ހއ. ދިއްދުއަށް އާދެވުނީ ރޭގަނޑެއްގައެވެ. އަނެއް ދުވަހު ހެނދުނު ރަށުތެރެއާއި އަތިރިމަތި ބަލާލުމަށް ބުރެއް ޖަހާލީމެވެ. ހަނދާނަށް ޓަކައި ބައެއް ތަންތަން ފޯނުން ފޮޓޯ ނަގަމުން ދިޔައީމެވެ. އަތިރި މަތީގައި ބަހައްޓާފައި ހުރި ދިއްދޫގެ ނަމާ އެކު ބޯތަށްޓެއްގެ ފަރުމާ ހިމަނާފައި ހުއްޓެވެ. ކުރީ ޒަމާނުގައި ދިވެހީން ސައިބޯން ގެންގުޅުނު ކަހަލަ ބޯތަށްޓެކެވެ. އެ ބޯތަށީގައި ޖަހާފައިވާ މާގަނޑުން އެ ސިފަ ބޮޑަށް ހިތަށް ވައްދައިދިނެވެ.
އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރީ ޑިޝް އެންޓަނާއެއްގައި (ބޯތަށްޓެއްގައި) ދިއްދޫ މީހުން ސަތަރި އެޅިއޭ ކިޔައިގެން ދައްކާ ވާހަކައެވެ. ޑިސްއެންޓަނާ ބޯތަށީގެ ވާހަކަ މަޝްހޫރުވެފައި ސައިބޯ ކަހަލަ ބޯތަށްޓެއް ރަށުގެ ރަމުޒެއްގެ ގޮތުގައި ބަހައްޓާފައި ހުރުމުން ސުވާލު އުފެދުނެވެ. އެހެންވެ މިކަމުގެ ހަގީގަތް ބަލާލާހިތްވިއެވެ. ދިއްދޫގެ އެކި އުމުރުގެ މީހުންނާ ވާހަކަ ދައްކާލީމެވެ. އަޅުގަނޑު ވާހަކަ ދައްކައި މަޢުލޫމާތު ހޯދި ހުރިހާ އެންމެންނަށް ވެސް ބޯންތަށީގެ ޙަޤީޤަތް އެނގެއެވެ. އެ ޙަޤީޤަތް ނޭނގެނީ އެހެން މީހުންނަށެވެ.

ބޯތަށްޓާއި ބޯންތަށި
ދިއްދޫ މީހުންނަށް "ދިއްދޫ ބޯންތަށި" ކިޔަމުން އައީ ޑިޝްއެންޓަނާގައި ސަތަރި އެޅިކަމަށް ބުނާ ދުވަސްވަރަށް ވުރެ މާކުރިންނެވެ. ދިވެހިރާއްޖެއަށް ޑިސްއެންޓަނާ އެތެރެކުރަން ފެށުމުގެ ވެސް މާ ކުރިންނެވެ. އެހެންކުން ދިއްދޫ ބޯންތަށްޓާއި ޑިޝްއެންޓަނާއާ ގުޅުމެއްނެތެވެ.
ދިއްދޫ މީހުންނަށް ބޯންތަށި ކިޔަމުން އައީ ބޯތަށީގެ ވަކި ސައިޒެއްގެ ބޯތަށްޓަށް އެމީހުން "ބޯންތަށި" ކިޔާތީއެވެ. ބޯތަށީގެ ތަފާތު ސައިޒުތައް ހުންނައިރު އެއް ސައިޒަކީ ރިހައާއި ގަރުދިޔަ އަޅަން ބޭނުންކުރާ ބޮޑެތި ސައިޒުގެ ބޯތަށްޓެވެ. މި ސައިޒުގެ ބޯތަށްޓަށް ދިއްދޫ މީހުން ވެސް ކިޔަނީ ބޯތަށްޓެވެ. ދިއްދޫ މީހުން ބޯންތަށި ކިޔަނީ ބޯތަށީގައި ތުންޖަހައިގެން އެއްޗެތި ބޯން ބޭނުންކުރާ ސައިޒުގެ ކުދި ބޯތަށްޓަށެވެ. މިއީ ބަހަވީ ގޮތުން ބަލާއިރު ބަހަށް ލިބޭ ފުރިހަމަ ކަމެކެވެ. ކުދި ބޯތަށްޓަށް މި ލަފުޒު ބޭނުންކުރަނީ ހަމައެކަނި ދިއްދޫ މީހުން ކަމަށްވުމަކީ ދިއްދޫއަށް ލިބޭ ފަޚުރަކާއި ޝަރަފެކެވެ. މިއީ ދިއްދޫ ރައްޔިތުންގެ ބަހުގެ މައްސަނދިކަމެވެ.
ދިއްދޫ މީހުން ކުދި ބޯތަށްޓަށް ބޯންތަށި ކިޔުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. ހަމައެކަނި ދިއްދޫ މީހުން ބޭނުންކުރާ ނަންތަކަކާއި ލަފުޒުތަކެއް މި ނޫނަސް އެބަހުއްޓެވެ. އޭގެތެރޭން އެއް ނަމަކީ ވިނގެވެ. ދިއްދޫ މީހުން ވިނގު ކިޔަނީ ޅަމިޔަރަށެވެ. އަނެއް ލަފުޒަކީ "އެކަތުން" ނެވެ. މިއީ އެއްއަތުންނެވެ. "ގޮޅި" ކިޔަނީ 'ގޯޅި" އަށެވެ. ކާށްޓަށް "ކަހެރި" ވެސް ކިޔައެވެ. މި ނޫނަސް އެހެން އެއްވެސް ރަށެއްގެ ބަޔަކު ބޭނުންނުކުރާ ޚާއްޞަ ނަންނަމާއި ލަފުޒުތައް ދިއްދޫ މީހުން ބޭނުންކުރެއެވެ.

ދިއްދޫ މީހުން 1990 ގެ އަހަރުތަކުގެ ކުރީކޮޅުގައި ޑިޝްއެންޓަނާއެއްގައި ސަތަރި އެޅިކަމަށް ކިޔާ ވާހަކައިގައި މާ ބޮޑު އަސްލެއް އޮތް ކަމެއް ކަމަކަށް ދިއްދޫން އަޅުގަނޑު ވާހަކަ ދެއްކި ގިނަ މީހުން ގަބޫލެއް ނުކުރެއެވެ. އަދި މިއީ މާބޮޑު ކަމަކަށް ހަދައިގެން ބަޔަކު ވާހަކަ ދައްކަން ޖެހޭ ސަބަބެއް އޮތްކަމެއް ކަމަކަށް ވެސް ނުފެނެއެވެ. ރަށްރަށާ ގުޅިފައިވާ މިފަދަ ކޮންމެ ވާހަކައެއް ވެސް އުފަންވަނީ ކޮންމެވެސް ހާދިސާއަކާ ގުޅިގެންނެވެ. ބައެއް ފަހަރު ކަންހިނގިގޮތް ބޮޑުކޮށްލައިގެން އަދި ކަންހިނގިގޮތާ ޚިލާފަށް ވެސް މި ބާވަތުގެ ވާހަކަ އުފަންވެފައި ހުރެއެވެ.
ޑިޝްއެންޓަނާގައި ދިއްދޫ މީހުން ސަތަރިއެޅި ވާހަކަ ދެތިން ގޮތަކަށް މި ވާހަކަ މީހުން ކިޔައެވެ. މީގެ ތެރެއިން އަޅުގަނޑަށް މަޢުލޫމާތު ދިން ގިނަ މީހުން ކިޔައިދިން ގޮތުގައި ސަތަރި އެޅިކަމަށް ބުނާ ބޯތަށި (ޑިޝްއެންޓަނާ) އަކީ ދިއްދޫގައި ހުންނަ ހއ. އަތޮޅު، އަތޮޅު އޮފީހުގައި ބަހައްޓަން އުޅުނު ބޯތަށްޓެކެވެ. މި ހާދިސާ ހިނގީ ބޯތަށި ހަރު ވެސް ނުކުރަނީހެވެ. މި ބޯތަށިރޭވުމާއި ބެހެއްޓުމުގެ މަސައްކަތް ކުރީ އެކަމުގެ ތަޖުރިބާކާރު ޓެކްނީޝަނުންނެވެ. މި މަސައްކަތް ކުރަނިކޮށް ވާރޭ ވެހިގަތުމުން އެ މަސައްކަތުގައި އުޅުނު މީހުން ބޯތަށީގެ ބައިތަކާއި އެ މީހުން ގެންގުޅުނު ސާމާނުގައި އެތަނުގައި ތިބި މަސައްކަތު މީހުން ކައިރި ބުނެގެން ސަތަރި އެޅުވީ ކަމަށްވެއެވެ. އެހެންކަމަށް ވާނަމަ މިއީ ބަޔަކަށް މަލާމާތްކޮށް ފުރައްސާރަ ކުރުމުގެ ގޮތުން ބަޔަކު ދައްކާވަރުގެ ވާހަކައެއް ނޫނެވެ.

އަޅުގަނޑު ބެލިބެލުމުން އެނގުނީ ދިވެހިރާއްޖޭގެ ގިނަ މީހުންނަށް "ދިއްދޫ ބޯންތަށީ"ގެ ޙަޤީޤަތް ވަރަށް ބޮޑަށް އޮޅިފައިވާ ކަމެވެ. ދިއްދޫ ބޯންތަށްޓަކީ ޑިޝްއެންޓަނާއެއް ނޫނެވެ. އަދި ބޯތަށީގައި ސަތަރި އެޅި ހާދިސާއާ ގުޅުމެއް ހުރި ވާހަކައެއް ވެސް ނޫނެވެ. ދިއްދޫ މީހުން ކިޔާ ބޯންތަށްޓަކީ ކުރީ ޒަމާނުގައި ތުންޖަހައިގެން އެކިއެކި އެއްޗެތި ބޯން ބޭނުންކުރި ސައިޒުގެ ބޯތަށްޓަށް ކިޔާ ޚާއްޞަ ނަމެކެވެ. ބޯންތަށްޓެކޭ ބުނެފިނަމަ އެއީ ކޮން ސައިޒެއްގެ ބޯތަށްޓެއްކަން ކުރީ ޒަމާނުގައި ދިއްދޫ މީހުންނަށް އެނގެއެވެ. އެކަން ނޭނގެނީ އެހެން މީހުންނަށެވެ.
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment