Support Us

ތާރީހް:

ލިބެންވީ: މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް،

ފޮނުވީ: އަލީކުޑޭ
ގުޅޭ: ބާޒާރުމަތީގައި ޕިކަޕްތައް ޕާކުކުރުމަށް ޕާކިން ޒޯން ވިއްކެވުމަށް އެދި

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ޓެކްސީ އާއި އަމިއްލަ ކާރާއި ޕިކަޕްތައް ޕާކުކުރަން މާލޭގެ މަގުތަކުން އެތައް ތަނެއް ސިޓީ ކައުންސިލުން ވަނީ ކުއްޔަށްދީފައެވެ. އެކަމަކު މިއިން ކޮންމެ ވެހިކަލެއް ވެސް ޓްރާންސްޕޯޓުގައި ރަޖިސްޓްރީކޮށްފައި ވަނީ މާލޭގައި އެއަށް ގަރާޖެއް ހުރެގެން، ގަރާޖު ސިޓީ އެ ތަނަށް ހުށަހެޅުމުން، އެ ބަލަންވާ ބެލުންތަކެއް ބަލައިފައި ކަމަށް ވެއެވެ. އެހެން ނަމަވެސް، މާލޭގައި ތަންކޮޅެއް ފައިސާވެރިއަކު ދުއްވާ އަމިއްލަ ކާރެއް ބާއްވަން ނޫނީ، މާލޭގައި ގަރާޖެއް ހުރިހެނެއް އަޅުގަނޑަކަށް ހިޔެއްނުވެއެވެ.

ކާރުތަކާއި ޕިކަޕްތައް ބާއްވަން ގަރާޖު ހުއްޓަސް، ނެތަސް، މަގުތަކުގައި ހަމައެއް ލަމައެއް ނެތި ޕާކުކުރާ ކާރުތަކުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުނީ މަގުތަކުގައި ކާރުތައް ޕާކުކުރާނެ ތަންތަން ސިޓީ ކައުންސިލުން ވިޔަފާރި އުސޫލުން ހަމަޖެއްސުމުންނެވެ. މި ގޮތުން ކުއްޔަށް ދޫކޮށްފައިވާ ކޮންމެ ޕާކިން ސްލޮޓެއްގައި، އެ ވެހިކަލެއްގެ ނަންބަރު ވެސް ވަނީ ޖަހައިފައެވެ. އެހެންކަމުން، އެހެން ވެހިކަލެއް އެތަނެއްގައި ބޭއްވުމުގެ ފުރުސަތެއް ނޯންނާނެއެވެ.

އަޅުގަނޑަށް އެނގިފައިވާ މައުލޫމާތު ކުށްކަމުގައި ނުވަނީ ނަމަ، ޕާކިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ހަތަރު ފުރޮޅުލީ ވެހިކަލް ޕާކުކުރުމަށް މާލޭ މަގުމަތިން ސްލޮޓެއް ސިޓީ ކައުންސިލުން ކުއްޔަށް ދީފައި ވަނީ މި ދަންނަވާ އަގުތަކުގައެވެ. އެއީ ޓެކްސީއަކަށް މަހަކު 750ރ.، ޕްރައިވެޓް ކާރަކަށް މަހަކު 1،500ރ.، އަދި ކުންފުނީގެ ވެހިކަލަކަށް މަހަކު 3،000ރ. އެވެ. މި ގޮތުން، އަޅުގަނޑަށް އެނގިފައިވާ މައުލޫމާތު ކުށްކަމުގައި ނުވަނީ ނަމަ، މާލޭގެ 10 ސަރަހައްދަކުން 450 ޖާގަ ޕާކިން އަށް ކުއްޔަށް ދޫކޮށްފައިވެއެވެ.

މަތީގައިވާ ފޮޓޯއާއި މި ސިޓީއާއެކު މިވާ އެހެން ފޮޓޯތަކުން ތިޔަ ފެނިވަޑައިގަންނަވަނީ ބޮޑުތަކުރުފާނުމަގުގެ އުތުރުފަޅި ނުވަތަ ބާޒާރުމަތީގައި މިއަދު ހެނދުނު ޕާކުކޮށްފައި ހުރި އަދަދު ނުކުރެވޭހާ ގިނަ ޕިކަޕްތަކެވެ. މި ޕިކަޕްތަކުގެ ކިޔޫ ވަނީ ބޮޑުތަކުރުފާނުމަގުގެ އެންމެ ހުޅަނގުކޮޅުގައި ހުންނަ ޕޮލިސް ސްޓޭޝަނާ ހަމައިން ފެށިގެން، އިރުމަތިން މަސްމާރުކޭޓާ ހަމައަށް ދަމާލައިފައެވެ. މި ފޮޓޯތައް ރަނގަޅަށް ބައްލަވާލައްވާށެވެ.

މި ސިޓީ އަޅުގަނޑު މި މިލިޔަނީ އެ ހުރިހައި ޕިކަޕެއްގެ އަދަދު މިއަދު ހެނދުނު ގުނައި، ފޮޓޯ ނަގައި ހެދުމަށްފަހުގައެވެ. އަޅުގަނޑު ގުނި ގުނުމުގައި ޖުމްލަ 183 ޕިކަޕް މިއަދު ހެނދުނު 9.30ގައި ބޮޑުތަކުރުފާނުމަގުގެ ބާޒާރުމަތީގައި އޮތެވެ. އެއީ މޫދާވީ ފަޅީގައި 124 ޕިކަޕް އަދި އެއްގަމު ފަޅީގައި 59 ޕިކަޕެވެ. ޕިކަޕްތަކުގެ ތެރޭގައި ކުދި ޕިކަޕާއި ބޮޑު ޕިކަޕް ހިމެނެއެވެ. މީގެ އިތުރުން އެ ހިސާބުގަނޑު ގޯޅިތައް ވެސް ފުރިފައި ވަނީ ޕާކުކޮށްފައި ހުރި ޕިކަޕުތަކުންނެވެ.

ރޭގައި ޕާކުކުރި މި ޕިކަޕްތައް އެތަނުގައި އޭރުވެސް ހުރީ މިއަދަކީ ހުކުރު ދުވަސް ކަމަށްވާތީ ކަމުގައި ބެލެވެއެވެ. އެހެން ދުވަސްދުވަހު ވެސް، ބޮޑުތަކުރުފާނު މަގުގެ މޫދާވީ ފަޅީގައި މި ޕިކަޕްތައް އަބަދުވެސް ޕާކުކޮށްފައި ހުރެއެވެ. އެކަމަކު މިއިން ކޮންމެ ޕިކަޕަކީ ވެސް އެ ޕިކަޕެއްގެ ނަމުގައި މާލޭގައި ގަރާޖެއް ރަޖިސްޓްރީކޮށްފައި އޮންނަ ޕިކަޕެކެވެ.

އަޅުގަނޑަށް އެނގިފައިވާ މައުލޫމާތު ކުށްކަމުގައި ނުވަނީ ނަމަ، މި ދެންނެވި 183 ޕިކަޕް އެ ސަރަހައްދުގައި ޕާކުކޮށްފައި ވަނީ ޕާކިން ސްލޮޓް ކުއްޔަށް ހިފައިގެނެއް ނޫނެވެ. ބޮޑުތަކުރުފާނު މަގުން ޕާކިން ސްލޮޓު މިހާތަނަށް ކުއްޔަށް ދޫކޮށްފައެއް ނުވެއެވެ. އެހެންވެ ހަމަ ޖާގައެއް އޮންނަ ތަނަކަށް ވިއްޔާ ޕިކަޕް ކޮއްޕާލަނީއެވެ. ޕިކަޕަކީ، ޓެކްސީއާ އަޅާބަލާއިރު، ނިސްބަތުން ބޮޑު އާމްދަނީއެއް ވެސް ހޯދާ އެއްޗަކަށްވާއިރު، މާލޭގެ މަގުން އެހާ ބޮޑު ޖާގައެއް ނަގަމުންދާތީ، އަދި އެކަމަށް ބޮޑު ޑިމާންޑެއް އޮތަތީ، އެ ސަރަހައްދުން ވެސް ޕާކިން ސްލޮޓް ކުއްޔަށް ހިފައިގެން ނޫނީ ޕިކަޕްތަކަށް ވެސް ޕާކިން ޖާގަ ދެއްވައިގެންވާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. އަނެއްކާ މި ޕިކަޕްތަކަކީ ބާޒާރުމަތިންނާއި މާލޭ ވިޔަފާރި ބަނދަރުންނާއި ނޯތު ހާބަރުން މުދާ އުފުލައިގެން އާމްދަނީގެ ގޮތުގައި އެންމެ ގިނަ ރުފިޔާ ނަގާ ޕިކަޕްތައް ވެސް މެއެވެ. އަދި މިއިން ޕިކަޕެއް މާލެއިން ހުޅުމާލެއަށް ދަތުރެއް ކޮށްފިނަމަ، ވަރަށް ބޮޑު އަދަދެއް ނަގައެވެ.

މާލޭގެ އެއްގަމު ތެރެއިން، އެކި މަގުތަކުން ޕާކިން ސްލޮޓް ކުއްޔަށް ދީފައިވާއިރު، ބާޒާރުމަތިން ވެސް ހަމަ އެ އުސޫލުން ޕާކިން ޒޯން ކުއްޔަށް ދެއްވުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑަށް ފެނެއެވެ. އޭރުން ޕިކަޕް ޕާކިން އަށް ވެސް އުސޫލެއް ހަމަޖެހި، ސިޓީ ކައުންސިލްގެ އާމްދަނީ ވެސް އިތުރުވެގެންދާނެއެވެ. އަޅުގަނޑު ހިސާބު ޖަހާލިއިރު، އިސްވެ ދެންނެވި 183 ޕިކަޕަށް، ޕާކިން ސްލޮޓެއް މަހަކު 1،000ރ. އަށް ކުއްޔަށް ދިން ނަމަވެސް، ސިޓީ ކައުންސިލް ބެޖެޓަށް މަހަކު 183،000ރ. ލިބޭނެކަން ޔަގީނެވެ.

ވީމާ މިކަމާ ދޭތެރޭ ކައުންސިލްގައި މަނިކުފާނު މަޝްވަރާ ކުރައްވައި، ބާޒާރުމަތީގައި ޕިކަޕް ޕާކުކުރުމަށް ވެސް، އެހެން ވެހިކަލްތަކާ ހަމަހަމަ އުސޫލެއް ހަމަޖައްސަވައިދެއްވުން އެދި ދެންނެވީމެވެ. އަދި މިފަދަ ކަންކަމުގައި މަނިކުފާނު ވިސްނަވާވަޑައިގެން، ނިކަން އަވަހަށް ފިޔަވަޅު އަޅުއްވާތީ އެކަމަށް ވެސް އަޅުގަނޑު ނުހަނު އުފާކުރާ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.