Support Us

ތާރީހް:

ލިބެންވީ: ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް

ފޮނުވީ: އާސިފު
ގުޅޭ: އޮޅިގެން ކުރެވޭ ކަންތައް މާ ގިނަވެއްޖެ

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ދައުލަތުގެ އެކިއެކި މުވައްސަސާތަކުން ބައެއް ކަންކަން ވަކި ގޮތަކަށް ނިންމަވައިފައި، ފަހުން އެކަން ބަދަލުކޮށް އެއީ “އޮޅިގެން” ނިންމުނު ނިންމުމެއް ކަމަށް ބުނެ، އަލުން އެހެން ގޮތަކަށް ބަދަލުކުރުން މިހާރު ވަނީ ވަރަށް އާންމު ކަމަކަށް ވެފަ އެވެ. ޚާއްސަކޮށް ސަރުކާރުގެ އޮފީސްތަކުންނެވެ.

އާންމު ރައްޔިތުންނާ ބޮޑަށް ގުުޅުންހުރި ކަންކަން މި ގޮތަށް ފަހުން ބަދަލުވުމުގެ ސަބަބުން، ސަރުކާރުން ނިންމާ ނިންމުންތަކަށް އާންމުންގެ އިތުބާރު ވަރަށް ބޮޑަށް ދަނީ ގެއްލެމުންނެވެ. އަދި ރައްޔިތުންނާއި ސަރުކާރަށް ވެސް އެކަމުގެ ގެއްލުންތައް ދަނީ ލިބެމުންނެވެ. މިހެންވުމުގެ ސަބަބުން ސަރުކާރުން ކަމެއް އިއުލާންކުރުމާއެކު، ކޮންމެ މީހަކު ވެސް ފުރަތަމަ ބަލަނީ އެއީ އޮޅިގެން ވީކަމެއްގެ ގޮތުގަ އެވެ. ފަހުން ރަނގަޅުކުރާނެ ކަމަށެވެ. އިއްޔެވެސް، އޮފީސް މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކުރި މައްސަލައިގައި މަގާމުން އިސްތިއުފާ ދެއްވަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ރައީސުލްޖުމްހޫރިއްޔާ އެންގެވި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ޓްވީޓު ކުރެއްވުމުން، އެއީ އޮޅިގެން ކުރެވުނު ޓްވީޓެއްތޯ މީހަކު ސުވާލުކޮށްފައި ވެއެވެ.

އޮޅިގެން ކުރެވިފައިވާ ބައެއް ކަންކަމުގެ މީޑިއާ ސުރުޚީތައް އެއްކޮށްލާފައި ފޮޓޯ: -ސޯޝަލް މީޑިއާ

މި ކަންކަން މިހެން މި ދިމާވަނީ ކަމާ ބެހޭ ފަރާތްތަކުން އެންމެ އެކަށީގެންވާ ގޮތުގައި ތައްޔާރު ނުވެވޭތީއެވެ. މާ ބޮޑަށް ހާސްވެގެން، ކުއްލި ކުއްލިއަށް ކަންކަން ނިންމައި އިއުލާންކުރާތީއެވެ. ޒިންމާދާރުކަމާ އެކު ކަންކަން ކުރާ، ގާބިލް މީހުން ނެތީއެވެ. ނޫނީ އަނެއް ގޮތަކީ، ސަރުކާރުން ބޭނުންވެގެން ކަމެއް ނިންމި ނަމަވެސް، ޚިޔާލު ބަދަލުވުމުން ފަހުން އަނބުރާލަނީއެވެ. ސަރުކާރަކުން ކުރަން މިއީ ވަރަށް ދެރަވަރެވެ.

ވީމާ، “އޮޅިގެން” ކަންކަން ކުރި އެންމެނާ ދޭތެރޭ އެކަށީގެންވާ ފިޔަވަޅު އަޅުއްވައި، “އޮޅިގެން” ތަކުރާރުނުވާނެ ގޮތަށް ކަންކަން ކުރެވޭ، ގާބިލް މީހުންނަށް ޓެކްސް ޕޭޔަރުންގެ ފައިސާ ހަރަދު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސެވުން މުހިންމު ކަމުގައި އަޅުގަނޑަށް ފެނެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި ޓެކްސް ދައްކާ ރައްޔިތެއްގެ ހައިސިއްޔަތުން މިހެން ދެންނެވުން އެއީ އަޅުގަނޑުގެ ވެސް ހައްގެކެވެ.

އިހްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.