...

Support Us

ތާރީހް:

ލިބެންވީ: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ޗެއާމަން އަށް،

ފޮނުވީ: ޒާހީ އަހުމަދު
ގުޅޭ: އެރައިވަލް ހޯލްގައި ހުރި ފަންކާތައް ސާފުކޮށްދެއްވީތީ ޝުކުރު އަދާކޮށް

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ބައިގައި ހުންނަ ޓޫރިސްޓް ހޮޓާތަކުގެ ކައުންޓަރުތައް ކައިރީގައި ހުރި ފަންކާތައް ސާފުކޮށް ނުބަލަހައްޓާ މައްސަލައިގައި 14 ފެބްރުއަރީ 2022 ގައި މަނިކުފާނަށް އަޅުގަނޑު ފޮނުވި ސިޓީއާ ހަވާލާދީ ދަންނަވަމެވެ.

އެ ސިޓީ ފޮނުވި ދުވަސް ނޫން އަނެއް ދުވަހު، މަނިކުފާނު ފޮނުއްވި މުވައްޒަފުންގެ ޓީމަކުން، ހުރިހައި ފަންކާތަކެއް ސާފުކޮށް، މުޅި ތަނަށް ވަނީ އަލުން ދިރު ގެނެސްދީފައެވެ. ފަންކާތަކުގެ ދަޅައިން، މުޅި ތަނަށް މިހާރު ވަނީ އަލިކަން ގެނުވައިފައެވެ. މިއީ، އަޅުގަނޑުމެން ނުހަނު އުފަލާއެކު ފާހަގަކުރާ ކަމެކެވެ. އެކަމަށްޓަކައި މަނިކުފާނަށް އިންތިހާއަށް ޝުކުރު އަދާކުރަމެވެ.

މި ފޮޓޯތައް ބައްލަވައިލެއްވުމުން ވެސް ކުރިއާއި މިހާރުގެ ތަފާތު ވަރަށް ރަނގަޅަށް ފެނިވަޑައިގަންނަވާނެއެވެ. އެއްވެސް ހިރަފުސްކޮޅެއް މިހާރަކު ނެތެވެ. ފަންކާތަކުން މިހާރު ރަނގަޅަށް ވައި ފޮނުވައިދެއެވެ. ގިނަ ދުވަސް ނުކޮށް އަނެއްކާ ވެސް ފަންކާތައް ސާފުކުރުމުގެ އެހެން ބުރެއް ކުރިއަށް ގެންދަވާނެ ކަމަށް ޔަގީންކުރަމެވެ.

"ވިއްސާރަ ކުޑަ ކައުންޓަރުގައި" ހުރި ކުޑަވެސް މިހާރު ވަނީ އެތަނުން ނަގައިފައެވެ. އެހެން ނަމަވެސް، ވާރޭވެހެން ފަށައިނަމަ ވާނެ ގޮތެއް ނޭނގެއެވެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ކައުންޓަރު މައްޗަށް ވާރޭ ވެހެނީ ފުރާޅު ފޫގޮސްފައި އޮތުމުންނެވެ. އެހެންވެ ފުރާޅު ނުބައްދާހާ ހިނދަކު، ވާރޭ ވެހޭ ނަމަ އަދިވެސް ކައުންޓަރުމަތި ދިޔަ ބޮޑުވާނެއެވެ. ވީމާ، ފުރާޅުން ވާރޭވެހޭތަން ވެސް މިހާރު ހުންނާނީ ބައްދައިފައި ކަމަށް ޔަގީން ކުރަމެވެ.

ގިނަ ކައުންޓަރުތަކުގައި ހުރި ގިނަ ޓީވީ ސްކްރީންތައް އަދިވެސް މަސައްކަތެއް ނުކުރެއެވެ. އެކަމަށް ވެސް އަވަސް ހައްލެއް ހޯއްދަވައިދެއްވުން އެދެމެވެ.

މި މައްސަލަ މަނިކުފާނުގެ ސަމާލުކަމަށް ގެނައުމާއެކު ވަރަށް އަވަސް ފިޔަވަޅެއް "ވަކްތުންވަކްތަށް" އެޅުއްވިކަމީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެކެވެ. އަދި މިފަދަ އެހެން ކަމެއް އަލުން ދިމާވިޔަސް، މަނިކުފާނަށް ދަންނަވާން ލިބުނު ހިތްވަރެކެވެ.

ނިންމާލުމުގެ ކުރިންވެސް އަދިވެސް އެއްފަހަރު މަނިކުފާނަށް ފަށްފަށުން ޝުކުރު ދަަންނަވަމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.