...

Support Us

ތާރީހް:

ލިބެންވީ: މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް،

ފޮނުވީ: ކަލޭފާނު
ގުޅޭ: ބޮޑު އީދަށް މާލެތެރެ ނަލަހައްދާލުމުން ލިބުނު އުފާވެރިކަން

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ބޮޑު އީދަށް، މާލޭ ސިޓީ ކައުންސިލުން، މާލެތެރެ ނަލަހައްދާލައިފައި ވާލެއް ފުރިހަމަކަމުން، އެކަމަށް ވަރަށް އުފާކޮށް، ތައުރީފުކޮށް، ޝުކުރުގެ ދެތިން ބަހެއް ނަމަވެސް ދަންނަވާލުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. ބޮޑުއީދު ބަންދަށް މި ފަހަރު ލިބުނު ދިގު ނުވަ ދުވަހު، އެންމެ ކުޑަވެގެން ބޭން ޖަހާލުމެއް ވެސް މާލޭގައި ނެތްއިރު، ކުލަބޮކީގެ ގިޑިގެތައް ފެނުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނުކަމީ ދަންނަވާންޖެހޭ ހަގީގަތެވެ. އެހެންވެ އަޅުގަނޑުގެ ހަނދާނުގައި ރައްކާކުރަން ނެގި ބައެއް ފޮޓޯތައްވެސް މި ސިޓީއާއެކު މަނިކުފާނަށް އަރިސްކޮށްލާ ހިތްވީއެވެ.

އީދުގެ އުފާވެރިކަމެއް ފެންނާން ނެތް ހުޅުމާލޭގައި ހުރެފައި ބްރިޖުމަތިން އައިސް މާލެއަށް އެރުމާއެކު އެންމެ ފުރަތަމަ ވެސް އަޅައިގަތީ ބޮޑުތަކުރުފާނު މަގުގެ ދެ ފަރާތުގައި ދިއްލާފައި ހުރި "އީދު މުބާރިކް"ގެ ކުލަ ބޮކިތަކެވެ. ހަމަ ކޮންމެ ހޮޅިދަނޑިއެއްހެން ހުރީ ދިއްލައިފައެވެ. ވަރަށް ވެސް ނަލައެވެ. އަދި ބޮޑުތަކުރުފާނު މަގުން މާލެތެރެއަށް އަރަމުން އައިއިރު، ކަދުރު ރުއްތަކުން ފެންނަމުންދިޔަ ކުލަތައްވެސް އެހާމެ ހިތްގައިމެވެ. އެހާ ފުރިހަމައެވެ.

މާލެ ވަށައިގެން އޮތް ބޮޑުތަކުރުފާނު މަގުގެ ހުރިހާ ހިސާބެއްވެސް ހުރީ ދިއްލައިފައެވެ. ރަސްފަންނު ސަރަހައްދު ވެސް ފެނުނީ ވަރަށް ނަލަކޮށެވެ. އަދި ހަމަ ކަނބާއައިސާރަނި ހިނގުން އެއްކޮށް ވެސް ވަނީ ދިއްލައިފައެވެ. ނަމަވެސް އެ މަގުގައި އެއްވެސް ގިޑިއެއް ނެތެވެ.

މަސްމާރުކޭޓާ ހަމައިން ފެށިގެން އިރަށް، ބޮޑުތަކުރުފާނު މަގުގެ ދެ ފަރާތުގައި ހުރި ކުލަ ބޮކިތަކާއި ގިޑިގެތައްވެސް ވަރަށް ނަލައެވެ. އަޅުގަނޑު އެންމެ އަޅައިގަތީ ޖުމްހޫރީ މައިދާނުގައި ހުރި ބޮޑު ދެ ގިޑިގޭގައެވެ. އެ ދެ ގިޑިގެ ވަރަށް ތަފާތެވެ. ވަރަށް ވެސް ނަލައެވެ. ރޭ ދަންވަރު ދޭއްޖެހިއިރު ވެސް މީހުންތައް ފޮޓޯ ނަގަމުން ދިޔައެވެ. ބޮޑު ފާލަން ވެސް ކުލަ ބޮކިތަކުން ދިއްލާލި ނަމައޭ ހިތަށް އެރިއެވެ. އެކަމަކު އެކަންވެސް ކޮންމެހެން މައްސަލައަކަށް ހަދާކަށް އަޅުގަނޑު ނެތީމެވެ. ހިތަށް އެރި އެއްޗެއް ދަންނަވާލީތާއެވެ.

ގިޑިގެތަކުގެ ދަށުން ލާފައި ކާނިވާ ސަރަހައްދަށް ދެވުމާއެކު އެންމެ ބޮޑަށް ފާހަގަވީ ކުލަބޮކިތަކުން ދިއްލާފައި ހުރި ހޮޅިދަނޑިތަކުގައި ހަރުކޮށްފައި ހުރި ސްމާޓް ޓީވީތަކުން އީދު ތަކުބީރު ކިޔަމުންދާތީއެވެ. އެ ހުރިހައި ހޮޅިދަނޑިތަކުން ވެސް ތަކުބީރު ކިޔަމުންދަނީ އެއްވަރަކަށް ކަމުން، ކާނިވާ ކައިރިން ފެށިގެން ގޮސް، ބްރިޖާ ހަމައަށް ދާންދެން، ތަކުބީރުގެ އަޑު މެދުނުކެނޑި އިވެމުންދެއެވެ. މިއީ ކޮން ފަދަ ބޮޑު ހިތްހަމަޖެހުމެއްތޯއެވެ؟

މާލޭގެ އެންމެ ފުޅާ، އަދި އެންމެ ނަލަ މަގު ކަމަށްވާ ސޯސަންމަގުގައި ވެސް ހަތަރު ގިޑިގެ ދިއްލާފައި ހުއްޓެވެ. އެކަމަކު އެއްވެސް ހޮޅިދަނޑިއެއްގައި "އީދު މުބާރިކް" ނެތުމުގެ ފަޅުކަން އަޅުގަނޑަށް އިހުސާސްވިއެވެ. އެކަމަކު އެކަންވެސް ކޮންމެހެން މައްސަލައަކަށް ހަދާކަށް އަޅުގަނޑު ނެތީމެވެ.

އަދި މާލޭގެ އެންމެ ޝާހީ މަގު ކަމުގައިވާ މެދުޒިޔާރަތް މަގުގައި އެއްވެސް ކުލައެއް ނެތުމުން ވަރަށް ބޮޑަށް އަޅައިގަތެވެ. ޝާހީއޭ މި ދެންނެވީ މުލީއާގެއާއި ރައްޔިތުންގެ މަޖިލިސް ކުރާގެއާއި މެދުޒިޔާރަތާއި މުންނާރާއި ސަލްޓަން ޕާކާއި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒު ވެސް އެ މަގުގައި ހުންނާތީއެވެ. އެކަމަކު އެއީ ވެސް މައްސަލައަކަށް ހަދާކަށް އަޅުގަނޑު ނެތީމެވެ.

މުލީއާގޭ ގޭޓުގައި ވެސް ވަރަށް އާދައިގެ ގޮތަކަށް "އީދު މުބާރިކް" ދިއްލައިފައި ހުއްޓެވެ. މެދުޒިޔާރަތް ވެސް ހުރީ ވަރަށް ފަނޑު ގޮތަކަށް ދިއްލައިފައިކަން ފާހަގަވިއެވެ. އެކަމަކު ދީނީ މުނާސަބަތު ތަކުގައި އަލުން ނަގަންފެށި މެދުޒިޔާރަތުގެ ބޮޑު ދިދައެއްވެސް ބޮޑު އީދަކު ނެތެވެ. އެކަމަކު އެ ތަންތަނަކީ މާލޭ ސިޓީ ކައުންސިލުން ބަލަހައްޓާ ތަންތަން ނޫންކަން އެނގޭތީ އެކަންވެސް މައްސަލައަކަށް ހަދާކަށް އަޅުގަނޑު ނެތީމެވެ.

މަޖީދީމަގުގެ އެއްކޮޅުން އަނެއްކޮޅަށް ޖަހައިފައި ހުރި ގިޑިގެތަކަކީ ވެސް އެހާމެ ފުރިހަމަ ގިޑިގެތަކެކެވެ. އަދި މަޖީދީމަގުގެ ދެ ފަރާތުގައި ވެސް ދިއްލާފައި ހުރި "އީދު މުބާރިކް"ގެ ކުލަ ބޮކިތަކުން ހިތަށް ގެނުވަނީ ވަރަށް ވެސް އުފާވެރި އިހުސާސްތަކެކެވެ. މަގުގެ އެކި ހިސާބުތަކުން އަޅުގަނޑަށް ގިނައިން ފެނުނީ ގިޑިތަކާއި ކުލަ ބޮކިތައް ފޮޓޯނަގަމުން ދުއްވާ މީހުންނެވެ. އެހެންވެ ފޭސްބުކާއި އެހެނިހެން މަންސަތަކުގައި ވެސް މި ދުވަސްވަރު އެންމެ ގިނައީ މި ދެންނެވި ގިޑިގެތަކާއި ކުލަ ބޮކިތަކެވެ.

މަޖީދީމަގު-ޗާންދަނީމަގުގެ ހަތަރު އަނގޮޅިއަށް މަޑުކޮށްލައި، ދެ ފަރާތް ބަލައިލިއިރު ޗާންދަނީ މަގުން އެއްވެސް ކުލަވަރެއް ނުފެނުނެވެ. އެހެން ނަމަވެސް މަޖީދީމަގުން މުޅިންވެސް ފެނުނީ މި ދެންނެވި ނަލަ ގިޑިގެތަކާއި ކުލަ ބޮކިތަކުގެ "އީދު މުބާރިކް" ތަކެވެ.

ހުރިހައި ގިޑިގެތަކެއްގައި ވެސް އިނގިރޭސި ބަހުން "އީދު މުބާރިކް" ދިއްލާފައި ހުރިތަން އަޅުގަނޑަށް ފާހަގަވިއެވެ. ހޮޅިދަނޑިތަކުގައި "އީދު މުބާރިކް" ދިއްލައިފައި ހުރީ އަރަބީންނެވެ. ތާނަ އަކުރުންވެސް "އީދު މުބާރިކް" ހުރި ނަމަ އިތުރަށް ހިތްގައިމުވީސްކަން ކަށަވަރެވެ. އެކަމަކު އެކަން ވެސް ކޮންމެހެން މައްސަލައަކަށް ހަދާކަށް އަޅުގަނޑު ނެތީމެވެ.

ފުރަމާލޭގެ އިތުރުން، ވިލިމާލޭގެ މަގުތައް ވެސް ހުރީ ހަމަ މިފަދަ ގިޑިގެތަކާއި "އީދު މުބާރިކް"ގެ ހޮޅިދަނޑިތަކުން ދިއްލާފައި ކަމަށް ބައެއް ފޮޓޯތަކުން ފެނެއެވެ. ނަމަވެސް ކަނޑު ހުރަސްކޮށްފައި، ދޯންޏެއްގައި، އަނެއްކާ ވިލިމާލެއަށް ދާނެ ހިތްވަރެއް ނުލިބުނީއެވެ. މާފުކުރެއްވުން އެދެމެވެ.

ސަލްޓާންޕާކުތެރެވެސް އޮތީ ވަރަށް ނަލަކޮށް ދިއްލައިފައެވެ. ފެންއަރުވާ ވަޑާންވެސް ވަރަށް ނަލައެވެ. އީދު ދުވަހު އެތަނުގައި ބޭއްވި ކުޑަކުދީންގެ ހަވީރުވެސް ވަރަށް ފުރިހަމައެވެ. ލިލީމަގުވެސް ވަރަށް ނަލައެވެ.

އަޅުގަނޑު ހިތަށް އެރިއެވެ. ކުލަބޮކިތަކުން ސިނަމާލެ ބްރިޖުވެސް ދިއްލާލި ނަމަ ހާދަހާވާ ނަލަވީހެވެ. އެކަމަކު އެއީ މާލޭ ސިޓީ ކައުންސިލުން ބަލަހައްޓާ ތަނެއް ނޫންވީމާ ނުދިއްލާ ހުރީ ކަމަށް ފަހުން ހިތަށް އެރިއެވެ. އެހެންވެ އެއީ ވެސް މައްސަލައަކަށް ހަދާކަށް އަޅުގަނޑު ނެތީމެވެ.

ހިންގުންތެރި މާލެ މޭޔަރެވެ. މިއީ ފެށުމެކެވެ. އަޅުގަނޑު އިންމީދުކުރާ ހިތް އޮތީ އީދު ދުވަސްތަކާއި ގައުމީ މުހިންމު މުނާސަބަތުތަކާ ގުޅިގެން، މާލެތެރެ ނަލަކޮށް، ދިއްލުން ކުރިމަގުގައި މިއަށްވުރެ ވެސް ބޮޑުތަނުން ފުރިހަމަވާނެ ކަމަށެވެ. އެހެނީ މި ބޮޑު އީދުތެރޭގައި އެކި ރަށްރަށުގައި ބޭން ޖަހައި، އެކި ކުޅިވަރުތައް ކުޅޭއިރު، މާލޭގައި ހަމަ އެއްވެސް ކަމެއް ނެތުމުގެ ފަޅުކަމަށް، މި ގިޑިގެތަކާއި ކުލަބޮކިތައް ފެނުމުން ކޮންމެވެސް ވަރެއްގެ އަލިކަމެއް ލިބުނު ކަމަށް ގަބޫލްކުރެވޭތީއެވެ. ބޮޑުމަސް ބޭނުމާއި ކޯޑި ކެނޑުމާއި ދަފިނެގުމާއި މާލި ޕެރޭޑް ކަހަލަ ސަގާފީ ތަފާތު ކުޅިވަރުތައް ކުރިމަގުގައި މާލޭގައި ވެސް ބޭއްވުމާމެދު މާލޭ ސިޓީ ކައުންސިލުން ވިސްނަވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަމެވެ. އޭރުން، އީދު ޗުއްޓީއަށް ރަށްރަށަށް ނުގޮސް މާލޭގައި ތިބޭ މީހުންނަށް ވެސް އީދު ކުޅިވަރުތަކުގައި ބައިވެރިވުމުގެ އުފާ ފުރިހަމައަށް ލިބިގެންދާނެތީއެވެ.

މާލޭ ސިޓީ ކައުންސިލަކީ، އަދި ވަކިން ހާއްސަކޮށް މާލޭގެ މޭޔަރ ޑރ. މުއިއްޒަކީ މާލޭ ރައްޔިތުންނާ މެދު އަބަދުވެސް ވިސްނަވައި، ދިރިއުޅުމާއި އެހެނިހެން ކަންކަމުގައި ލުއިފަސޭހަކަމާއި ހިތްހަމަޖެހުން މާލޭ ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަން އަޅުގަނޑުމެނަށް ގަބޫލްކުރެވެއެވެ. މި ގޮތުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަމުން މި ސިޓީ ނިންމާލާނީ ވެސް، މަނިކުފާނަށާއި މާލޭ ސިޓީ ކައުންސިލަރުންނަށާއި ހީވާގި މުވައްޒަފުންނަށް އައްސަރިބަހާއި ސާބަސް ތަކުރާރުކުރަމުންނެވެ.

އީދު މުބާރިކް!

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.