Support Us

ކޮންޓޭނަރ އުފުލާ އުޅަނދަކުން ފުރަތަމަ ފަހަރަށް ތިލަފުއްޓަށް މުދާ ބާލަނީ

ކޮންޓޭނަރ އުފުލާ އުޅަނދަކުން ފުރަތަމަ ފަހަރަށް ތިލަފުއްޓަށް މުދާ ބާލަން ފަށައިފިއެވެ.

އެމް.ޕީ.އެލް އިން މިއަދު ބުނީ ކޮންޓޭނަރ ވެސަލް "އެމްއެސްއެސް ގަލީނާ" ރާއްޖެ އައީ 524 ޓީ.އީ.ޔޫ ބަރުކޮށްގެން ކަމަށާއި އޭގެ ތެރެއިން 490 ޓީ.އީ.ޔޫ ބާލާނީ އަލަށް ތަރައްގީކުރާ ތިލަފުށި ކާގޯ ޓަރމިނަލަށް ކަމަށެވެ.

"ތިލަފުށީގައި ކޮންޓޭނަރ ބޭލުމުގެ އޮޕަރޭޝަންސް މި ގޮތަށް ކުރިއަށް ގެންދިއުމަށް ރާވައި، އެކަމާ ގުޅޭ މަސައްކަތްތައް މި ކުންފުނިން ފެށީ މި އަހަރުގެ މެއި މަހުން ފެށިގެންނެވެ. އެއީ، އާދައިގެ މަތިން އައު އަހަރުން ފެށިގެން، ރަމަޟާން މަސް ނިމޭތާ އެއް މަސް ދުވަހާ ހަމައަށް، ރާއްޖެއަށް މުދާ ގެންނަ އަދަދު އިތުރުވާނެ ކަމަށް ބެލެވޭތީއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އެނދުތައް އިތުރުވުމާއި، އައު ރިސޯޓްތައް ހުޅުވުމުގެ ސަބަބުން މުދާ އެތެރެކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ." އެމް.ޕީ.އެލް އިން ބުނެއެވެ.

"އެހެންކަމުން، ތިލަފުއްޓަށް ކޮންޓޭނަރ ބޭލުމުގެ މަސައްކަތްތައް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސީ މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ މައްސަަލައަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައި، ވިޔަފާރިވެރިންނަށް ވީހާވެސް އަވަހަށް މުދާ ކްލިއަރުކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުންނެވެ."

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ އެކި މަސައްކަތްތައް މި ވަގުތު ކުރިއަށް އެބަދެއެވެ. ތިލަފުށި ބަނދަރުގައި އެންމެ ފުރަތަމަ ތަރައްޤީކުރާ 375 މީޓަރު ކީވޯލްގެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީން ދަނީ އެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ. މި ކީވޯލްގެ މަސައްކަތް 2027 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް އެމް.ޕީ.އެލް އިން ބުނެއެވެ.

"އެމް.ޕީ.އެލްގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރުގެ ހުރިހާ އޮޕަރޭޝަނެއް ތިލަފުއްޓަށް ބަދަލުކުރުމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *