Support Us

ތާރީހް:

ލިބެންވީ: އެމް.ޓީ.ސީ.ސީގެ މެނޭޖިން ޑައިރެކްޓަރ އާދަމް އާޒިމަށް

ފޮނުވީ: އައްދު
ގުޅޭ: އާރް.ޓީ.އެލް ބަސް ދަތުރުގެ ހިދުމަތް އިތުރަށް ފުރިހަމަކޮށްލުމުގެ ގޮތުން

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

މަނިކުފާނަކީ، ޝައްކެއްވެސް ނެތް ގޮތުގައި، ކުރައްވާ ކޮންމެ ކަމެއް ވަރަށް ފުރިހަމައަށް ކުރައްވާ ވެރިއެއްކަން އަޅުގަނޑުމެން އެންމެންވެސް ފާހަގަކުރަމެވެ. އަދި މަނިކުފާނަކީ އެމް.ޓީ.ސީ.ސީގެ 42 އަހަރުގެ ހަޔާތުގައި ވަޑައިގެންނެވި އެންމެ ހިންގުންތެރި، އެންމެ މުރާލި އަދި ކުންފުޏްނަށް އެންމެ ބޮޑު ވިޔަފާރި ފައިދާއެއް ހޯއްދަވައިދެއްވި ސީ.އީ.އޯކަން ވެސް އަޅުގަނޑު ނުހަނު އުފަލާއެކު ފާހަގަކުރަމެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ތިއްބެވި ވަޒީރުންނާއި އެމް.ޑީންނާއި ސިޔާސީ ހުރިހާ ވެރިންގެ ތެރެއިން ވެސް އެންމެ ކާމިޔާބުކަމާއެކު މަޝްރޫއުތައް ހިންގަވައި، މި ފަސް އަހަރުގެ ތެރޭގައި އެންމެ ފުރިހަމަ ނަތީޖާއެއް ދައްކަވައިފައި ވަނީ ވެސް މަނިކުފާނޭ ދެންނެވުން އެއީ ހުޝާމަދު ކުރުމެއް ނޫން ކަމުގައި ގަބޫލްކުރެއްވުން އެދެމެވެ.

މިހެން ނުދަންނަވާންވީ ކީއްވެގެންތޯއެވެ؟ އެމް.ޓީ.ސީ.ސީއަކީ "ރައްޔިތުންގެ ކުންފުނި" ކަމުގައި ހައްދަވައި، އެމް.ޓީ.ސީ.ސީގެ ފަރާތުން މުޅި ރާއްޖޭގެ އެތައް ރަށެއްގެ ފަޅުތައް ފުންކޮށް، ބިންތައް ހިއްކައި، ބަނދަރުތައް ހަދައި، ބޮޑުހިލަތައް ޖަހައި، ގޮނޑުދޮށްތައް ހިމާޔަތްކޮށް، ކޯޒްވޭތައް ހަދައި، އެއާޕޯޓުތައް އަޅައި، މަގުތައް ހަދައި، ތާރު އަޅައި، ހޮސްޕިޓާތަކާއި ސްކޫލްތަކާއި ފްލެޓްތައް އަޅަމުން ތިޔަ ގެންދަވަނީ ހީވެސް ނުކުރާހާ ބާރު ސްޕީޑެއްގައެވެ. އެ ހުރިހައި ސައިޓްތަކަކަށް މަނިކުފާނު ވަޑައިގެން، ރައްޔިތުންގެ އަޑު އައްސަވައި، ހުރިހާ ޕްރޮޖެކްޓްތަކެއް މަނިކުފާނު ގެންދަވަނީ އެހާމެ ކައިރިން ބައްލަވަމުންކަން ވެސް އަޅުގަނޑުމެން އެންމެނަށް އެނގެއެވެ. ފެނެއެވެ. މަނިކުފާނަކީ އަބަދުވެސް ލޯޕްރޮފައިލެއްގައި ހުންނަވަން ލޯބިކުރައްވާ ބޭފުޅެއްކަމުން، ވާހަކަތަކަށް ވުރެ ބޮޑަށް މަނިކުފާނުގެ އަމަލު ގިނަކުރައްވައި، ނަތީޖާ ދައްކަވަނީ ކަމަށް އަޅުގަނޑަށް ގަބޫލްކުރެވެއެވެ.

އަދި ކޮބައިތޯއެވެ؟ ރައްޔިތުން ރަށު ބަންދުން ވީއްލައި، ހައިސްޕީޑު ދަތުރުފަތުރުގެ އަވަސް ނިޒާމަކުން މުޅި ރާއްޖެ ގުޅުވާލުމަށް އެމް.ޓީ.ސީ.ސީން ތިޔަ ހިންގަވާ އާރް.ޓީ.އެލްގެ ހިދުމަތަކީ ވެސް ހަމަ ތައުރީފުން ފުރިފައިވާ ނިޒާމެކެވެ. ރާއްޖޭގެ އުތުރާއި މެދާއި ދެކުނުގެ ގިނަ ރަށްތަކަކާއި އަތޮޅުތަކެއް މިހާރު ވަނީ އާރް.ޓީ.އެލްގެ ހިތްގައިމު ސްޕީޑް ލޯންޗު ފެރީން ގުޅާލައިފައެވެ. އިތުރު އެތައް ރަށެއް ވަނީ ގުޅާލުމުގެ މަގުމަތީގައެވެ. އަދި މާލެ އާއި ދެކުނުގެ އާބާދީ ބޮޑު ރަށްތައް ވަނީ އާރް.ޓީ.އެލް ބަސް ދަތުރުގެ ވިއުގައަކުން ގުޅުވާލައިފައެވެ. އެހެންވެ އަޅުގަނޑަށް ދެންވެސް ދެންނެވޭނީ ރައީސް ސޯލިހުގެ ސަރުކާރުގެ އެންމެ ހިންގުންތެރި ވެރިޔަކީ ހަމަ މަނިކުފާނު ކަމަށެވެ. މިހެން އަޅުގަނޑު ދެންނެވީމާ މޭކަރާ ބަޔަކުވެސް އުޅެފާނެތެވެ. އެހެން ނަމަވެސް ހައްގު ބަސް ވާނީ ހަމަ ހައްގު ބަހަށް ނޫންތޯއެވެ؟

ހަގީގަތުގައި އަޅުގަނޑު މި ސިޓީ މިއަދު މަނިކުފާނަށް މި ފޮނުވަނީ މާލެ-ހުޅުމާލޭގެ ބަސްދަތުރުގެ ނިޒާމް އިތުރަށް ރަނގަޅުކޮށްލުމަށްޓަކައި އަޅުގަނޑަށް ފާހަގަކުރެވުނު ދެތިން ނުކުތާއެއް ދަންނަވާލުމަށެވެ. އެހެން ނަމަވެސް އެ ނުކުތާތަކަށް ދިއުމުގެ ކުރިން، މަނިކުފާނުގެ ވަރުބަލިވުމެއް ނެތް ގައުމީ ހިދުމަތަށް ޝުކުރުގެ ދެތިން ބަހެއް ދަންނަވާނުލައި ކުރިއަށް ދާން އަޅުގަނޑުގެ ޒަމީރު ގަބޫލްނުކުރީއެވެ. އެކަމަށްޓަކައި މާފަށްވެސް އެދެމެވެ.

މާލެ އާއި ހުޅުމާލެއާ ދެމެދު ބާއްވާ އާރް.ޓީ.އެލް ބަސް ދަތުރުގެ ހިދުމަތަކީ ވަރަށް ވެސް ފުރިހަމަ، އެހާމެ އިންތިޒާމްތައް ރަނގަޅު ހިދުމަތެކެވެ. އެކަމަށްޓަކައި ނުހަނު އުފަލާއެކު މަނިކުފާނަށް ޝުކުރު ދަންނަވަމެވެ.

މާލެ-ހުޅުމާލޭގެ ބަސްދަތުރުގެ ނިޒާމް އިތުރަށް ރަނގަޅު ކޮށްލުމަށްޓަކައި އަޅުގަނޑު އެއްޗެއް މި ދަންނަވަނީ ހުޅުމާލޭ ހިޔާ ފްލެޓެއްގައި ދިރިއުޅޭ މީހެއްގެ ހައިސިއްޔަތުންނެވެ. އަޅުގަނޑު މިދަންނަވާ ކަންކަމަކީ ބަހުގެ ނިޒާމް ފެށިގެން މިވީ މުއްދަތުގެ ތަޖުރިބާއަށް ބަލައި، ކޮންމެހެން ބޭނުންތެރި ބަދަލުތަކެއް ކަމުގައި ވެސް ދެކިގެންނެވެ.

މި ސިޓީ އަޅުގަނޑު މި ލިޔަނީ ފޮޓޯތަކެއް ވެސް ހިމަނައިގެންނެވެ. މަންޒަރު ސިފަކޮށްލެއްވުމަށް ފަސޭހައަކަށެވެ.

1. ޓްރީ ޓޮޕް ހޮސްޕިޓަލަށް ދާ މީހުންނަށް ބަސް ސްޓޮޕެއްގެ މުހިންމުކަން

މަތީގައިވާ ފޮޓޯގައި އެވާ ބަހަކީ މާލެއިން ހުޅުމާލެ ފޭސް އެކަކަށް ދާ ބަހެކެވެ. ސިފައިންގެ ފްލެޓްތައް ހުރަސްކޮށް ގޮސް އެ ބަސް އެ ލަނބާލަނީ އޭގެ ފުރަތަމަ މަންޒިލަށް މަޑުކުރާށެވެ. އެ ބަހުގައި ތިބި ފަސެންޖަރުންގެ ތެރޭގައި ޓްރީ ޓޮޕް ހޮސްޕިޓަލަށް ދާ މީހުންވެސް މަދެއް ނޫނެވެ. ޓްރީ ޓޮޕް ހުރީ (ފޮޓޯއިން އެ ފެންނަ) އެސްޓާޒް ފިހާރައާ ދިމާލުން ވާތްފަރާތުގައެވެ. ނަމަވެސް، ޓްރީ ޓޮޕަށް ދާން އެމީހުންނަށް ފޭބޭނީ، އެ ބަސް އެތަނާ ވަރަށް ކައިރިވެފައި، އެހެނަސް ނުހުއްޓާ، މާދުރަށް ގޮސް ހުޅުމާލެ ހޮސްޕިޓާ ކައިރިން ވަށާލައިފައި އައިސް، އެނބުރި މާލެ ދާ މަގުމަތީގައެވެ. އެހެންކަމުން ޓްރީ ޓޮޕަށް ދާ ކުޑަކުދީންނާއި ބަލިމީހުނާއި އެހީތެރިން ވެސް ބަހުގައި ބޭކާރު ދުއްވުންތަކެއް ދުއްވައި، ބޭކާރު ވަގުތުތަކެއް ނަގާލަންޖެހެއެވެ. އެއީ ދެރަކަމެކެވެ.

ކުރީ ފޮޓޯގައި ދިޔަ ބަސް ކަނާތަށް ލަނބާލިއިރު، ވާތް ފަރާތުގައި ބަސް ސްޓޮޕެއް އެހުރީއެވެ. އެއީ ޓްރީޓޮޕާ ވަރަށް ކައިރި ބަސް ސްޓޮޕެކެވެ. ނަމަވެސް ބަސް އެ ދަނީ އެ ތަނަށް ނުހުއްޓައެވެ. އެ ބަސް މަޑުކުރަނީ އެ މަގުގެ އިރުމަތީކޮޅުގައި ހުންނަ ވަގުތީ މިސްކިތް އަދި ރެޑްވޭވް ކައިރިއަށެވެ. އެއީ ޓްރީ ޓޮޕަށް ދާ ބަޔަކު އަނެއްކާ ހިނގައިފައި ދާން ވަރަށް ވެސް ދުރު ހިސާބެކެވެ.

(މާލެއިން ޓްރީ ޓޮޕަށް ދާ މީހުން ފައިބަންޖެހޭ ބަސް ސްޓޮޕް މިހާރު ހުންނަނީ ސިފައިންގެ ފްލެޓްތައް ކުރިމަތީގައި، މަގުގެ އަނެއް ފަޅީގައެވެ. މާލެއިން އަންނަ ބަސް އެތަނަށް ނުހުއްޓަނީ ނުބައި ފަޅިއެއްގައި އެތަން ހުންނާތީ ކަމަށް ވެދާނެއެވެ.)

ތިރީގައިވާ ފޮޓޯގައި (1) ޖަހައިފައި އެ ވަނީ މާލެއިން ޓްރީ ޓޮޕަށް ދާ މީހުން މިހާރު ފައިބަންޖެހޭ ބަސް ސްޓޮޕުގައެވެ.

މި ކަމަށް ހައްލެއް ހޯދުމަށްޓަކައި އޮތް ފުރަތަމަ ގޮތަކީ ކުރީ ދެ ފޮޓޯގައި ފާހަގަކުރި ބަސް ކަނާތަށް ލަނބާލިއިރު ވާތްފަރާތުގައި ހުރި ބަސް ސްޓޮޕަށް މަޑުކުރުމެވެ. ނޫނީ ސިފައިންގެ ފްލެޓްތައް ހުންނަ ފަޅީގައި އިތުރު ބަސް ސްޓޮޕެއް ގާއިމުކުރުމެވެ. އޭރުން އެ މައްސަލަ "ވަކްތުންވަކްތަށް" ހައްލުވީއެވެ. އޭރުން މާލެއިން އަންނަ ބަސް އެންމެ ފުރަތަމަ މަޑުކުރާނީ އެތަނަށެވެ. ކުރިމަގުގައި ސިފައިންގެ ފްލެޓުތަކުގައި ވެސް ގިނަ ބަޔަކު އުޅޭނެއެވެ. އެހެންވެ އެއީ އެ މީހުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވާނެކަން ޔަގީނެވެ.

މަތީގައިވާ ފޮޓޯގައި (2) ޖަހައިފައި އެ ވަނީ މާލެއިން ޓްރީ ޓޮޕަށް ދާ މީހުންނަށް ފަސޭހައަކަށް އިތުރު ބަސް ސްޓޮޕެއް ގާއިމްކުރުމަށް އަޅުގަނޑަށް ފެންނަ ތަނެވެ. މިހެން ހެދުމުން މާލެއިން އަންނަ ބަސް އެންމެ ފުރަތަމަ ވެސް މަޑުކުރާނީ ސިފައިންގެ ފްލެޓްތައް ކައިރިއަށެވެ. ޓްރީ ޓޮޕަށް ދާ މީހުން ވަގުތުން ފައިބައިގެން އަވަހަށް ދާންވީއެވެ.

2. ހިޔާގެ ރަތް ޓަވަރުތައް ކައިރީގައި ބަސް ސްޓޮޕެއް ގާއިމުކުރުން

ފަސް ހާސް ފްލެޓުގައި މީހުން ދިރިއުޅޭ، ހުޅުމާލެ ހިޔާ ފްލެޓްތައް ކައިރީގައި ހުންނަނީ ދެ ބަސް ސްޓޮޕެވެ. މަތީ ފޮޓޯގައި އެވާ ބަސް މަޑުކޮށްގެން އެ އޮތީ އެތަނުން ދެވަނަ ފޭހުގެ އިރުމަތީ ފަރާތު ބީޗާ ވީ ފަޅީގައި، ދަނބު ކުލައިގެ ޓަވަރުތައް ކައިރީގައި ހުންނަ ބަސް ސްޓޮޕުގައެވެ. އަނެއް ބަސް ސްޓޮޕް ހުންނަނީ އޭގެ އަނެއް ބިތުގައި، ފަރުކޮޅުފުއްޓާ ވީ ދިމާލުގައެވެ. މި ދެ ބަސް ސްޓޮޕަކީ ބައެއް ޓަވަރުތަކާ ވަރަށް ކައިރީގައި ހުރި ބަސް ސްޓޮޕްތަކެއް ނަމަވެސް، އަނެއްބައި ޓަވަރުތަކާ ވަރަށް ދުރުގައި ހުރި ބަސް ސްޓޮޕްތަކެކެވެ. މި ބަސް ސްޓޮޕްތަކާ އެންމެ ދުރުގައި ހުރީ، ވަކިން ހުންނަ ރަތް ކުލައިގެ ޓަވަރުތަކެވެ. އެއީ 13، 14، 15 އަދި 16 ވަނަ ޓަވަރެވެ. މި ހަތަރު ޓަވަރުތަކުގައި އުޅޭ ކުޑަކުދީންނާއި ބަލި މީހުންނާއި މުސްކުޅިން، ބަސް ސްޓޮޕާ ހަމައަށް ހިނގައިފައި ދިއުމަށް އެތައް އިރެއް ނަގައި، ވަރަށް ބޮޑު ވޭނަކާއި ތަކުލީފެއް އުފުލަންޖެހެއެވެ. އަމަދުން ވާރޭވެހި، ނުވަތަ ގަދަޔަށް އަވިދޭ ނަމަ މި ވޭން ވެސް އިތުރަށް ގަދަވެއެވެ.

ވީމާ މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި 14 އަދި 15 ވަނަ ޓަވަރާ ދިމާލު މެދުގައި، މައިމަގުގައި، އިތުރު ބަސް ސްޓޮޕެއް ގާއިމު ކުރައްވައިފި ނަމަ އެ މައްސަލަ ވެސް "ވަކްތުންވަކްތަށް" ހައްލުވީއެވެ.

މަތީގައިވާ ފޮޓޯގައި (3) ޖަހައިފައި އެ ވަނީ މި ދެންނެވި ބަސް ސްޓޮޕް ގާއިމު ކުރުމަށް އަޅުގަނޑަށް ފެންނަ ޕޮއިންޓެވެ. އޭރުން ފޭސް ދޭކަށް އަންނަ ބަސްތައް ދަނބު ކުލައިގެ ޓަވަރުތައް ކައިރީގައި ހުންނަ ފުރަތަމަ ބަސް ސްޓޮޕަށް މަޑުކޮށްފައި ނައްޓާލުމާއެކު ވަގުތުން ވާތަށް އަނބުރާލުމުގެ ބަދަލުގައި، ދެން ދާނީ އެ މަގުން ސީދަލަށް އުތުރަށެވެ. އުތުރަށް ގޮސް، މަގުކޮޅުގައި ހަދަމުންދާ މިސްކިތް ކައިރިން ވާތަށް އަނބުރާލައިގެން ރަތް ޓަވަރުތަކާ ދިމާލަށް ހުޅަނގަށް ގޮސް އަނެއްކާ ވެސް ވާތަށް ބޮޑު މަގަށް ލަނބާލާނީއެވެ. ހުއްޓާނީ 14 ވަނަ ޓަވަރާ ދިމާލަށެވެ.

ތިރީގައިވާ ފޮޓޯގެ މެދުން އެ ފެންނަނީ މަގު ކޮޅުގައި އަލަށް ހަދާ މިސްކިތެވެ. ފޮޓޯގެ އެންމެ ކަނާތް ފަރާތުން ރަތް ކުލައިގައި އެ ފެންނަނީ 16 ވަނަ ޓަވަރެވެ.

ފޭސް ދޭކަށް އަންނަ ބަހުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މީގެ ކުރިން އޮންނަނީ ހިޔާ ފްލެޓްތަކުގެ ހުޅަނގު ފަޅީގައި، ފަސް ވަނަ ޓަވަރު ކައިރީގައި ހުންނަ ބަސް ސްޓޮޕެވެ. ނަމަވެސް ދާދި ފަހަކުން ވަނީ އެމް.އޭ.ސީ.އެލް ޓަވަރުތައް ކައިރީގައިވެސް ބަސް ސްޓޮޕެއް ގާއިމްކޮށް، ފޭސް ދޭއްގެ އެންމެ ފަހު މަންޒިލަކީ އެއީ ކަމުގައި ހަދައިފައެވެ. އެއީ ވެސް ވަރަށް ރަނގަޅު ނިންމެވުމެކެވެ. ޝުކުރިއްޔާއެވެ.

3. ރޭގަނޑު 12.30ގެ ފަހުން ވެސް ހުޅުމާލެއަށް ބަސް ދަތުރުތައް ބޭއްވުން

މާލެ އާއި ހުޅުމާލެއާ ދެމެދު އާރް.ޓީ.އެލް ބަސް ދަތުރުގެ ހިދުމަތް މި ދެނީ ފަތިހު 5.45 އިން ފެށިގެން ރޭގަނޑު 12.30 އަށެވެ. އެހެންކަމުން މާލެ އާއި ހުޅުމާލެއާ ދެމެދު ބަސް ދަތުރެއް ނެތް ހައެއްކަ ގަޑިއިރު އެބަދެއެވެ. މިއީ މިހާ ބޮޑު އާބާދީއެއް އޮތް ތަނެއްގައި، އަދި އަބަދު ގޮސް އައިސްވާން މީހުން ބޭނުންވާ ތަނެއްގައި، ބަސް ދަތުރުތައް މެދުކެނޑިފައި އޮތުމަށް މާ ގިނައިރެއް ކަމުގައި އަޅުގަނޑަށް ފާހަގަވެއެވެ. އެހެންކަމުން އަޅުގަނޑަށް ފެންނަނީ ރޭގަނޑު 12.30ގެ ފަހުން ވެސް، މަދުވެގެން ގަޑިއަކު އެއް ފަހަރު ނަމަވެސް، ދެކޮޅަށް ވެސް ބަސް ދަތުރެއް ބޭއްވުން މުހިންމު ކަމަށެވެ. މިހެން މި ދެންނެވީ މާލެ އާއި ހުޅުމާލޭގައި އުޅޭ އެތައް ބަޔަކު ޑިއުޓީތަކާއި އެހެނިހެން މުހިންމު ކަންކަމުގައި ރޭގަނޑު 12.30ގެ ފަހުން ވެސް އެއް ތަނުން އަނެއް ތަނަށް ދަތުރުކުރަން ބޭނުންވާކަން ފާހަގަވެފައި ވާތީއެވެ. ހަރަދު ކުޑަކުރައްވަން ބޭނުންފުޅު ނަމަ، ދަންވަރުގެ އެ ބަހަކީ ފޭސް އެކަކާއި ފޭސް ދޭކަށް ވެސް ދާ ބަހެއް ކަމުގައި ހެއްދެވިދާނެއެވެ. އަދި ތަޖުރިބާ އާއި ޑިމާންޑަށް ބައްލަވައި، ވަކި ދެބަސް ވެސް ބޭއްވިދާނެ ކަމަށް ދެކެމެވެ. 

ވީމާ، މަތީގައި މި ހުށަހަޅާލި ތިން ނުކުތާއާ މެދު މަނިކުފާނުގެ ގާބިލް ޓީމާއެކު ވަރަށް ފުންކޮށް މަޝްވަރާކުރައްވައި، އަވަސް ފުރުސަތެއްގެ ތެރޭގައި ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް އުންމީދު ކުރަމުން މި ސިޓީ ކުރުކޮށްލަމެވެ. އަދިވެސް އެއްފަހަރު މަނިކުފާނަށާއި ޓީމު އެމް.ޓީ.ސީ.ސީ އަށް އައްސަރިބަހާއި ސާބަސް ތަކުރާރުކޮށް ފަށްފަށްކުރަމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.