ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ ކިބައިން ދިވެހިރާއްޖެ މިނިވަން ކުރެއްވިތާ 185 އަހަރު ފަހުން، މަލާބާރީން (ހޮޅީން) ގެ ލަޝްކަރެއް ދިވެހިރާއްޖެއަށް އައިސް ދިވެހީންގެ މިނިވަންކަން ފިރާލިއެވެ. އެއީ މީލާދީން 20 ޑިސެންބަރު 1752 އެވެ. ހިޖުރައިން 13 ޞަފަރު 1166 އެވެ. ދިވެހިރާއްޖޭގެ ރަސްކަމުގައި އިންނެވި އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން (ތިންވަނަ) ރަހީނުކޮށްގެން ކަންނަންނޫރަށް ގެންގޮސް މާލޭގައި މަލާބާރީންގެ އަނިޔާވެރި އަޅުވެތިކަން ފަށައިގަތެވެ. އޭރު ވަނީ ރަސްކަމުގެ ގަނޑުވަރުގައި ހުޅުޖަހައި އެތެރެކޮއިލުގެ ހުރިހާ ގެތަކާއި ނާބުސްޚާނާއާއި ދޮރޯށިތައް އަންދާލައިފައެވެ. ދުޝްމަނުން ޖެހި ހުޅުގައި މާލޭގެ ދެބައިކުޅަ އެއްބައި ގެތައް ވެސް ވަނީ އަނދައި އަޅިއަށްވެފައެވެ. އޭގެފަހުގައި މަލާބާރީންނަށް ދައުވަތުދީގެން ގެނައި ދިވެހި އުންމަތަށް ޚިޔާނާތްތެރިި، ދެ ޚާއިނުންކަމުގައިވާ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނާއި އަލްޚަޠީބު އަޙްމަދު މުޙުޔިއްދީނާ ދެބެން ދުޝްމަނުން ކަނޑުފައްތާމަރައިލިއެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި މަލާބާރީންގެ އަޅުވެތިކަމުގެ އަނިޔާވެރިކަން ދިވެހީންގެ މައްޗަށް އޭގެ ނިހާޔަތަށް ފަތުރާލައިފިއެވެ.
ހޮޅީންގެ އަނިޔާވެރިކަމުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވީ މުލީގޭ ދޮން ޙަސަން މަނިކުފާނެވެ. ފަހުން އެއީ އަލްޣާޒީ ޙަސަން ޢިއްޒުންދީނެވެ. އެއީ ދިވެހިން އެ ބޭފުޅެއް ދެކެ ނުހަނު ލޯބިވާ، އަމިއްލަ އެދުންފުޅެއްނެތި ޤައުމަށް ޚިދުމަތް ކުރެއްވި މަޝްހޫރު ދޮންބަންޑާރައިންނެވެ. އެ އުފާވެރި ތާރީޚަކީ މީލާދީން 7 އެޕްރީލް 1753 އެވެ. ހިޖުރައިން 3 ޖުމާދަލްއާޚިރާ 1166 ވީ އާދިއްތަ ދުވަހެވެ. ދިވެހި ތާރީޚުގެ ފަތްފުށްތަކުން ފެންނަނީ ދޮންބަންޑާރައިން އެތަކެއް ފަހަރުމަތިން މަލާބާރީންނާ ހަނގުރާމަކުރައްވައި ނަޞްރާއި ފަތަޙަ ހޯއްދެވިތަނެވެ. މީގެ ތެރެއިން އެއް ހަނގުރާމައަކީ "ދޮނަކުޅީގެ ހަނގުރާމަ" އެވެ.
ހޮޅީން މާލެ ހިފައި ދިވެހިރާއްޖޭގެ ރަދުންނާއި ވަލީއަހުދާއި ރަސްކަމުގެ ބޮޑުންގެ އެތައް ބޭފުޅުންނެއް ގޮވައިގެން ދިއުމަށްފަހު ކަންނަންނޫރު އަލީރާޖާ މާލެއަށް ދެ އޮޑިއެއް ފޮނުވިއެވެ. އެއީ އަލީރާޖާގެ ކޮލިފަތްތޫރަ ހިންގުމަށާއި އެ ބައި މީހުންގެ ބާރު އިތުރަށް ވަރުގަދަކުރުމަށް ފޮނުވި ރެއިންސްފޯސްމަންޓެކެވެ. އެ މީހުންގެ ޚަބަރެއް ނުވެގެން އަލީރާޖާ ހުއްޓާ އޭނާއަށް ލިބުނު ޚަބަރަކީ ދިވެހީން މަލާބާރީންގެ މައްޗަށް ގަދަވެގަނެ ދިވެހީންގެ މިނިވަންކަން ދިވެހީން އަނބުރާ ހޯދި ޚަބަރާއި، މާލެއަށް ފޮނުވި ދެ އޮޑިއާއި އޭގައިހުރި ހުރިހާ މުދަލެއް ވެސް ދިވެހީން އަތުލައިގަތް ޚަބަރެވެ. މި ޚަބަރު ލިބުމާ އެކު ރުޅިވެރިކަން އިސްކޮށް އަލުން ތިންނަވާއި، ދެ އޮޑި ތައްޔާރުކޮށް ހަތިޔާރާއި މީހުންނާއި ކާބޯތަކެތި ލާފައި ދިވެހިރާއްޖެއަށް ހަނގުރާމައަށް ފޮނުވިއެވެ. މި ބައި މީހުން ތިލަދުންމަތީ ދޮނަކުޅި ހިފައި އެތަނުގައި ފަސްބާޑި (ބަންކަރުތައް) ޖަހައި ކިއްލާތައްހަދައި އަސްކަރީ ބޭހަކަށް އެ ރަށް ހެދިއެވެ. ތިންނަވާއި ދެ އޮޑިން ގެނައި ހަތިޔާރާއި ކާބޯކަތި ބާލައި އެރަށުގައި ޤާއިމުވެ ތިބެ, އަތޮޅުގެ އެހެން ރަށްރަށަށް އަރައި، ފޭރި، މީހުންނަށް ހާނިއްޔަކޮށް، މީހުން މަރައި ހަދަން ފަށައިފިއެވެ. މި އަނިޔާވެރިކަން ބޮޑު ތިލަދުންމަތި ފަސްދީ، މިލަދުންމަޑުލަށް ވެސް އެބައި މީހުން ފުޅާކުރިއެވެ.
އޭރު ދިވެހިރާއްޖޭގެ ރަސްކަން ބަލަހައްޓައި ދެއްވައި ހިންގަވައި ދެއްވަމުން ގެންދެވީ ރަސްކަމުގެ ބޮޑުންގެ ލަފާފުޅާ އެކު ދޮންބަންޑަރައިންނެވެ. ފުރަތަމަ ދިޔަމިގިލީ ދަރިކޮޅުގެ އިބްރާހީމް ރަސްގެފާނުގެ ދަރިކަނބަލުން އާމިނާ ކަނބާފާނުގެ ނަންފުޅުގައެވެ. ފަހުން އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނުގެ ތުއްޕުޅު ދަރިކަނބަލުން އާމިނާ ރަނިކިލެގެފާނުގެ ނަންފުޅުގައެވެ. ދުޝްމަނުން ދޮނަކުޅި ހިފައިގެން ތިބެ ހިންގަމުން ގެންދާ އަނިޔާވެރި ޢަމަލުތަކުގެ ޚަބަރު މާލެއަށް ލިބުމުން ދޮންބަންޑާރައިން ރަސްކަމުގެ ބޮޑުންނާ މަޝްވަރާ ކުރެއްވިއެވެ. ހުރިހާ ބޭފުޅުންނަށް ވެސް ފެނިވަޑައިގަތީ ދޮންބަންޑާރައިން އިސްކުރައްވައި ހަނގުރާމައަށް އަރުމާދެއް ފޮނުއްވުމަށެވެ. ހަމައެއާ އެކު ރަސްކަމުގެ ބޮޑުންނަށް ފެނިވަޑައިގަތީ މުލީގެ ދޮން ޙަސަން މަނިކުފާނު (ދޮންބަންޜައިން) ނަށް ހަތްދަށު ކޮއްޔެއް ލެއްވުމަށެވެ. މިގޮތުން ކޮލި ލެއްވީ "ރަންނަބަޑޭރި" ކަމަށެވެ. އެ ހިސާބުން ދޮންބަންޑާރައިންނަކީ ޙަސަން ރަންނަބަނޑޭރި ކިލެގެފާނެވެ.
އަސްކަރާއި ލަޝްކަރުގެ ތެރެއިން ހިތްވަރުހުރި ޒުވާނުން ނަންގަވައި ދޮންބަންޑާރައިން ވަރުގަދަ އަސްކަރީ އަރުމާދެއް ތައްޔާރުކުރައްވައި މާލާބާރީންނާ ދެކޮޅަށް ހަނގުރާމައަށް ވަޑައިގަތެވެ. ކަނޑުމަތިން ދިމާކުރި ހުރިހާ ދުޝްމަނުންނެއް ބަލި ކުރައްވައި ދޮނަކުޅި ބޭރަށް އަރުމާދައިގެން ބަނދަރުކުރެއްވިއެވެ. ހަމަލާ ދެއްވަން ފެށްޓެވީ ބޮޑު ބަޑިންނެވެ. އޭރު ދުޝްމަނުން ވަނީ ދޮނަކުޅީގައި ތިބި ދިވެހީންނަށް އަނިޔާކޮށް މަރައި، ދިރިތިބި ބަޔަކު ވިއްޔާ ރަށުން ފައްސާ ބޭރުކޮށްފައެވެ. ދޮނަކުޅީގެ ގިނަ މީހުން ހިޖުރަކުރީ ތިލަދުންމަތީ ދިއްދޫއަށެވެ. އޭގެ ކުރިން ދިއްދޫއަކީ ބުނެވޭގޮތުގައި ފަޅު ރަށެކެވެ.
ދޮނަކުޅިއަށް ދިވެހި އަސްކަރީ އަރުމާދުން ދިން ވަރުގަދަ ހަމަލާތަކަށްފަހު ދޮންބަންޑާރައިންނާއި ލަޝްކަރު އެރަށަށް ބާރާއެކު އަރާވަޑައިގަތެވެ. އެއަށްފަހު އެއްގަމުގައި ކުރެއްވި ވަރުގަދަ ހަނގުރާމައިގައި ދުޝްމަނުން ބަލިކުރައްވައި ކާމިޔާބު ހޯއްދެވިއެވެ. މި ހަނގުރާމައިގައި 100 އަށްވުރެ ގިނަ ދުޝްމަނުން މަރުވެ، އެތައް މުދަލަކާއި ހަތިޔާރެއް ޣަނީމާ ކުރެއްވިއެވެ. އެއީ މީލާދީން 1754 ވަނަ އަހަރެވެ. ހިޖުރައިން 1167 ވަނަ އަހަރެވެ.
މި ޤައުމީ ޖިހާދުގައި ދޮންބަންޑާރައިން އިސް ވެރިޔަކަށް ހުންނަވައި ހޯއްދެވި ކާމިޔާބީގެ އަގު ވަޒަންކުރައްވަން ރަސްކަމުގެ ބޮޑުން ބޭނުންފުޅުވިއެވެ. އެ ބޭފުޅުންގެ ތެރޭގައި މަޝްވަރާކުރައްވައި ދޮންބަންޑާރައިންނަށް "އަލްޣާޒީ" ކަމުގެ ލަޤަބު އެރުއްވިއެވެ. އެހިސާބުން އެއީ އަލްޣާޒީ ޙަސަން ޢިއްޒުއްދީން ރަންނަބަޑޭރިކިލެގެފާނެވެ. ފަހުން ރަސްކަން ލިބިވަޑައިގަތުމުން ފުރިހަމަ ކޮލީ ނަންފުޅާއެކު އެއީ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުންދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ.
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން
ފޮޓޯ ކްރެޑިޓް: ހިންނަވަރު ޞިއްޙީ މަރުކަޒު



advertisment