމާދެން ހުޝާމަދުކޮށް އެކީ ގުޅުނަސް،
ތިމާ ބޭނުން ކަމެއް ފުދުމުން ފަޟީހަތް ކޮށް ހަދާނެ ކަމަށް
ކުރާމީހުން ދިރާސާކޮށް "ދެކޮޅު އަޑުވެސް އަހައި ހޯދައި"
"މުނާފިގެކޭ" ތިމާގެ އަމަލު ތަކާމެދު ބުނެ އުޅޭނެ ކަމަށް
މިއަދު ބުނެވޭބަހެއް ބުނުމުން އެއަޑު ނެތިގެން ނުދާނެކަމާ،
މިއަދު ބުނެވޭ ބަހެއްމެ ފަހުން ރިކޯޑުން އަޑުއެހޭނެ ކަމަށް
ކަމެއްގައި ހައްދުފަހަނަ އަޅައި "ދެދުވަހަށް ދެކުލަ ޖައްސައިގެން"
ނަމެއް ލިބުނަސް މަގާމެއްބޮޑު އަގެއްމީހާގެ ނޯންނަ ކަމަށް
ނުރުހިދާ ކޮންމެ ފަހަރަކުވެސް ގޮވާފައި ހަޑިހުތުރު ބަހަކުން
ރުހިއްޖެއްޔާ ނުބައި ހުރިހާ ޢަމަލުވެސް ރަނގަޅުވާނެ ކަމަށް
އިލާހީ ދެއްވި މަތިވެރި ޢިއްޒަތުއްނަފުސާ ހިތާއި ދުލާ
މިތާ ބާޒާރުގައި ނެރެ، ނުއަގުގައި ވިއްކަން ނުވާނެ ކަމަށް
