1. އެންމެ ރިވެތި ނަފްސުތަކުގެ އަހުލުވެރިންނަކީ، ދެބަސްވުމުގެ ވަގުތުގައި ވެސް، އެ މީހުންނަށް ކޮށްދެވޭ އިހުސާންތެރިކަމެއްގެ މަތިން ހަނދާން ނުނެތޭ މީހުންނެވެ.
2. ވަފާތެރިކަމަކީ ވަރަށް ވެސް އަގު ބޮޑު އެއްޗެކެވެ. އެއްވެސް އަގެއް ނެތް، ދަށު ދަރަޖައިގެ ނަފްސެއްގެ ކިބައިން އެ ފަދަ އަގު ބޮޑު އެއްޗެއް ލިބިދާނެ ކަމަށް ހީކުރުމަކީ ވެސް މޮޔަކަމެކެވެ.
3. ބޫޓެއް ކިތަންމެ ވަރަކަށް ވެސް އޮފުކުރެވިދާނެއެވެ. ނަމަވެސް، އާޚިރުގައި އެ ވާނީ ހަމަ ބޫޓަކަށެވެ. ކޯޓެއް ލައްވައި ނަލަހައްދާލައިގެން ބޮޑު ގޮނޑިއެއްގައި ހިމާރެއް ބޭންދިދާނެއެވެ. އެހެންވިޔަސް، އެވާނީ ހަމަ ހިމާރަކަށެވެ. އަނގަ ހުތުރު، ހަޑި އެއްޗެހި ކިޔާ މީހަކު މިސްކިތުގެ މިންބަރަށް އެރުވިދާނެއެވެ. އެހެން ވިޔަސް، އޭނަގެ އަނގައިން ހެޔޮ ބަހެއް ނުކުމެދާނެ ކަމަކަށް ނުބެލެވޭނެއެވެ.
4. އެކުގައި އުޅެލުމުން މީހެއްގެ ޖައުހަރު، އޭނަގެ ހަގީގަތް ސާފުވެ، ރަނާއި ލޯ ވަކިވެ ދެއެވެ.
5. މާ އަވަހަށް މާފުކޮށް، އެންމެން ރުއްސަން އުޅެފި ނަމަ، ކަލެއަށް ލިބިދޭންޖެހޭ ހައްގާއި އިހުތިރާމު މަތިން ހަނދާން ނައްތާލެވި، އެކަމާ މެދު އިހުމާލުވެއެއެވެ.
6. ރުޅިއައިސްގެން ހުރެ އެއްޗެއް ނުބުނާށެވެ. އެ ފަދަ ހާލަތެއްގައި އެއްޗެއް ބުނެފި ނަމަ، މުޅި އުމުރަށް ވެސް ހިތާމަކުރަން ޖެހޭ ބަހެއް ކަލޭގެ އަނގައިން ނުކުމެދާނެއެވެ.
7. އެއްބައި މީހުން ހޯދަނީ ހުވަފެން ތައުބީރު ކުރާނެ މީހެކެވެ. ނަމަވެސް، ކަލޭ ކުރިމަތިލާން ޖެހިފައި އޮތް ހަގީގަތް ތައުބީރުކޮށްދޭނޭ މީހަކު ކަލޭ ހޯދާށެވެ.
8. މީހުންނަށް ފާޑުކިޔުމުގެ ކުރިން، އެންމެ ފުރަތަމަ ކަލޭގެ ނަފްސު ރަނގަޅަށް ދެނެގަންނާށެވެ.
9. ކޮންމެ ކަމެއް ކުރުމަށްޓަކައި ވެސް ދެވަނަ ފުރުސަތެއް ލިބިދާނެއެވެ. ދެވަނަ ފަހަރަށް އިތުބާރު ކުރެވުން ފިޔަވައެވެ.
10. އުމުރުގެ އަދަދު މަތިވެގެން ދިޔުމަކީ ބުއްދީގެ ގޮތުން ކުރިއެރުން ލިބުމެއް ނޫނެވެ. ބައެއް މީހުން އުމުރުގެ އަދަދު މަތިވަމުން ދިޔަވަރަކަށް ހެޔޮ ބުއްދި ވިސްނޭ މިންވަރު ދަށަށް ދެއެވެ.
11. އޭނަގެ ދުލުން ބޭރުވާ ބަހުން، ސޭކު، މޮޔަ މީހާ އެނގެއެވެ. ބުއްދިވެރި ހިކުމަތުގެ ވެރިޔާ އެނގެނީ އޭނަގެ ހަނުހުންނަ ހުރުމުންނެވެ.
