Support Us

އެމެރިކާގެ ވައިގެ ސިފައިންގެ އެމްކިއު-9 ރީޕާ ޑްރޯނެއް

އެމެރިކާގެ ދެ ޑްރޯން އީރާނުން ވައްޓައިލައިފި، ސުލްހައިގެ މަސައްކަތްތަކަށް ފަސްޖެހުމެއް

ހުރުމުޒު ކަނޑުއޮޅި މަތިން އެމެރިކާގެ އަސްކަރީ ދެ ޑްރޯން ވައްޓައިލައިފިކަމަށް އީރާނުން މިއަދު ބުނެފިއެވެ.

މި ކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އަސްކަރީ ނުތަނަވަސްކަން އަލުން ބޮޑުވެ، އީރާނާ ދެކޮޅަށް އެމެރިކާއިންކުރަމުންދާ ހަނގުރާމަ ނިންމުމަށްކުރާ މަސައްކަތްތައް އަނެއްކާވެސްވަނީ ފަސްޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ.

އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރުން ބުނި ގޮތުގައި އީރާނުގެ ވައިގެ ދިފާއީ ނިޒާމުން މިއަދުވަނީ އެމެރިކާގެ ވައިގެ ސިފައިންގެ އެމްކިއު-9 ރީޕާ ޑްރޯނެއް އިންޓަސެޕްޓްކޮށްފައެވެ. އެއީ ހަނގުރާމަ ފެށި ފަހުން އީރާނުގެ ބާރުތަކުން ހަލާކުކޮށްލި އެމެރިކާގެ 58 ވަނަ އެމްކިއު-9 ޑްރޯންކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

އަދި ހަމަ މިއަދު، ފަހުން އީރާންގެ ގަޝްމު ޖަޒީރާ ކައިރިން އެމްކިއު-1 ޑްރޯނެއް ވައްޓައިލައިފައިވައިކަމަށްވެސް ރިޕޯޓުކުރިއެވެ.

އީރާނުން ސިފަކުރި ގޮތުގައި މިއީ އެ ފަދަ 19 ވަނަ ހާދިސާއެވެ.

މި ކަމާ އެމެރިކާގެ އަސްކަރިއްޔާއިން އަދި އެއްޗެއް ނުބުނެއެވެ.

އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ އަނެއްކާވެސް ވިދާޅުވީ އީރާނުން ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވައިލުމުގެ ކުރިން ހަތް ޝަރުތެއް ފުރިހަމަވާންޖެހޭނެކަމަށެވެ. އޭގެ ތެރޭގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމުމާއި އެމެރިކާއިން އީރާނާ ދެކޮޅަށް އަޅައިފައިވައި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތިކޮށްފައިވައި ހުރަސްތައް ނައްތައިލުން ހިމެނެއެވެ.

އަރާގްޗީ ވިދާޅުވީ އީރާނުން އަދިވެސް މަޝްވަރާތަކަށް މަރުހަބާ ކިޔާކަމަށެވެ. ނަމަވެސް މިހާރުގެ މަސްރަހު އޭނާ ސިފަކުރެއްވީ "ހަނގުރާމައެއްވެސް ނޫން، ސުލްހައެއްވެސް ނޫން" ހާލަތެއްގެ ގޮތުގައެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނުން ސުލްހައިގެ އެއްބަސްވުމެއް ބޭނުންވިޔަސް ގަބޫލުކުރެވޭ ފަދަ ޝަރުތުތަކަށް އެ ގައުމުން އިންކާރުކޮށްފައިވައިކަމަށެވެ.

"އަހަރެމެން ބޭނުންވަނީ އިހްލާސްތެރި އެއްބަސްވުމެއް ހަދަން. ވޭތުވެދިޔަ 51 އަހަރު އެ މީހުން ހަދަމުންދިޔަ ފަދަ ސައްހަ ނޫން އެއްބަސްވުމެއް ނޫން،" ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ ޓްރެޒަރީ ވުޒާރާއިންވަނީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅައިފައިވައި ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށް އީރާނަށް އެހީތެރިވުމުގެ ގޮތުން ތެލުގެ އާމްދަނީ ބަލަހައްޓައިކަމުގެ ތުހުމަތުގައި އީރާނުގެ ހަތަރު މީހަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައިވައިކަން އިއުލާންކޮށްފައެވެ.

މި ދިޔަ ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ތެލާއި ގޭހުގެ އެކްސްޕޯޓުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އުފުލަނީ ހުރުމުޒު ކަނޑުއޮޅި މެދުވެރިކޮށެވެ. އީރާނާއި އެމެރިކާގެ ދެމެދުގައި މިހާރު އޮތް ނުތަނަވަސްކަމުގެ ސަބަބުން ކަނޑުދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ދުނިޔޭގެ ހަކަތައިގެ އަގުތައްވަނީ ކުރިއަށްވުރެ މައްޗަށް އުފުލިގެން ގޮސްފައެވެ. ހުޅަނގުގެ ގައުމުތަކުގެ ހަފުތާބަންދަށް މާކެޓްތައް އިއްޔެ ބަންދުކޮށްލިއިރު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 92 ޑޮލަރު (1،419ރ.)ގައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 72 ޑޮލަރު (1،110ރ.)ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *