Support Us

ތާރީހް:

ލިބެންވީ: މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް،

ފޮނުވީ: އަލީކުޑޭ
ގުޅޭ: ބާޒާރުމަތީގެ މަގުތަކާއި ގޯޅިތައް ޕިކަޕް ޑްރައިވަރުން ވެރިކޮށްލައިގެން އުޅޭ މައްސަލަ

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

މަނިކުފާނަށް އެޑްރެސްކޮށް 30 ޖޫން 2023ގައި އަޅުގަނޑު ފޮނުވި ސިޓީއާ ހަވާލާދީ ދަންނަވަމެވެ.

އެ ސިޓީގައި އަޅުގަނޑު ދަންނަވައިފައި ވާނީ ބޮޑުތަކުރުފާނުމަގުގެ ހުޅަނގު އުތުރުފަޅި ނުވަތަ މާލޭ ބާޒާރުމަތީގައި އެއްވެސް އުސޫލެއް ނެތި ޕާކުކޮށްފައި ހުރި އަދަދު ނުކުރެވޭހާ ގިނަ ޕިކަޕްތަކެއްގެ ވާހަކައެވެ. އެއްވެސް ފީއެއް ދެއްކުމެއް ނެތި، ޕާކިން ޒޯންތައް ނަގައިގެން ޕިކަޕްތައް ޕާކުކޮށްފައި ހުރި ވާހަކައެވެ. މި ސިޓީގައި މަނިކުފާނުގެ ސަމާލުކަމަށް އަޅުގަނޑު ގެންނަން ބޭނުންވަނީ، ބޮޑުތަކުރުފާނު މަގާ އިންވެގެން ހުރި ގޯޅިތަކާއި އަދި ބޮޑުތަކުރުފާނު މަގާ ޖެހިގެން ދިގަށް އޮންނަ ހަނދުވަރީހިނގުމުގެ އެކި ހިސާބުތަކުގައި ޕާކުކޮށްފައިވާ އަދަދު ނޭނގޭހާ ގިނަ ޕިކަޕްތަކުގެ މައްސަލައެވެ.

އިއްޒަތްތެރި މޭޔަރ އެވެ. ނިކަން ބައްލަވާށެވެ. ތިރީގައިވާ ފޮޓޯތަކުގައި އެ ވަނީ ހަނދުވަރީހިނގުމުގެ އެކި ހިސާބުތަކުގައި އިއްޔެ ހަވީރު ޕާކުކޮށްފައި ހުރި ބައެއް ޕިކަޕްތަކާއި، ޕާކިން ޒޯން އަމިއްލަ ކޮށްލުމަށްޓަކައި، ޕެލެޓްތަކާއި ލަކުޑި ފަތިތަކުން މުޅި ހިސާބު ބަންދުކޮށްފައިވާ ތަނެވެ. ޕެލެޓްތައް އަތުރައިފައި އެވާ ހުސް ޒޯންތަކަކީ ޕިކަޕްތައް ޕާކުކޮށްފައި ބާއްވާ ޒޯންތަކެވެ. އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި ޕާކުކޮށްފައިވާ ކޮންމެ ޕިކަޕެއްގެ ފަހަތު ފޮށިގަނޑު ތެރޭގައި ޕެލެޓްތައް ހުރެއެވެ. ޕާކިން ޒޯނުން ޕިކަޕް ނަގަނީ ޕިކަޕް ޑްރައިވަރުގެ ސައިކަލް އެތަނުގައި ދިގަށް ޕާކުކޮށް، މުޅި ތަނުގައި ޕެލެޓް އެތުރުމަށްފަހު އެވެ. އެހެން އެއްވެސް ވެހިކަލަކަށް އެ ހިސާބަށް ކައިރިނުވެވޭ ގޮތް ހަދައިފައެވެ. މި ހީވަނީ އެއީ އެ މީހުންގެ މައިންބަފައިންގެ ގެދޮރުހެންނެވެ. ތިރީގައި ވާ ފޮޓޯތައް ބައްލަވައިލެއްވުން މަންޒަރު ވަރަށް ބޮޑަށް ސާފުވެވަޑައިގަންނަވާނެއެވެ.

ތިރީގައި މިވަނީ ބޮޑުތަކުރުފާނު މަގާއި ހަނދުވަރީ ހިނގުމާ ދެމެދުގައި ހުރި ގޯޅިތަކުގެ ހާލަތެވެ. އިސްވެ ދެންނެވި ފަދައިން، ޕިކަޕް ނެގުމަށްފަހު ޕާކިން ޒޯން ބަންދުކުރުމަށްޓަކައި ޑްރައިވަރުގެ ސައިކަލާއި ޕެލެޓްތަކާއި ލަކުޑި ފަތިތައް އަތުރާފައިވާ ތަނެވެ. އެހެން މީހަކު ޕާކުކޮށްލަން ޑްރައިވަރުގެ ސައިކަލް އަތަކަށް ޖައްސާލަފާނެތީ، ޕެލެޓާއެކު ސައިކަލް ފުރޮޅުގައި ތަޅުއަޅުވައިފައިވެސް އެބަހުއްޓެވެ. މާލޭގެ މަގުތައް، ވަކި ބަޔަކު، މިގޮތަށް ވެރިކޮށްލައިގެން އުޅުން މިއީ ޖެހިފައިވާ ކޮންފަދަ ބޮޑު މުސީބާތެއްތޯއެވެ؟



ތިރީގައި މިވާ ފޮޓޯތަކަކީ ބޮޑުތަކުރުފާނު މަގުގައި އަމިއްލަ ޕިކަޕް ޕާކިން ޒޯން ހެދުމަށް ޑްރައިވަރުގެ ސައިކަލާއި ޕެލެޓްތަކާއި ލަކުޑި ފަތިތައް އިއްޔެ ހަވީރު އަތުރައިފައި ހުރި ބައެއް ތަންތަނެވެ.



އަދި ދަންނަވަންތޯއެވެ؟ ޕިކަޕް ޑްރައިވަރުގެ ސައިކަލާއި ޕެލެޓްތައް އަތުރާފައި ހުއްޓާ، އެ ތަނުގައި އެހެން ސައިކަލެއް ޕާކުކޮށްފި ނަމަ، ޕިކަޕް ޕާކުކުރާ ވަގުތު އެ ސައިކަލެއް މަގު މެދަށް ނެރެ ދޫކޮށްލައެވެ. އޭރުން ގަވައިދާ ހިލާފަށް، މަގުމެދުގައި ޕާކުކޮށްފައި ހުންނާނީ އެ ސައިކަލެވެ. ސައިކަލްގެ ހުންގާނު ތަޅުލާފައި ހުންނާތީ، އެހެން ތަނަކަށް އެ ސައިކަލެއް ގެންދިއުން ދަތި ކަމަކަށް ވާތީ، މަގުމެދަށް ސައިކަލް ދޫކޮށްލައިފައި ޑްރައިވަރު ދަނީ އެވެ. ޕިކަޕް ޑްރައިވަރުންގެ ވިޔާނުދާ މި އަމަލްތައް ހުންނަ ގޮތުން ހީވަނީ މާލޭގެ މަގުތަކަކީ އެ މީހުންގެ މައިންބަފައިންގެ ތަރިކަ މުދާހެންނެވެ.

އިއްޒަތްތެރި މޭޔަރ އެވެ. އިސްވެ ހަވާލާދީފައިވާ، ކުރިން ދެންނެނި ސިޓީގައިވެސް އަޅުގަނޑު ފާހަގަކޮށްފައިވާ ފަދައިން، ކާރޫބާރޫ ބޮޑުވެ، ތޮއްޖެހިފައިވާ މާލޭ ބާޒާރުމަތީގައި ޕިކަޕް ޕާކުކުރުން ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއަށް ފައްތަވައި، މާލޭގެ އެހެން ސަރަހައްދުތަކުން ޓެކްސީ އާއި ކާރު ޕާކިން އަށް ޒޯން ކަނޑައަޅައި، ކުއްޔަށް ދީފައި އޮންނަ ފަދައިން، ޕިކަޕްތަކަށް ވެސް ޒޯން ކަނޑައަޅައި ކުއްޔަށް ދިނުން ވަރަށް މުހިންމެވެ. އޭރުން ޕިކަޕް ޕާކިން އަށް ވެސް އުސޫލެއް ހަމަޖެހި، ސިޓީ ކައުންސިލްގެ އާމްދަނީ ވެސް އިތުރުވެގެންދާނެއެވެ. ޕިކަޕް ޕާކިން ސްލޮޓަކަށް މަހަކު 1،000ރ. އަށްވުރެ މަދު ނޫން އަދަދެއް ނަންގަވަން ވެސް ފެނެއެވެ. ސަބަބަކީ މި ޕިކަޕްތަކަކީ ބާޒާރުމަތިންނާއި މާލޭ ވިޔަފާރި ބަނދަރުންނާއި ނޯތު ހާބަރުން މުދާ އުފުލައިގެން އާމްދަނީގެ ގޮތުގައި އެންމެ ގިނަ ރުފިޔާ ނަގާ ޕިކަޕްތަކަށް ވުމެވެ. އަދި މިއިން ޕިކަޕެއް މާލެއިން ހުޅުމާލެއަށް ދަތުރެއް ކޮށްފިނަމަ، ވަރަށް ބޮޑު އަދަދެއް ނަގައެވެ.

ވީމާ މާލޭ ބާޒާރުމަތީގެ މަގުތަކާއި ގޯޅިތައް ޕިކަޕް ޑްރައިވަރުން ވެރިކޮށްލައިގެން އުޅޭ މައްސަލައާ މެދު ކައުންސިލްގައި މަނިކުފާނު މަޝްވަރާ ކުރައްވައި، ބާޒާރުމަތީގައި ޕިކަޕް ޕާކުކުރުމަށް ވެސް، ހަމަހަމަ އުސޫލެއް ހަމަޖައްސަވައިދެއްވުން އެދި ދެންނެވީމެވެ. މި ކަމަށް އަވަސް ހައްލެއް ނުގެންނަވައިފި ނަމަ، އަޅުގަނޑަށް ދެންނެވޭނީ މާލޭ ރައްޔިތުންނަށް އުނދަގޫވާ މިފަދަ ކަންކަމުގައި އެކަށީގެންވާ އަވަސް ފިޔަވަޅު އަޅަން މާލޭ ސިޓީ ކައުންސިލް ނުކުޅެދިފައިވާ ކަމުގައެވެ. އެކަމަކު އެހެން ނުވާނެ ކަމަށް އުންމީދުކުރަމުން މި ސިޓީ ކުރުކޮށްލަމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.