ފަޒާ ބަނަވެލީ ދެންމެއަކު ކީއްވެހޭ؟
ނަޒާރަތު މުޅިން ފުސްވެލީ ކީއްވެހޭ؟
ރަބީޢުގެ ހިމޭންކަންމެ ހަލަބޮލިވެލާ
ރަބީޢީ އަސަރުތައް މިލީ ކީއްވެހޭ؟
ވަޔާ ހެލިލަމުން ރޫޅެމުން ކާއިނާތު
އޮޔާވައި ބަދަލް ފަހެ ވެލީ ކީއްވެހޭ؟
ބިރާއޭގެ މޮޅިޔަށް އަނދިރިކަން ވެލައި
އިރާދޯދިތައް ވަކިވެލީ ކީއްވެހޭ؟
ވިލާ އުދަރެހުން ބޯވެގެން ފުސްވެލައި
ކިލާކަން ތަނަށް ވެރިވެލީ ކީއްވެހޭ؟
ދަމެއް މެންދުރެއް މެންދަމެއް ވަކި ނުވޭ
ދުމުން ބޯވެގެން ކަޅުވެލީ ކީއްވެހޭ؟
ވެހޭ ވާރެޔާ ތިކިތަކަށް އެބަ ބުނޭ
ޖެހޭ ރޯޅިތައް ފަނޑުވެލީ ކީއްވެހޭ؟
ކިލާކަން ވެ ޖައްވާ ޒަމީނާ ފަޒާ
ދިލާސާ ތަނާ ދުރުވެލީ ކީއްވެހޭ؟
ނިދާތައް އިވުނު ކެނޑި އަސަރުތައް ފިލައި
ހިދާޔަތުމެ ފަރުދާ ވެލީ ކީއްވެހޭ؟
ސުވާލުން ސުވާލޭ ވެވޭ މީ ސުވާލު
ސުވާސާގެ ކުލަވަރު ވެލީ ކީއްވެހޭ؟
