މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ދިމާވި ބޮޑު މައްސަލައަކާ ގުޅިގެން 70 އަށްވުރެ ގިނަ ގައުމުގެ ވިޔަފާރިތަކަށާއި ސަރުކާރުގެ އިދާރާތަކަށާއި އެހެނިހެން ޖަމާއަތްތަކުގެ މަސައްކަތްތަކަށްވަނީ ހުރަސްއެޅިފައެވެ. މި މެދުކެނޑުމުގެ އަސަރު އައުޓްލުކް، ޓީމްސް، ކޯޕައިލަޓް އަދި މައިކްރޯސޮފްޓް 365 ގެ އެހެނިހެން ހިދުމަތްތަކަށްވަނީކޮށްފައެވެ.
މި މައްސަލަތައް ކުރިމަތިވާން ފެށީ އިއްޔެ ޖީ.އެމް.ޓީ ގަޑިން ހަވީރު 4:00 އެހާކަންހާއިރުއެވެ. އެތައް ހާސް ބަޔަކަށް އެ މީހުންގެ އީމެއިލް އެކައުންޓްތަކަށް ނުވަދެވުނެވެ. އެހެން ބައެއް މީހުންނަށް މެސެޖުތައް ލިބުން ލަސްވުމާއި މައިކްރޯސޮފްޓްގެ ވޯކްޕްލޭސް އެޕްލިކޭޝަންތައް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިވިއެވެ.
ހިދުމަތްތައް މެދުކެނޑޭ މިންވަރު ބަލާ އޮންލައިން ހިދުމަތެއްކަމަށްވާ ޑައުންޑިޓެކްޓާއިން އިއްޔެ އެމެރިކާއިން އައުޓްލުކްގެ މައްސަލަތަކާ ގުޅޭ ގާތްގަނޑަކަށް 130,000 ރިޕޯޓު ރެކޯޑުކޮށްފައިވެއެވެ. އަދި މިއަދު ހެނދުނާ ހަމައަށް 72 ގައުމަކުން މަދުވެގެން 43,000 ރިޕޯޓުވަނީ ލިބިފައެވެ. މިއީ އަސަރުކުރި ޖުމްލަ މީހުންގެ އަދަދުކަމަށް ނުވެދާނެއެވެ.
މައިކްރޯސޮފްޓުން ބުނީ މި މެދުކެނޑުން ދިމާވީ ސާވާތަކަށް ދިމާވި މައްސަލައަކުންކަމަށެވެ. ބައެއް ސާވާތަކުގެ ހިދުމަތް މެދުކެނޑުނީއެވެ. އަދި “އޮޓޮމެޓިކް ހެލްތު ޗެކްތައް" ނުވަތަ އެ ތަކެތި މަސައްކަތްކުރޭތޯ ބަލަން އޮޓޮމޭޓްކޮށްފައިވައި ނިޒާމުތައްވަނީ ފޭލިވެފައެވެ. މީގެ ސަބަބުން ބާކީ ހުރި ސާވާތަކަށް އިތުރަށް ބާރުބޮޑުވިއެވެ.
ކުންފުނިން ފުރަތަމަ ރިޕޯޓުކުރި ގޮތުގައި ހިދުމަތްތައް އަލުން ދިނުމަށްކުރި މަސައްކަތުން ލިބުނީ ކުޑަ ކާމިޔާބީއެކެވެ. ފަހުންވަނީ ސޮފްޓްވެއާ ހައްލުތައް ނެރެ، އަސަރުކޮށްފައިވާ އިންފްރާސްޓްރަކްޗަރާ ދުރަށް ޓްރެފިކް ގެންދަން ފަށައިފައެވެ.
މައިކްރޯސޮފްޓުންވަނީ މިއީ ސައިބާ ހަމަލާއެއްގެ ސަބަބުން ދިމާވި ކަމެއް ނޫންކަންވެސް ކަށަވަރުކޮށްދީފައެވެ.

"މިއީ ނުރައްކާތެރި ނުވަތަ ސައިބާ ހަރަކާތެއްގެ ނަތީޖާކަމަށް ބެލެވޭ އެއްވެސް ނިޝާނެއް ނެތް،" ކޯޕައިލަޓް، އޭޖެންޓްސް އަދި ޕްލެޓްފޯމާ ބެހޭ އެ ކުންފުނީގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ޗާލްސް ލަމާނާ ބުންޏެވެ.
މި ހާދިސާގެ އަސަރު އާންމު އޮފީސް މަސައްކަތްތަކުގެ ބޭރަށްވެސް ފޯރިއެވެ. ސިންގަޕޫރާއި ޖަޕާނުގެ ސަރުކާރުގެ އީމެއިލް ނިޒާމުތަކަށްވަނީ ހުރަސްއެޅިފައެވެ. ފިލިޕީންސްގެ ސުޕްރީމް ކޯޓުގެ މަސައްކަތްތަކަށްވެސް މައްސަލަތައް ކުރިމަތިވިކަމަށް ރިޕޯޓުކުރިއެވެ. އޮސްޓްރޭލިއާގައި، އެ ގައުމުގެ ޖާސޫސީ އިދާރާއާއި ފެޑެރަލް ފުލުހުން ހިމެނޭހެން، ސަރުކާރުގެ އިދާރާތަކަށް އަސަރުކުރިއެވެ. އިނގިރޭސި ވިލާތުގެ ފުލުހުންނަށް އޮންލައިންކޮށް ކުށުގެ ރިޕޯޓުތައް ލިބުމުގައި ދަތިތަކާ ކުރިމަތިވިކަމަށް ރިޕޯޓުކުރިއެވެ. ބައެއް ވިޔަފާރިތަކަށްވަނީ މުވާސަލާތުކުރުމަށް އެހެން ވަސީލަތްތައް ބޭނުންކުރަން މަޖުބޫރުވެފައެވެ.
މިއަދު މައިކްރޯސޮފްޓުންވަނީ ރަނގަޅު ވަމުންދާކަމުގެ ފުރަތަމަ ނިޝާންތައް ފެންނަމުންދާކަމަށް ރިޕޯޓުކޮށްފައެވެ. ނަމަވެސް ހިދުމަތްތައް އަދިވެސް ހަމައަކަށް ނޭޅޭކަމަށާއި ފުރިހަމައަށް ހިދުމަތްތައް ނުދެވޭކަމަށް އެ ކުންފުނިން ބުންޏެވެ. މައިކްރޯސޮފްޓުން ބުނީ ނިޒާމުތައް ފިޔަވަހިތަކަކަށް ބަހައިލައިގެން ރަނގަޅުކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.
އޮސްޓްރޭލިއާގެ ދާހިލީ ވަޒީރު ޓޯނީ ބާކް ވިދާޅުވީ މައިކްރޯސޮފްޓުން މި ހާދިސާ ސިފަކޮށްފައިވަނީ 2024 ގެ ކްރައުޑްސްޓްރައިކް ހާދިސާއާ އެއް ކަހަލަ ގޮތަކަށްކަމަށެވެ. ކްރައުޑްސްޓްރައިކް ހާދިސާއަކީ ސައިބާ ސަލާމަތާ ބެހޭ ކްރައުޑްސްޓްރައިކް ކުންފުނިން ނެރުނު މައްސަލަ ޖެހިފައިވައި ސޮފްޓްވެއާ އަދާހަމައަކާ ގުޅިގެން ދުނިޔޭގެ ފެންވަރުގައި ކޮމްޕިއުޓަރުތަކަށް ޖެހުނު މައްސަލައެކެވެ.
ޓެކްނޮލޮޖީ އެނަލިސްޓް ރޫޕަޓް ގުޑްވިންސް އަލްޖަޒީރާއަށް ބުނީ މިހާރު ކުރިމަތިވެފައިވައި މި ހާދިސާއިން ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކަށް މާ ބޮޑަށް ބަރޯސާވުމުގެ ނުރައްކާ ހާމަވެއްޖެކަމަށެވެ. މައިކްރޯސޮފްޓްގެ ހިދުމަތްތަކުގެ މި މެދުކެނޑުން އޭނާ ސިފަކުރީ "މައިކްރޯސޮފްޓަށް ވަރަށް ލަދުވެތި، އަދި އަހަރެމެން އެންމެންނަށް ވަރަށް އުނދަގޫވި"ކަމެއްގެ ގޮތުގައެވެ.
މި ހާދިސާއާއެކު، ސަރުކާރުތަކާއި ވިޔަފާރިތަކުން ޓެކްނޮލޮޖީގެ މަދު ކުންފުނިތަކަކަށް ބަރޯސާވުމާމެދު އަލުންވަނީ ކަންބޮޑުވުންތައް އުފެދިފައެވެ. ތަޖުރިބާކާރުން ބުނަނީ މުއައްސަސާތަކުން އެހެނިހެން މުވާސަލާތީ ނިޒާމުތައް ހޯދުން މުހިންމުކަމަށެވެ. އަދި ހިދުމަތްތައް މެދުކެނޑިދާނެ ހާލަތްތަކަށް ތައްޔާރުވެގެން ތިބެން ޖެހޭކަމަށެވެ.
އިނގިރޭސި ވިލާތުގެ ދައުލަތުގެ ގައުމެއްކަމަށްވާ އިންގްލެންޑްގެ ކޭމްބްރިޖް ޔުނިވާސިޓީގެ ރިސާޗަރު ވޯލްޓާ ޕަސްކުއަރެލީ ބުނީ މުއައްސަސާތަކުން ވިސްނަންޖެހޭ ކަމަކީ މެދުކެނޑުމެއް ދިމާވެއްޖެނަމަ، އަހަރެމެން ހިންގަން ޖެހޭ އެންމެ މަދު ހިދުމަތަކީ ނުވަތަ އުފެއްދުމަކީ ކޮބައިކަންކަމަށެވެ.
މި ފަހަރު މި ދިމާވި ހާދިސާގެ ސަބަބުން ގައުމުތަކުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރުގެ މައްޗަށް އެ ގައުމެއްގެ އަމިއްލަ ކޮންޓްރޯލް ބޮޑުކުރުމަށާއި ބޭރުގެ ޓެކްނޮލޮޖީ ކުންފުނިތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ގޮވައިލައި ގޮވައިލުންތަކަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ފެނެއެވެ.



advertisment