Support Us

ތާރީހް:

ލިބެންވީ: ރީޖަނަލް އެއަޕޯޓްސްގެ އެމް.ޑީ މުހައްމަދު ރިޒްވީއަށް

ފޮނުވީ: އަލީ 
ގުޅޭ: ހަނިމާދޫ "އިންޓަނޭޝަނަލް" އެއާޕޯޓުގެ ހިދުމަތްތަކަށް އެދެވޭ ބަދަލެއް އައުމަށް އެދި

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ހަނިމާދޫ އެއާޕޯޓަކީ ދުވާލަކު ހައެއްކަ ފްލައިޓު ޖައްސައި، ތިން ސަތޭކައެއްހާ މީހުންނަށް ހިދުމަތް ދޭ ތަނަކަށް ވާއިރު، އަދި އަމުދުން "އިންޓަނޭޝަނަލް" ނަން ބޯޑު އަޅުވައިފައިވާ އެއާޕޯޓަކަށްވާއިރު އެ އެއާޕޯޓުގެ ހިދުމަތްތަކާއި ފެންވަރު ވަނީ މީގެ ކުރިން ދުވަހަކު ވެސް ދަށަށް ނުދާ ވަރަށް ދަށަށް ގޮސްފައެވެ. އެތަނުގައި ރަނގަޅީ މިވެނި ކަމެކޭ ދެންނެވޭކަށް ނެތެވެ. ހުރިހާ ކަމެއް ވެސް އެހާ ގޯހެވެ.

މި ސިޓީއާއެކު މި ފޮނުވާ ފޮޓޯތައް ބައްލަވައިލައްވާށެވެ.

މަތީގައިވާ ފޮޓޯގައި އެ ވަނީ ހަނިމާދޫ "އިންޓަނޭޝަނަލް" އެއާޕޯޓުން ފުރާ މީހުންގެ ހޭންޑް ލަގޭޖް ޗެކް ކުރުމަށް ބޭނުން ކުރަމުން އައި އެކްސްރޭ މެޝިނެވެ. އެ މެޝިން ހަލާކުވެ، އޭގެ ބޭނުންނުކޮށް ހުންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެހެންކަމުން ފުރާ މީހުންގެ ހޭންޑް ލަގޭޖް ނުވަތަ އަތްމަތީ ދަބަސް މިހާރު ޗެކްކުރަން ޖެހެނީ ފޮށިތައް ވެސް ޗެކްކުރާ މެޝިން ހުންނަ ތަނަށް ފަހަރަކު މީހަކު ވައްދައިގެންނެވެ. ތިރީގައި މި ވަނީ އެ ފޮޓޯއެވެ.

ހޭންޑް ލަގޭޖް ޗެކްކުރުމަށް ކޮވިޑްގެ ކުރިން ބޭނުން ކުރަމުން އައި މެޝިން މިހާރު ހުންނަނީ، ވަށައިގެން ރަތް ފީތާ ދަމައި ބަންދުކޮށް، އާސާރީ އެއްޗެއްގެ ގޮތުގައި ބަހައްޓައިފައެވެ. ފުރާ އެންމެން ވެސް ވަންނަން ޖެހެނީ އެ މެޝިން ކައިރިންނެވެ.

ހަނިމާދޫ އެއާޕޯޓުގެ ފުރާ މީހުންގެ ބައިގެ އެއާކޯން ހަލާކުވެފައި ހުންނަތާ ވެސް ކޮވިޑަށް ވީ ދުވަހެއް ވެއްޖެއެވެ. އެހެންވެ ދުވާލުގެ ހޫނު ގަޑީގައި އެތަން ހީވަނީ މަސްފިހާ އަވަނެއްހެންނެވެ. އެހެން ކަމުން ބޯޓަށް އެރުމުގެ ކުރިން މަޑުކޮށްލައިގެން ތިބޭ ގޮނޑިބަރީގައި އިރުކޮޅަކު މަޑުކޮށްލުންވެސް އެއީ ވަރަށް ބޮޑު ތަކުލީފަކަށް ވަނީ ވެފައެވެ.

ހަނިމާދޫ އެއާޕޯޓުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ބުނަނީ އެ އެއާޕޯޓު ތަރައްގީކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މާބޮޑު ވިސްނުމެއް މަނިކުފާނު ވެސް އަދި ދިވެހި ސަރުކާރުން ވެސް ނުގެންގުޅުއްވާ ކަމަށެވެ. ދިވެހި ސަރުކާރުން ވެސް އިންތިޒާރުކުރަމުން އަންނަނީ އިންޑިއާ ސަރުކާރުން އެތަން ތަރައްގީ ކުރާނެ ދުވަހަކަށް ކަމަށެވެ. އެކަމަކު ހަނިމާދޫ އެއާޕޯޓު ވީރާނާވެގެން ދާތަން ބައްލަވަން މާލޭގެ ފިނި ކޮޓަރީގައި، މަނިކުފާނު އިންނެވި ނަމަވެސް، އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން އެއާޕޯޓުން ހިދުމަތް ހޯދާ ފަސިންޖަރުން ތިބީ އެކަމާ ވަރަށް ކަންބޮޑުވެފައެވެ.

ވީމާ، ހަނިމާދޫ "އިންޓަނޭޝަނަލް" އެއާޕޯޓުގެ ހިދުމަތްތަކަށް އެދެވޭ ބަދަލެއް ވީހާ އަވަހަކަށް ގެނެސްދެއްވުން އެދި ދެންނެވުމަށް މި ފުރުސަތުގެ ބޭނުން ކުރަމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.