Support Us

އިސްކަމެއް ދޭން ނުވޭހޭ މި މައްސަލަތަކަށް؟؟!!

 ހާދަހާ އަސަރެކޭ ވެރިވަނީ ވިސްނުމުން، މާދަމާ ވާނެ ގޮތްތައް ތަޞައްވުރުވުމުން
އާދަޔާ ދިރިއުޅުން ގެންނަހާ ބަދަލަކުން، "ވާދަޔަށް" ދޭ ހަލާކާއި ގެއްލުންތަކުން

ވިސްނަވާށޭ ތިމާވެށި މި އޮތް ޙާލަތަށް، ފިސްކުރާ މުރަކަޔާ ގާތަކާ ޖެއްސުމަށް
ގިސްލެވޭ ވަރުވެޔޭ ވިސްނި ނަމަ އެންމެނަށް، އިސްކުރާށޭ ތިމާވެށި ޙިމާޔަތްކުރުން

ހަނދުވަރީ ރޭތަކަށް އަންނަ ތޭރަވަ ކޮބާ؟ މަދުނުވާހެން އުޅުނު ފިނދަނަ/ރަތަފައި ކޮބާ؟
އަދު އެސޮރުމެން ހިނގައްޖޭ ދުރަށް ގޮސް އޮބާ، ތަދުފިލާނޭތަ؟ ވިސްނައިފިނަމަ، ހިތްތަކުން

މަސްމަހާމެހި އުޅޭ ގޮތް ބަލައި އުދުހިދާ، ގަސްގަހަށްވުރެ މަތީން ފިޔަދަމާ ހޯރަޔާ
މަސްތަކަށް ކޮށްޖަހާ ބިޔަ ބޮޑެތި މާކަނާ، އަސްލުގައި ވެސް ނުފެނެޔޭ މިތާ ގާތަކުން

ވައްލަ، ކިރުދޫނި، ގާދޫނި ފަދަ ދޫނިތައް، ލައްވަމުން ދިޔަ އަޑާ މިޔުޒިކީ ރާގުތައް
މައްލަވާކޮށް އެ ސޮރުމެން އުޅުނު ފިނޮޅުތައް، ބައްލަވާށޭ! މުޅިން ގެއްލެނީ ލޯތަކުން

މަސްވެރީން މަސްކަނޑުން އައިން ބަލާ ހެތްކަކަށް، ލަޝްކަރެއްހެން އުޅޭ ކުރަނގިފަދަ ދޫނިތައް
[ފަސްގަނޑަށް] ގޮސް ހިފާއިރު މަނާ ގޮތްގޮތަށް، އަސްލުގައި ވާޖިބޭ ހަމަ އެކަން ހުއްޓުވުން

ފަރުމަތީ ހޮރުހޮރަށް ވަދެ އުޅުނު ބޯވަޔާ، ކަރު ދަމައިގެން ތިބޭ އެކި ވަރުގެ ވެންތަކާ
ވަރުވަރުން އުޅުނު އިހި، ހުއިފިލަނޑަޔާ ޑިނގާ، މަރުވެދިޔައީހެ؟ ނޫން! ހުސްކުރީއްޔޭ ފަޅުން

ރަށްރަށަށް ބިސްއަޅައި އުޅުނު ކަހަނބާ ވެލާ، [ހައްދަވައިގެން] މިއަދު ނޫޅެޔޭ ބީހިލާ
ބައްރަކަށް ބިސްއަޅަން ނާރަޔޭ ހަމަ ހިލާ، ރަށްރަށުން ނެތި ދަނީއްޔޭ މި ހުރިހައި ދިރުން

ވަލުތެރޭގައި ހެދޭ ގަސްގަހޭ ނެތިދަނީ، ދަނޑުފަނގަށް ޖާގަނެތި ބިންބިމޭ ހުސްވަނީ
ފަޅުފަޅުން ގާތަކާ މުރަކައޭ ނެތި ދަނީ! ފަޅުކުރާން ބާއެ، އުޅެނީ މިތަން އަތްތަކުން!!

އާދެ! ކާބަންމޮނޮކްސައިޑް އަރަޔޭ ދުމުން، އާދަކޮށް ޑީސަލާ މި ފަދަ ތެޔޮ އެންދުމުން
ވާދައަށް ގެންނަ ކާރާއި ސައިކަލްތަކުން، އާދެ! ވިހަޔޭ ވަނީ ޖައްވު، ވިހަ ގޭސްތަކުން

ގިނަވަމުންދާނެޔޭ މިފަދަ މައްސަލަ މިތާ، ގިނަވި ވަރަކަށް މިތާ ގޭގެޔާ މީހުނާ
ގިނަކުރާން ޖާގައެއް ނެތެ މި ތާގައި ބިނާ، ގިނަ ނުވޭތޯ ބަލާ! ޢާއިލާ ރޭވުމުން

އިސްކަމެއް ދޭން ނުވޭހޭ މި މައްސަލަތަކަށް، ޙިއްސުތައް އަދި ހުރީތީ ކުރީން ހުރި ގޮތަށް
ވިސްނަމާހޭ، މި ކަންކަމުގެ ނާޒުކު ކަމަށް، އިސްކުރާށޭ ތިމާވެށި ޙިމާޔަތް ކުރުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *