ކުރާ ކަންކަން ކުރާ އިރުގައި ދުރާ ގާތަށް ބަލަން ވާނޭ
ކުރާ ހުރިހާ ކަމެއް ދެނެވޮޑިގަތުން ވާކަން އެނގެން ވާނޭ
ހިތަށްނާރާ އެތައް ގިނަ ކަންކަމެއް ފަރުދާގެ ފުރަގަހުގައި
ހިތަށްވެސް ނުގެނެވޭ ގޮތަކަށް ހިނގާނޭކަން އެނގެންވާނޭ
ލޮލެއް ހުއްޓަސް ލޮލަށް މީހާ ނުފެންނަ އެތައް ކަމެއް ވާކަން
މޮޅަށް ﷲ ދެނެވޮޑިގަންނަވާ ކަންވެސް އެނގެންވާނޭ
އިވޭ އަދި ކަންފަތެއް ހުއްޓަސް އިވޭނީ ވަކި ހިސާބެއްކަން،
އިވޭ އަޑުނޫން އެތައް ގިނަ އަޑުތަކެއް ވާކަން އެނގެންވާނޭ
ދެމީހަކު ރާވަމުންދާއިރު އެތާ ތިން ވަނަ ފަރާތްވާކަން،
ދެމީހުން އެކަނި ނޫންކަންވެސް ދެމީހުންނަށް އެނގެންވާނޭ
ބަހެއް ބުނެ ބޭރުކޮށް ލުމަކުން އެއަޑު ނިމުނީއަކީ ނޫނޭ،
ބަހުގެ އަޑު ޖައްވުގައި އެކުރާ ދަތުރުތައްވެސް އެނގެންވާނޭ
ތިމާގެ ހިތަށް އަރާހައި ކޮންމެ ޢަމަލެއް ކޮށް އުޅޭއިރުގައި
"ކިރާމަން ކާތިބީން ގަލަމުން" ލިޔާކަންވެސް އެނގެންވާނޭ
