Support Us

ތާރީހް:

ލިބެންވީ: ރައީސުލްޖުމްހޫރިއްޔާ އަށް،

ފޮނުވީ: އިބްރާހިމް
ގުޅޭ: ދިއްދޫ ރަށްގިރުމުގެ މައްސަލަ އަށް އަވަސް ހައްލެއް ހޯދުމަށް އެދި

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ހއ. ދިއްދޫ އަކީ ޒަމާނުންސުރެ ރަށްގިރުމާއި އުދަ އެރުމުގެ މައްސަލަ ބޮޑު ރަށެކެވެ. އާދަޔާ ޚިލާފް ބޮޑަށް ދިއްދޫ ހުޅަނގުމަތި ފަރާތު ކުޑަ މިސްކިތާވީ ދިމާ އަތިރިމަތިން ގިރަން ފެށީ އެމް.ޑީ.ޕީގެ ވެރިކަމުގައި 2010 ވަނަ އަހަރު މިރަށުގެ ބިންހިއްކި ފަހުންނެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް ރައީސް ޔާމީނުގެ ސަރުކާރުން ވަނީ ދެފަހަރެއްގެ މަތިން ބޮޑު ހިލަ ޖަހައި ރަށުގެ ބޮޑު ސަރަހައްދެއް ހިމާޔަތްކޮށްދީފައެވެ. އެކަމަކު ގިރަމުންދާ މުޅި ސަރަހައްދު ކަވަރުކުރެވޭ ވަރަށް ހިލަ ޖަހައިފައި ނެތުމުގެ ސަބަބުން ރަށް ގިރުމުގެ މުޅި މައްސަލައަށް އަދިވެސް ހައްލެއް ނާދެއެވެ.

ދިއްދޫ ހުޅަނގުމަތި ފަރާތުން ގިރަމުންދާ ސަރަހައްދު. –ފޮޓޯ: ސިނާން

މި މައްސަލަ އެންވައިރުމެންޓް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން ވިދާޅުވަނީ އެ މިނިސްޓްރީގެ މެންޑޭޓަކީ ތިމާވެށީގެ މައްސަލަތައް މޮނީޓަރކުރުން ކަމަށެވެ. ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މެންޑޭޓް އޮތީ ޕްލޭނިން މިނިސްޓްރީގައި ކަމަށެެވެ. އެހެން ނަމަވެސް އެ މިނިސްޓްރީން ވިދާޅުވީ ރަށްގިރުމުގެ މައްސަލައަކީ އެންވައިރުމެންޓް މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ ކަމެއް ކަމަށެވެ. ޒިންމާ ނަގާނެ ފަރާތެއް ނެތެވެ.

އަޅުގަނޑުމެން މިތިބެނީ މި ދެ މިނިސްޓްރީގެ ދެމެދުގައި ތާށިވެ ފިތިބާރުވެފައެވެ. އަދިވެސް ރަށްގިރުމުގެ މައްސަލައަށް ހައްލެއް ނުލިބި އަޅުގަނޑުމެންގެ ގޭގެ ފާރުބުޑަށް ރާޅު ބިންދުމަކަށް ބަދަލެއް ނާދެއެވެ.

ދިއްދޫ ހުޅަނގުމަތި ފަރާތުން ގިރަމުންދާ ސަރަހައްދު. –ފޮޓޯ: ސިނާން

އަޅުގަނޑުމެންނަށް ހިތްފަސޭހަ ދިރިއުޅުމާއި އިންސާފުގެ ވައުދުތަކުން އުއްމީދު ހޯދައިދެމުން މަނިކުފާނު ވިދާޅުވީ ފުރަތަމަ ޖަރީޒާވަންތަ ތަނަކަށް މި ރާއްޖެ ހެދުމަށް އެމް.ޑީ.ޕީ ސަރުކާރަކަށް ވޯޓުލުމަށެވެ. އޭގެ އިތުރުން އެޖެންޑާ19 ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއާއި ކައުންސިލްގެ ފަސް ގޮނޑިވެސް އެމް.ޑީ.ޕީ އަށް ކާމިޔާބު ކޮށްދިނުމަށެވެ. މި ކެންޕެއިންތަކުގައި އަޅުގަނޑުމެން ދޮރުންދޮރަށް ހިނގީ އަރައިގެން ތިބި ފައިވާންތައް ފޫދަންދެންނެވެ. އެހެން ނަމަވެސް މި ސަރުކާރު ބޭނުންވި ގޮތަށް ހުރިހައި ވޯޓްދީގެން ވެސް އަޅުގަނޑުމެންނަށް ލޮލުފިޔަ ޖަހާނުލެވި މި ތިބެނީ ޖަހާ ރާޅާއެކު ގޯތިތައް ގިރާލަފާނެކަމަށް ބިރުންނެވެ.

ވީމާ އަޅުގަނޑުމެން އެދެނީ މަނިކުފާނު ހާއްސަ އިސްކަމެއް ދެއްވައި، އެންވަޔަރަންމެންޓް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ ދެމެދުގައި ތާށިވެފައިވާ މި މައްސަލަ އަށް އަވަސް ހައްލެއް ގެނެސްދެއްވައި އަޅުގަނޑުމެންގެ އަނބިދަރިންނާއި އާއިލާ އާއި އެހެނިހެން ރައްޔިތުން މިކަމުން ސަލާމަތްކޮށްދެއްވުމެވެ.

ދިއްދޫ ހުޅަނގުމަތި ފަރާތުން ގިރަމުންދާ ސަރަހައްދު. –ފޮޓޯ: ސިނާން

ދިއްދޫ ހުޅަނގުމަތި ފަރާތު ކުޑަ މިސްކިތާވީ ދިމާ އަތިރިމަތިން ގިރަމުންދާ ސަރަހައްދުގެ ފޮޓޯތައް މި ސިޓީއާއެކު އަރިސްކުރަމެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.