Support Us

ތާރީހް:

ލިބެންވީ: ބޭންކް އޮފް މޯލްޑިވްސްގެ ސީ.އީ.އޯ މރ. ޓިމޮތީ ސޯޔާރ އަށް،

ފޮނުވީ: އަލިޒީ
ގުޅޭ: ބީ.އެމް.އެލްގެ ކޭޝް ކާޑާއި އޭ.ޓީ.އެމްގެ މައްސަލަތައް ބޮޑު ބޮލުގައި ރިހުމަކަށް

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީހުގެ އޭ.ޓީ.އެމަށް މިއަދު މެންދުރުފަހު ދިޔައިރު އެ ތަނުގެ ކިއޫގައި މީހުންތައް ވަރަށް ގިނައެވެ. ރަނގަޅަށް ބަލައިލިއިރު، އޭ.ޓީ.އެމް ދެ މެޝިނެއްގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ.

މިއަދަކީ ގިނަ އޮފީސްތަކާއި ކުންފުނިތަކުން މުސާރަ ޖަމާކުރާ ދުވަހެވެ. އަދި، ބޭރަށް ނުކުމެ އުޅުން ހަވީރު ހަތަރެއްޖަހާއިރު ބަންދުވާތީ، އޭގެ ކުރިން ފައިސާކޮޅެއް ނަގަން ބޭނުންވާ ވަރަށް ގިނަ ބަޔަކު ތިބޭނެކަން އެއީ ހަގީގަތެކެވެ. ނަމަވެސް، މި ގޮތަށް "ވަގުތީ ގޮތުން ޚިދުމަތް މެދުކެނޑިފައި" ހުރުމުން، ފައިސާ ނުނެގި ނުވަތަ ފައިސާ ޖަމާނުކުރެވިގެން ގިނަ ބަޔަކަށް އެ ކަމުގެ އުނދަގޫތައް ވަނީ ފޯރައިފައެވެ. މިއީ ވަރަށް އާންމު ކަމެކެވެ. އަމުދުން ބީ.އެމް.އެލް ހެޑް އޮފީހުގެ އޭޓީއެމްތައް މިގޮތަށް "ވަގުތީ ގޮތުން ޚިދުމަތް މެދުކެނޑިފައި" ގިނަ އިރުތަކަކު ހުންނަ ކަމަށް ވަންޏާ، އެހެން ތަންތަނުގެ، ވަކިން ޚާއްސަކޮށް ރަށްރަށުގައި ހުންނަ އޭޓީއެމްތަކުގެ ހާލު ހުންނާނެ ގޮތް ޚިޔާލަށް ވެސް ނުގެނެވެއެވެ.

މި ފުރުސަތުގައި އެހެން ވާހަކަތަކެއް މަނިކުފާނު އަރިހުގައި ދަންނަވާލަން ބޭނުމެވެ. އެއީ ދިވެހިންގެ އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާ ބީ.އެމް.އެލްގެ އޭޓީއެމްތަކުން ކޭޝް ކާޑަށް ފައިސާ ނުނެގޭ މައްސަލައެވެ. އެއީ ވަރަށް ގިނަ ފަހަރު ދިމާވާ މައްސަލައެކެވެ. އެހެންވެ އެއް މެޝިންގެ ކިއޫގައި އެތައް އިރަކު ހުރެގެން ފުރުސަތު ލިބޭއިރު، ކާޑު ބޭނުން ނުކުރެވުމުން، އަނެއް މެޝިން ކައިރިއަށް ގޮސް އަނެއްކާ ބޮޑު ކިއޫއެއްގައި ޖެހެންޖެހެއެވެ. ތިން ވަނަ މެޝިނާ ހަމައިން ކާޑު މަސައްކަތް ކުރާނީ ނަސީބު ރަނގަޅު ފަހަރަކުއެވެ. ބައެއް ފަހަރު ހެޑް އޮފީހުގެ އެއްވެސް މެޝިނަކުން ކާޑު މަސައްކަތް ނުކޮށްގެން، އަމީނީ މަގު ބްރާންޗު ނުވަތަ އައި.ޖީ.އެމް.އެޗް ކައިރީ ހުންނަ މެޝިނާ ހަމައަށް ވެސް ދުއްވަން ޖެހެއެވެ. އެއިން ތަނަކުން ވެސް މަސައްކަތް ނުކޮށްފި ނަމަ، ކަސްޓަމްސް ސަރަހައްދަށާއި މަސްވެރިންގެ ޕާކު ސަރަހައްދުގެ އޭޓީއެމަށް ވެސް ދުއްވަންޖެހެއެވެ. މިއީ، ކުރިއަރައިފައިވާ މި ޒަމާނުގައި، އަމުދުން ކާރޫބާރޫ ބޮޑު މާލޭގައި، ފައިސާކޮޅެއް ނަގަން އުޅެން، ފުކެއް ބޮޑުވަރު ނޫންތޯއެވެ؟

ބީ.އެމް.އެލްގެ ހެޑް އޮފީހުގެ ދެ އޭ.ޓީ.އެމެއް މިއަދު މެންދުރުފަހު "ވަގުތީ ގޮތުން ޚިދުމަތް މެދުކެނޑިފައި"

އިއްޒަތްތެރި ސީ.އީ.އޯއެވެ. ތެދެކެވެ. ބޭންކަށް ނުގޮސް، ފޯނުން ވެސް އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޓްރާންސްފަރ ކޮށްލެވޭނެ ފަސޭހަ ގޮތް ބޭންކުން ވަނީ ހަދައިދީފައެވެ. އެކަމަކު، ކުލި ދައްކަންޖެހޭނީ ނަގުދު ފައިސާއިން ކަމަށް ގޭގެ ވެރިފަރާތުން ބުނީމާ، އަޅުގަނޑުމެންނަށް އޮންނާނީ މުޅި މާލެތެރޭ ދުއްވައިގެން ވެސް ފައިސާ ނަގަން ނޫންތޯއެވެ؟ އަދި ޗެކެއް ޖަމާކޮށްލަން ޖެހުނަސް، ޖެހޭނީ ހަމަ އޭޓީއެމެއް ކައިރިޔަށް ދާން ނޫންތޯއެވެ؟ އެކަން މަނިކުފާނު ގަބޫލްކުރައްވާށެވެ. ފޯނުން ފައިސާ ޓްރާންސްފަރ ކުރެވޭ ނިޒާމް ގާއިމުކޮށްފައި އޮތަސް، އަބަދު އޭޓީއެމްތައް ކައިރީގައި މީހުންތައް އޮންނަނީ، ނަގުދު ފައިސާ ނަގަން ވެސް ބޭނުންވާ ގިނަ ބަޔަކު އުޅޭތީކަން މަނިކުފާނު ގަބޫލްކުރައްވަން ވާނެނޫންތޯއެވެ؟

އަދި ދަންނަވަންތޯއެވެ؟ ކޭޝް ކާޑުގެ ފަސޭހަކަމާއި ރައްކާތެރިކަން ކިތަންމެ ބޮޑު ނަމަވެސް، ގިނަ ފިހާރަތަކުން ޑިސްކައުންޓެއް ވެސް ދެނީ ނަގުދު ފައިސާ ދެއްކީމައެވެ. ކާޑުން ފައިސާ ދައްކާ ކޮންމެ ފަހަރަކު އެ ވިޔަފާރިން ހަތަރު ޕަސަންޓް ބީ.އެމް.އެލް އަށް ކަނޑާލީމާ، ވިޔަފާރިވެރިން ތިބެނީ ވަރަށް ބޮޑަށް ތުންފިއްތައިގެންނެވެ. އަނެއްކާ ފައިދާއަށް ކުޑަ މާޖިންއެއް ލައިގެން ވިއްކާ ބައެއް ތަކެތި، ގިނަ ފިހާރަތަކުގައި، ކޭޝް ކާޑުން ނުވެސް ވިއްކައެވެ. ބައެއް ފިހާތަކުން ބުނަނީ އެ ފަދަ ތަކެއްޗަށް ކޭޝް ކާޑުން ފައިސާ ދައްކާ ނަމަ، ކަސްޓަމަރު އަތުން އެ ހަތަރު ޕަސަންޓް ލާންޖެހޭނެ ކަމަށެވެ. ކުރާ ވިޔަފާރިއަށް ޑިސްކައުންޓެއް ނުލިބޭ ތާނގައި، އަނެއްކާ ހަތަރު ޕަސަންޓު މި ޖެހެނީ އަތުން ދޭށެވެ. ސަބަބަކީ ބީ.އެމް.އެލްގެ ކޭޝް ކާޑެއް އޮތުމެވެ. މި މައްސަލަތަކާ ހެދި، ނަގުދު ފައިސާ ދެއްކުމަށް ހިތްވަރުދީ، ގިނަ ފިހާރަތަކަކުން ބޮޑެތި ޕްރޮމޯޝަންތައް ދަނީ ހިންގަމުންނެވެ. ބީ.އެމް.އެލްގެ ކޭޝް ކާޑުން ވިޔަފާރިކުރަން ހުރިހައި ވިޔަފާރިވެރިން ވެސް ރުހޭ ނަމަ، ނަގުދު ފައިސާ އިން ވިޔަފާރިކުރަން ހިތްވަރުދީ، އެއްވެސް ފިހާރައަކުން އިޝްތިހާރެއް ނުކުރާނެ ނޫންތޯއެވެ؟

އަޅުގަނޑު މި ދަންނަވާ ވާހަކަ މަނިކުފާނު ގަބޫލްފުޅު ނުކުރައްވަފާނެތީ، ނަގުދު ފައިސާ އިން ވިޔަފާރިކުރުމަށް ހިތްވަރުދޭ އިޝްތިހާރެއްގެ ފޮޓޯއެއް މި ސިޓީއާއެކު ފޮނުވަމެވެ. އެ ފޮޓޯގައި ރަތް ކުލައިން ބޮޅު އަޅައިފައި އެވާ ތަންތަން މަނިކުފާނު ބައްލަވައިލެއްވީމާ، މި ދަންނަވާ ވާހަކަ ވަރަށް ރަނގަޅަށް ސާފުވާނެއެވެ.

އިއްޒަތްތެރި ސީ.އީ.އޯއެވެ. ބައެއް ފަހަރު، މަގުމަތީ އުޅޭއިރު، ކަރު ހިތްކައިގަނެގެން ފެން ފޮދެއް ބޯލަންޖެހޭ ހާލަތެއްގައި، ނުވަތަ ދަރިފުޅަށް ފެންފޮދެއް ދޭންޖެހޭ ހާލަތެއްގައި، ކުޑަ ފެންފުޅިއެއް ބޭނުންވިޔަސް، އޭގެ އަގަކީ އެންމެ ތިން ރުފިޔާ ކަމަށް ވާތީ، ކޭޝް ކާޑަކަށް އެންމެ ފެންފުޅިއެއް ނުވިއްކައެވެ. ގިނަ ފިހާރަތަކުން ބުނަނީ 20 ރުފިޔާ އަށް ވުރެ ކުޑަ އަދަދެއް ކާޑުން ކަނޑައިނުދޭނެ ކަމަށެވެ. އެހެންވީމާ، ތިން ރުފިޔާ އަށް ލިބޭ ފެންފުޅީގެ ބޭނުމުގައި، އެހެން ކޮންމެވެސް އެއްޗެއް ވެސް ގަނެ، 20 ރުފިޔާ ހަމަކުރަންޖެހެއެވެ. ބޭނުންނުވާ ހާލަތުގައި ވެސް މެއެވެ. ސަބަބަކީ ބީ.އެމް.އެލްގެ ކޭޝް ކާޑެއް އޮތުމެވެ.

ބީ.އެމް.އެލްގެ އޭޓީއެމްއަކުން ފައިސާ ނަގަން މީހަކު މަސައްކަތްކުރަނީ.

އިއްޒަތްތެރި ސީ.އީ.އޯއެވެ. ބީ.އެމް.އެލްގެ ކޭޝް ކާޑުން ދިމާވާ އެހެން މައްސަލައެއް ވެސް ދަންނަވާފާނަމެވެ. ފިހާރަތަކުގެ ޕީ.އޯ.އެސް މެޝިނުން ވެސް ކާޑުން ފައިސާ ކެނޑެނީ ހިތަށް އެރި ފަހަރެއްގައެވެ. ފައިސާ ހުއްޓަސް "ޑިކްލައިން" ކުރަނީއެވެ. ގިނަ ފިހާރަތަކަކީ ތިން ހަތަރު ޕީ.އޯ.އެސް މެޝިން ހުންނަ ތަންތަން ކަމަށް ނުވާތީ، ކާޑުން ފައިސާ ނުކެނޑިއްޖެ ނަމަ، ކޮތަޅުތައް ބަހައްޓައިފައި، ފައިސާ ނަގަން މުޅި މާލެތެރޭގައި ދުއްވަންޖެހޭ ވަރަށް ގިނަ ފަހަރުވެސް އެބަ ކުރިމަތިވެއެވެ. ކޮތަޅުތައް ބަހައްޓައިފައި ފިހާރައަކުން ނުކުމެވުނަސް، ކެފޭއަކުން ކޮފީއެއް ބޯލާ ފަހުން، ކާޑުން ފައިސާ ނުކެނޑިއްޖެ ނަމަ، ދެން ކުރިމަތިލާންޖެހޭ ހާލަތު ކިތަންމެހާވެސް ލަދުވެއްޗެވެ. ބައެއް ކެފޭތަކުން ބުނަނީ ފޯނު ނުވަތަ އައި.ޑީ.ކާޑު ބާއްވައިފައި ގޮސް، ފައިސާ ހިފައިގެން އައުމަށެވެ. މި ހުރިހާ އުނދަގުލަކާއި ލަދުވެތި ކަމެއް ކުރިމަތިލާން މި ޖެހެނީ ކީއްވެގެންތޯއެވެ؟ ސަބަބަކީ ބީ.އެމް.އެލްގެ ކޭޝް ކާޑެއް އޮތުމެވެ.

ބައެއް ފިހާރަތަކުގެ ޕީ.އޯ.އެސް މެޝިންތަކުން އަޅުގަނޑުގެ ބީ.އެމް.އެލް ކޭޝް ކާޑު ބޭނުން ނުކުރެވުމުން، 2019 ގައި ތިން ފަހަރު އަޅުގަނޑުގެ ކާޑު އާކުރަންޖެހުނެވެ. ކާޑު އާކުރަން ޖެހުމަކީ ވެސް އެކަމަށް ވަރަށް ވަގުތު ނަގާ ކަމެކެވެ. އެކަމަކު ކާޑު ސެންޓަރުގެ ހިދުމަތް ރަނގަޅުވެފައި މުވައްޒަފުންގެ ހިތްހެޔޮކަން އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާތީ އެ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވާލަމެވެ.

ވީމާ، ރާއްޖޭގެ ގައުމީ ބޭންކުގެ މޫނުމަތި ރީތިކުރުމަށްޓަކައި، ޚިދުމަތުގެ ފެންވަރު މާ ބޮޑަށް ވެސް ރަނގަޅު ކުރަން ވަނީ ޖެހިފައެވެ. ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި ކަސްޓަމަރުންގެ މި ކަހަލަ "ފީޑްބެކް" މަނިކުފާނު ބޭނުންފުޅުވާނެތީ، މި ވާހަކަތައް މަނިކުފާނުގެ ސަމާލުކަމަށްޓަކައި ދަންނަވާލީއެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.