Support Us

ތާރީހް:

ލިބެންވީ: ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް

ފޮނުވީ: އަޒީޒް ހަސަން
ގުޅޭ: މިފަހަރު ގާސިމް ނޫން ގޮތެއް ނެތް

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

އަޅުގަނޑަކީ ސިޔާސީ ގޮތުން މަނިކުފާނާ ވަރަށް ހިޔާލު ތަފާތު މީހެކެވެ. އަޅުގަނޑުގެ ސިޔާސީ ފިކުރު ހުރި ގޮތުން، ދުވަހަކު ވެސް މަނިކުފާނަށް ތާއީދުކުރި މީހެއް ވެސް ނޫނެވެ. ނަމަވެސް، ގައުމު މިއަދު ވެއްޓިފައިވާ އަނދަވަޅުން ނަގައިގަނެ، މި ގައުމު ސަލާމަތްކޮށްދެވޭނެ ސިޔާސީ ލީޑަރަކީ މަނިކުފާނު ކަމަށް އަޅުގަނޑަށް މިހާރު ޔަގީންވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ ރޭހުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގާބިލްކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިސްލާމް ދީނަށް އޮންނަ ލޯތްބާއި ޕާޓީތަކުގެ ވައުދުނާމާތައް އަޅުގަނޑު މި ގެންދަނީ ވަރަށް ކައިރިން ބަލަމުން، އަޑު އަހަމުންނެވެ. އަދި އެކަތި އަނެކައްޗާ އަޅައިކިޔައި، ކިރަމުންނެވެ. އެއީ އަބަދުވެސް އަޅުގަނޑު ކަންތައް ކުރާ ގޮތެވެ.

މިއަދު މަނިކުފާނަށް މި ސިޓީ އަރިސްކޮށްލަން އަޅުގަނޑު ކޮންމެހެން ބޭނުންވީ ކުރީ ދުވަހުގެ ބަސްދީގަތުމެއްގައި، އަޅުގަނޑަށް ވަރަށް ކަމުދިޔަ ވާހަކަތަކެއް މަނިކުފާނު ވިދާޅުވުމުންނެވެ. އެއީ ފާއިތުވީ ތިން ރިޔާސީ އިންތިހާބު އެހެން ޕާޓީތަކަށް ކާމިޔާބު ކޮށްދެއްވުމުގައި މަނިކުފާނުގެ ހިއްސާ ބޮޑު ވާހަކަ އާއި އެހެންވެ ގައުމު މިހާރު މިއޮތް ހާލަތު ބަދަލުކޮށްލެވޭނެ ފެންވަރުގެ މީހަކާ ގައުމުގެ ވެރިކަން ހަވާލުކުރުމަށާއި އެކަން ތަޖުރިބާރުކޮށްލަން ވެސް ދިވެހި ރައްޔިތުން އެ ފުރުސަތު އެމަނިކުފާނަށް ދިނުމަށް ގޮވާލެއްވި ވާހަކަ އެވެ. މަނިކުފާގެ އެ ބަސްދީގަތުން އެކުގައި އަޅުގަނޑު ބަލައިފީމެވެ. އޭގައި ހުރީ ވަރަށް ވެސް ރަނގަޅު ވާހަކަފުޅެކެވެ. އެ ވާހަކަފުޅުތައް ވީ ހިތުގެ އަޑިން އަޅުގަނޑަށް ގަބޫލްކުރެވުނު ވާހަކަތަކަކަށެވެ. އަދި މަނިކުފާގެ ދުރު ވިސްނޭ ތަސައްވުރަށް އަޅުގަނޑަށް ތާއީދުކުރެވެން ފެށި ކަމަކަށެވެ. މަނިކުފާނުގެ ރިޔާސީ ކެންޑިޑޭސީ އަޅުގަނޑު ގަބޫލްކުރި ކަމަކަށެވެ.

ތެދުފުޅެކެވެ. މަނިކުފާނަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް، 2013 ވަނަ އަހަރު ޕީޕީއެމަށް، އަދި އޭގެ ފަހުން 2018 ވަނަ އަހަރު އަނެއްކާ ވެސް އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ހޯއްދަވައިދެއްވި "ކިންގް މޭކަރ"އެވެ. އަދި ވެރިކަން ލިބުމުން ކޮންމެ ފަހަރަކު ވެސް މަނިކުފާނަށް ލިބެނީ ކޮޅުކެއްސެވެ. ކޯލީޝަންގެ ބޮޑު ކޭކުން މަނިކުފާނަށް ލިބެނީ ކުޑަ މިންވަރެކެވެ. އެހެންވެ، ދިވެހި ގައުމު މިހާރު މިއޮތް ހާލަތު ބަދަލުކޮށްލެވޭނެ ފެންވަރުގެ މީހަކާ ގައުމުގެ ވެރިކަން ހަވާލުކުރުމަށް އެ ފުރުސަތު މަނިކުފާނަށް ދޭން ރައްޔިތުންގެ ގިނަ ބަޔަކު މިހާރު ފަސްޖެހޭނެ ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. އެހެން ހުރިހާ ލީޑަރުން ވެސް މިހާރު ވަނީ ތަޖުރިބާ ކުރެވިފައެވެ. ހަގީގަތަށް ދަންނަވާނަމަ ދަންނަވަން ޖެހެނީ ވެރިކަން ލިބުމުން، ކޮންމެ ލީޑަރަކު ވެސް ޖެހެނީ ހަމަ އެއްތާކު ކަމެވެ. އެހެންވެ މި ފަހަރު ހަމަ މަނިކުފާނު ނޫން ޗޮއިސެއް އަޅުގަނޑަކަށް ނުފެނުނެވެ. މަނިކުފާނަށް އަޅުގަނޑަށް ތާއީދު ކުރަނީ އެހެންވެގެންނެވެ.

ދިވެހި ގައުމު ހިންގުމުގައި މަނިކުފާނުގެ ހުރި ކުޅަދާނަކަމަކާއި ހުށިޔާރު ކަމެއް ވެސް އެނގޭނީ ތަޖުރިބާކޮށްލައިގެން ކަމަށް އަޅުގަނޑަށް ވެސް ގަބޫލްކުރެވޭތީ، އަދި އަޅުގަނޑު މިއަދު އެންމެ ދެކެން ބޭނުންވަނީ ސެޕްޓެމްބަރު 9 ގެ ރިޔާސީ އިންތިހާބު އެއްބުރުން މަނިކުފާނު ކާމިޔާބުކުރައްވާތަން ކަމުގައި ދަންނަވަމުން، އަދި އެކަމުގައި މާތްﷲގެ ހެޔޮ ރަހުމަތްފުޅު މަނިކުފާނަށް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވަމުން މި ސިޓީ ކުރުކޮށްލަމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.