...

Support Us

ތާރީހް:

ލިބެންވީ: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ޗެއާމަން އަށް،

ފޮނުވީ: ޒާހީ އަހުމަދު
ގުޅޭ: އެރައިވަލް ހޯލްގައި ހުރި ފަންކާތައް ސާފުކޮށް ނުބަލަހައްޓާ މައްސަލަ

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

މި ސިޓީއާއެކު މި ފޮނުވާ ފޮޓޯތަކަކީ ރާއްޖެ ޒިޔާރަތްކުރާ މިލިއަނަކަށް ވުރެ ފަތުރުވެރިންނަށް އެންމެ ފުރަތަމަ މަރުހަބާ ކިޔާ ފަންކާތަކުގެ ފޮޓޯތަކެކެވެ. މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ބައިގައި ހުންނަ ޓޫރިސްޓް ހޮޓާތަކުގެ ކައުންޓަރުތައް ކައިރީ ހުރި ފަންކާތަކުގެ ހާލެވެ.

އެ ފަންކާތައް ފޮޅައި ސާފުކޮށްލި ޒަމާނެއް އެކަކަށްވެސް ނޭނގެއެވެ. މިތަނުގައި ޖުމްލަ 72 ފަންކާ އެބަހުއްޓެވެ. ހުރިހައި ފަންކާތަކެއްގައި ވެސް ހުރީ ބޯކޮށް ހިރަފުސް ޖަހައިފައެވެ. އެއިން އެއްޗަކުން ރަނގަޅަށް ވައިކޮޅެއް ވެސް ބޭރެއް ނުވެއެވެ.

ޓޫރިސްޓް ރިސޯޓްތަކާއި ހޮޓާތަކަށް ދީފައި 84 ކައުންޓަރު މިތާ އެބަހުއްޓެވެ. އެންމެ ކުރީ ބަރީގައި ހުންނަ ކައުންޓަރުތަކަކީ މަހަކު 750 ޑޮލަރު (ގާތްގަނޑަކަށް 12،000ރ.) އަށް އެއާޕޯޓްސް ކޮމްޕެނީން ކުއްޔަށް ދީފައި ހުންނަ ކައުންޓަރުތަކެކެވެ. އަނެއްބައި ކައުންޓަރުތަކަކީ މަހަކު 550 ޑޮލަރު (ގާތްގަނޑަކަށް 8،800ރ.) އަށް ކުއްޔަށް ދީފައި ހުންނަ ކައުންޓަރުތަކެކެވެ. އެހެންވެ އެވްރެޖްކޮށް ކޮންމެ ކައުންޓަރަކުން މަހަކު 600 ޑޮލަރު (ގާތްގަނޑަކަށް 9،600ރ.) ނަގާ ކަމަށް ބެލި ނަމަވެސް 84 ކައުންޓަރަށް މަހަކަށް 50،400 ޑޮލަރު (ގާތްގަނޑަކަށް 806،400ރ.) އެމް.އޭ.ސީ.އެލް އަށް ލިބޭނެއެވެ.

ކުޑަކުޑަ ގޮޅިއަކަށް މިހާ ގިނަ ފައިސާ ނަގާއިރު، ތަނުގެ ހިދުމަތުގެ ފެންވަރަކީ މިއީއެވެ. ގިނަ ޓީވީ ސްކްރީންތައް މަސައްކަތެއް ނުކުރެއެވެ. ރިސޯޓްތަކުގެ ރެޕުންވެސް އަބަދުމެ ތިބެންޖެހެނީ ދާހިތްލާ ފޯވެފައެވެ. ވިއްސާރަ ވިޔަސް ހަމަ އެވަރެވެ. ވާރޭ ވެހެން ފަށައިފިއްޔާ ގިނަ ކައުންޓަރުތަކުގެ ހާލު، ތިރީގައި މިވާ ފޮޓޯއިން ވަރަށް ރަނގަޅަށް ސާފުވެވަޑައިގަންނަވާނެއެވެ. އެކަމަކުވެސް، ރިސޯޓްތަކުން ހެސް ކިޔައިފައި ޑޮލަރު ނަގައިފައި، ކައުންޓަރުތައް އަވަނެއްހެން ބަހައްޓައިފައި، އެމް.އޭ.ސީ.އެލްގެ "ހެލްޕް" ޑެސްކު އެ ހުންނަނީ އައިސްކޮށާރެއްހެންނެވެ. އެތާ އިންނަ ކުއްޖާ އަބަދު އެ އިންނަނީ ގަނޑުވެފައެވެ.

އަޅުގަނޑު ގަބޫލްކުރާ ގޮތުގައި އެރައިވަލް ހޯލް "ވަކްތުންވަކްތަށް" އޭ.ސީކޮށް ނުދެއްވޭ ނަމަ، ކައުންޓަރުތައް ކައިރީގައި ހަރުކޮށްފައި ހުރި 72 ފަންކާ ތަންކޮޅެއް ރަނގަޅަށް ފޮޅައި ސާފުކޮށް، ރަނގަޅަށް ބަލަހައްޓައިދިނުމަކީ ވަރަށް ވެސް ބޭނުންތެރި ކަމެކެވެ. އޭރުން ރޯގާތައް މިހާ މޮޅު ދުވަސްވަރެއްގައި އެންމެންގެ ސިއްހަތަށްވެސް އެކަމުން ރައްކާތެރިކަން ލިބޭނެކަން ކަށަވަރެވެ. އަދި އެއީ ގިނަ އިރުތަކެއް ވަންދެން ހިދުމަތުގައި އަވަދިނެތި އުޅޭ ރެޕުންނަށް ވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެކަން ޔަގީނެއެވެ.

އެހެންވެ، މި ވާހަކަ ދަންނަވާލުމަށް މި ފުރުސަތުގެ ބޭނުންކުރަމެވެ. ފޮޓޯތަކުން ރަނގަޅަށް މަންޒަރު ސާފުވާނެ ކަމަށް ހީކުރަމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.