...

Support Us

ތާރީހް:

ލިބެންވީ: ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްދު ސޯލިހު

ފޮނުވީ: އާދަމް އަލީ
ގުޅޭ: އަޅުގަނޑު ޖަލުގައި ހައްޔަރު ކުރެއްވުން އެދި

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

އަޅުގަނޑަކީ ރާއްޖެތެރޭގެ ރަށަކަށް އުފަން، ހަތަރު މަތިފުށް ދިވެއްސަކީމެވެ. ނަމަވެސް ތަޢުލީމު ހާސިލްކުރުމާއި ސިއްހީ ޚިދުމަތާއި ވަޒީފާގެ ފުރުސަތުތައް ރަށުގައި ނެތުމުން މީގެ ސާޅީހަކަށް އަހަރުކުރިން މާލެއަށް ހިޖުރަކޮށްފީމެވެ. މާލެއަށް ބަދަލުވީ މުޅި ޢާއިލާ އެކުގައެވެ. އަދި މީގެ ވިއްސަކަށް އަހަރުކުރީން މާލެއަށް ރަށްވެހިކަން ބަދަލުކޮށް މާލޭގެ ގެއެއްގެ ރަޖިސްޓްރީގައި ޖައްސައިފީމެވެ. ވޭތުވެގެން މިދިއަ މުއްދަތުގެ ތެރޭގައި ކައިވެންޏެއްކޮށް އަޅުގަނޑަށް ވަނީ ކުދީން ލިބިފައެވެ. އެކުދީން އުފަންވީވެސް މާލެއަށެވެ. އަދި ކުދީންވެސް ރަޖިސްޓްރީކުރެވިފައިވަނީ މާލޭގައެވެ.

އަޅުގަނޑުގެ އަދި އަޅުގަނޑުގެ ކުއްޖެއްގެ ގެއެއް ދޮރެއް އަދި އެތަނެއް ބަހައިގެންވެސް އަޅުގަނޑުމެންނަށް އެއްވެސް މިންވަރެއް ލިބޭނޭ އެއްވެސް ތަނެއް މިރާއްޖެއަކު އަދި ދުނިޔޭގެ އެއްވެސް ތަނެއްގައެއް ނުހުންނާނެއެވެ. އެއީ އަޅުގަނޑުގެ މައިންބަފައިންގެ މިލްކުގައިވާ ނުވަތަ ލިބޭން އޮތް ތަނެއްވެސް އެއްވެސް ރަށެއްގައި ނެތުމުންނެވެ. އަދި ސަރުކާރުން ހިންގާފައިވާ ސްކީމެއްގެ ދަށުންވެސް ނުވަތަ އެނޫން ގޮތަކުން ވިއަސް އަޅުގަނޑަށް ނުވަތަ އަޅުގަނޑުގެ އަނބި ދަރީންނަށް ލިބިފައިވާ ފްލެޓެއް ނުވަތަ ހިޔާވަހި ކަމެއް ނުހުންނާނެއެވެ. މާލޭގައި ކުއްޔަށް އުޅޭތާ ސާޅީސް އަހަރު ވީއެވެ. ލިބޭ ހުރިހާ ފައިސާއެއް ކުއްޔަށް ޚަރަދު ކުރަމުންދާތީ މެދު ފަންތިއެއްގައި ދިރިއުޅެވެއެވެ. ނަމަވެސް މީގެ ނަތީއެއްގެ ގޮތުން އިތުރު ކަމަށް ޚަރަދު ކުރާނެ އެއްވެސް މިންވަރެއް ރައްކާކުރެވިފައެއް ނެތެވެ.

ކަންމިހެން އޮއްވައި އިހަކަށް ދުވަހު ވަޒީރު މި ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތިދޭ ވާހަކަ އެވެ. ޝަރުތުތައް އެކަށައަޅައި އަދި ނުނިމޭ ކަމަށްވެސް އަޑުއިވެއެވެ. ނަމަވެސް މިހާތަނަށް މީޑިއާއިން ލިބެމުންދާ ޚަބަރުތަކަށް ބަލާއިރު މާލެއަށް އުފަން މާލޭގެ ރައްވެއްސަކަށް ވުމަކީ ޝަރުތެކެވެ. އަޅުގަނޑާއި އަޅުގަނޑު ފަދަ އެންމެން ބާކީވީއެވެ. މާލެއަށް އުފަންނުވުމުގެ ސަބަބުން ގޯތި ދިނުމުގައި މާލޭ ރައްވެއްސެއްގެ ގޮތުގައި ނުބެލެވެނީއެވެ. ވޯޓު ލުމާއި އަދި މިނޫންވެސް އެހެން ހުރިހާ ކަމެއްގައި މާލޭ ރައްވެއްސަކަށްވެފައި މިކަމުގައި އެކަހެރި ކުރެވުނީއެވެ. ހަމަ އެކަނި މާލެއަކުންވެސް ނޫނެވެ. ރާއްޖޭގެ އެހެން ރަށަކުންވެސް ބިމެއް ލިބޭކަށް ނެތެވެ. އެއީ އެ ރަށްރަށުންވެސް ގޯތި ދެނީ އެ ރަށްރަށުގެ ރައްޔިތުންނަށް ކަމުގައިވެފައި އަޅުގަނޑަކީ މާލޭ މީހަކަށް ވާތީއެވެ.

އިއްޒަތްތެރި މަނިކުފާނުއެވެ.

ޢަދުލުވެރި ސިކުނޑިއަކުން ވިސްނައިފި ނަމަ ރާއްޖޭގެ އެއްވެސް ރަށަކުން އެއްވެސް ތަނެއް ލިބިފައި ނުވަތަ ލިބޭންވެސް ނެތް އަދި އެމީހަކަށް ދީނީ، ޤާނޫނީ ގޮތުން ބަލަދު އަރާ ބައަކު ތިބި މީހަކާއި ހަތަރު ސަތޭކަ އަކަފޫޓު ނަމަވެސް ލިބޭން އޮތް މިފަދަ މީހަކާއި ހަމަހަމަވާނީ ކިހިނެތް ހެއްޔެވެ؟  މިސުވާލުގެ ޖަވާބަކާމެދު ފިކުރު ކުރުމުން އަޅުގަނޑުގެ ވިސްނުމަށް އައީ އެންމެ ޖަވާބެކެވެ. މީގެ ވިއްސަކަށް އަހަރު ކުރީން މާލޭގެ ރައްވެއްސަކަށްވުމަކީ ޤާނޫނީ ހަމަތަކުގެ މަތީން އަޅުގަނޑަށް ކުރެވިފައިވާ ވަރަށް ބޮޑު ކުށެކެވެ. ޤާނޫނުގައި ބުނެފައިވާ ހުރިހާ ކަމެއް ފުރިހަމަކޮށްގެން ދައުލަތުގެ ކަމާގުޅޭ އިދާރާތަކާއި ދައުލަތުގެ މުވައްޒަފުން ބޭނުންކޮށްގެން ރޭވިގެން ހިންގިފައިވާ ޖަރީމާއެކެވެ. އެހެންކަމުން މާލެއިންވެސް އަދި ރާއްޖޭގެ އެހެން ރަށަކުންވެސް ގޯތި ގެދޮރު ލިބުމުގެ ޙައްޤުން އަޅުގަނޑު މަޙްރޫމް ކުރެވުނީއެވެ.

މަނިކުފާނަކީ ދައުލަތުގެ އެންމެ އިސް ވެރިޔާ ކަމަށް ވާތީ، މާތް މަނިކުފާނުގެ އަރިހުން ނިކަމެތި އަޅުގަނޑު އެދި މި ދަންނަވަނީ އަޅުގަނޑު ކޮށްފައިވާ ކުށުގެ އަދަބެއްގެ ގޮތުން އަޅުގަނޑު ޖަލުގައި ހައްޔަރުކުރެއްވުމަށެވެ. އެއީ މިނިވަންވާތާ ފަސް އަހަރު ފަހުން ކުށުގެ ރެކޯޑް ސާފުވާނެތީއެވެ. އެއިރުން އަލުން ގޯއްޗަށް އެދެވިދާނެކަމުގެ އުއްމީދު އެބައޮތެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.